އިބްރާހިމް ޒަކީ
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިމް ޝަމީމް އެދިވަޑައިގަންނަވަނީ، ދައުވާ އުފުލުމަށް ބަންދުގައި ބައިތިއްބާ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމުގެ ބާރު ޕީޖީއަށް އޮތުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ ސަބަބުން ދިމާވެފައިވާ ފަދަ ހާއްސަ ހާލަތްތަކުގައި ޖިނާއީ މައްސަލަތަކުގައި އަމަކުރާނެ ގޮތް ބަޔާން ކުރާނެ ގޮތް ކަނޑައެޅުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި މި ބިލާބެހޭގޮތުން ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، "ހަގީގައިތުގައި ޕީޖީއަށް އެކުރިމަތިވި ދައްޗެއްކަމަށް އަޅުގަނޑަށް ފެނިފަ އޮތީ އެނގިފައޮތީ، އަޅުގަނޑު ގާތުގައި ބުނެފައޮތީ، ބަންދުގައި ބަހައްޓާ މުއްދަތުގެ ތެރޭގައި ތުހުމަތެއް ކުރެވޭ މީހަކަށް ދައުވާއެއް އުފުލޭ މިންވަރަށް ކަންކަން ކުރިއަށް ނުގެންދެވޭތީ، އެހެންވީމާ ދައުވާއެއް އުފުލުމަށް ބަންދުގައި ބެހެއްޓުމަށް ހުއްދަކުރާ މުއްދަތު އިތުރުކޮށްދިނުމަށް މިހާލަތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ބޭނުންވާ ކަަމަށް،" ކަމުގަައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށްވެސް ފާހަގަވެފައި ވަނީ ހަމަ އެގޮތަށް ކަމަށާއި، ނަމަވެސް ބިލް ޑްރާފްޓްވެގެން މަޖިލީހަށް އައިސްފައި އޮތް ގޮތާމެދު އެކި ގޮތްގޮތަށް މެންބަރުން ވާހަކަ ދައްކަވަނީ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެބިލް ކޮމިޓީއަށް ގެންގޮސް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ރަނަގޅު ގޮތުގައި ބިލުގެ ކަންތައްތައް ކުރިޔަށް ގެންދެވިދާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.
މި ބިލުގައި ހާއްސަ ހާލަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ މިހާރު މިއޮތް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާއެއް އިއުލާން ކުރެވޭ ހާލަތުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތެވެ. ހާއްސަ ހާލަތްތަކުގައި ޝަރީއަތްތައް ކުރިއަށް ގެންދަންވާނެ ގޮތާއި ހާއްސަ ހާލަތުގެ މުއްދަތުތައް ގުނާނެ ގޮތް ވެސް މި ބިލުގައި ކަނޑައަޅާފައި ވެއެވެ.
އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ އިތުރުން ގާނޫނުލްއުގޫބާތުގައި ވަކި މުއްދަތުތަކެއްގެ ތެރޭގައި ކުރަން ކަނޑަޅާފައިވާ ކަންކަން ކުރުމުގައި މުއްދަތު ގުނާނީ ހާއްސަ ހާލަތްތަކުގެ ދުވަސްތައް ނުލައި ކަމަށް ވެސް ބިލުގައި ބުނެފައި ވެއެވެ. އޭގެ ތެރޭގައި ވަކި މުއްދަތެއްގެ ތެރޭގައި ދަައުވާ އުފުލުމަށާއި ޝަރީއަތްތައް ނިމުން ފަދަ މުއްދަތުތައް ހިމެނެއެވެ.