ނޫސްވެރިން ކަތިއަޅުވައި، ވައްޓާލުމަށް ޖެއްސިފައިވާ ހުރިހާ މަޅިތައް މި ސަރުކާރުން ނައްތާލާނެ ކަމަށް ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ނޫސްވެރިކަމުގެ އިނާމު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި މިނިވަން ނޫސްވެރިކަން އޮތީ އެކި ގޮތްގޮތުން ކަސްތަޅު އަޅުވާ ބަންދުކުރެވިފައި ކަމަށާއި ވޭތުވެދިޔަ ދުވަސްތަކުގައި މިނިވަން ނޫސްވެރިކަމަށް އޮތީ ބޮޑެތި ވެގެންވާ ގޮންޖެހުންތަކެއް ކުރިމަތިކުރެވިފައި ކަމަށެވެ.
"އަޅުގަނޑު ހިތުން މިއީ މި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން. ނޫސްވެރިން ކަތިއަޅުވައި، ދަތިކޮށް، ވައްޓާލުމަށް ޖެއްސިފައިވާ ހުރިހާ މަޅިތައް މާތްﷲ އިރާދަކުރެއްވިއްޔާ މި ސަރުކާރުން ނައްތާލާނަން. ނޫސްވެރިންނަށް ވޭތުވެދިޔަ މުއްދަތުގައި ކުރިމަތިވެފައިވާ ބޮޑެތި އަދަދުތަކުގެ ޖޫރިމަނާތަކާއި ޖަލު ގޮޅިތަކާއި ޕެޕާ ސްޕްރޭއަކީ ﷲ އިރާދަކުރެއްވިއްޔާ މި ސަރުކާރުން ނިމުމެއް ގެންނާނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ފެހި ގާނޫނު އަސާސީން މިނިވަންކަމާއި ފުޅާކަމާއެކު ތަނަވަސްކޮށްދީފައިވާ މިނިވަން ނޫސްވެރިކަމަށް އެންމެ ފުރިހަމަ މަގު މި ސަރުކާރުން ދައްކައިދޭނެ ކަމަށާއި ދިމުގްރާތީ ވެރިކަމެއް ދެމިއޮތުމުގެ އެންމެ އަސާސީ އެއް ރުކުނަކީ މިނިވަން ނޫސްވެރިކަން ކަމަށެވެ.
"އެ ނޫސްވެރިންގެ ޒިންމާއާއި އެބޭފުޅުންގެ ހަރުދަނާކަމުގެ މައްޗަށް މެނުވީ ދައުލަތް ހަރުދަނާ ގޮތެއްގައި ހިނގާނެ ނިޒާމެއް ނުކުރެވޭނެ. އެ ސަބަބަށްޓަކައި މިނިވަން ނޫސްވެރިކަމަށް ފުރުސަތު ފަހިވެ، އެބޭފުޅުންގެ މާހައުލު ތަނަވަސްކޮށްދޭން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އިތުރަށް ވިދާޅުވީ މިނިވަން ނޫސްވެރިކަން ނެތިކޮށްލާ ކޮންމެ ހިސާބަކީ ހުދުމުހުތާރު ވެރިކަމެއް އުފެދޭ ހިސާބު ކަމަށާއި އެއީ އަނިޔާވެރިކަމާއި ރައްޔިތުންގެ މައްޗަށް ބާރުވެރިވެގަތުން ފެށޭ ހިސާބު ކަމަށެވެ.