ރައްޔިތުންގެ މަޖިލިސް

ފިޝަރީޒް މިނިސްޓަރު ޒިންމާތައް އަދާކުރައްވާފައި ނުވާކަމަށް މަޖިލީހުގެ ގަވައިދު ކޮމިޓީން ނިންމައިފި

އިބްރާހިމް ޒަކީ

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާތައް އަދާކުރައްވާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ނިންމައިފި އެވެ.

ގަވާއިދު ކޮމިޓީން އެ ގޮތަށް ނިންމީ، މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ހިމަނައިގެން މަޖިލީހުން ފާސްކުރި މަސްވެރިކަމުގެ އާ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެކަމަށް ކަނޑައަޅާފައިވާ ގިނަ ގަވާއިދުތަކެއް އެ މިނިސްޓްރީން ނިންމާފައި ނުވާ މައްސަލަ އެ ކޮމިޓީން ބެލުމަށް ފަހުގަ އެވެ.

މައްސަލަ ބެލުމަށް ފަހު، ގަވާއިދު ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ބުނެފައިވަނީ މަސްވެރިކަމުގެ ގާނޫނުގައި އެކުލަވާލަން ބަޔާން ކުރާ ގަވާއިދުތައް މިނިސްޓްރީން ހަދާފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ.

ގާނޫނެއްގައި ވަކި ގޮތަކަށް އަމަލު ކުރަން ބަޔާންކުރުމުން އެއީ ބަރީއަ ވެވެން ނެތް ވާޖިބެއް ކަމަށް ހަމަތައް ބަޔާން ކުރާ ގާނޫނުގައި ބުނެފައިވާކަން ކޮމެޓީގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ފިޝަރީޒް މިނިސްޓްރީއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް އަދާކޮށްފައި ނުވުމުން ފިޝަރީޒް މިނިސްޓްރީން ގާނޫނާ ހިލާފު ވެފައިވާ ކަމަށާއި މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާ ކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

ކޮމިޓީން އެ މައްސަލަ ދިރާސާ ކުރިއިރު ފިޝަރީޒް މިނިސްޓްރީގެ އިސް ބޭފުޅުންނާ ސުވާލު ކޮށްފައި ވެއެވެ.