މާލޭ ސިޓީ ކައުންސިލް

ވިޔަފާރި އަދި ޑެލިވަރީއަށް މިހާލަތުގައި ދޫކުރަން 29000 ހުއްދަ މާ ގިނަ: މާލޭ ސިޓީ ކައުންސިލް

މާލެ ތެރެޔަށް ކޮވިޑް ފެތުރިފައިވާ މިހާލަތުގައި، ވިޔަފާރި އަދި ޑެލިވަރީގެ ބޭނުމަށް ދޫކޮށްފައިވާ ހުއްދައިގެ އަދަދު މާ ގިނަކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ. މާލޭ ސިޓީ ކައުންސިލުން މިހެން ބުނި އިރު، ވިޔަފާރި އަދި ޑެލިވަރީ ފަދަ ބޭނުން ތަކަށް 30،000 އާ ގާތް ކުރާ އަދަދެއްގެ ހުއްދަ މިހާތަނަށް ވަނީ ދޫކޮށްފަ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާލޭސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ އެ އަދަދަކީ ގިނަ އަދަދެއް ކަމަށާއި ލޮކްޑައުނެއްގެ ބޭނުމަކީ ކަންކަން އާންމު ހާލަތަކަށް އަވަހަށް ގެނައުން ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާގޮތުގައި 30،000 ހުއްދަ ގިނަ. މި ލޮކްޑައުނަކަށް ދިއުމުގެ ބޭނުމަކީ ނޫނީ މި ހިފެހެއްޓުންތަކެއް ހިފެހެއްޓުމުގެ ބޭނުމަކީ ވީހާ އަވަހަކަށް އާންމު ހާލަތަކަށް ރަށުތެރޭގެ ކަންތައްތައް ބަދަލު ކުރުން." ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ މަގުމަތީގައި ޑެލިވަރީގައި އުޅޭ މީހުން ވަރަށް ގިނަ ކަމަށާއި އޭގެތެރޭގައި ހިމެނެނީ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ މީހުން އެކަނި ނޫން ކަމަށެވެ. އަދި އެކިއެކި އެހެން ބޭނުންތަކަށް ވެސް ހުއްދަތައް ނަގާފައި އެބަހުރި ކަމަށެވެ.

ނަމަވެސް ވީހާ ބޮޑަކަށް އަމިއްލައަށްވެސް މަގުމަތީގައި އުޅުން މަދުކުރުން މުހިންމު ކަމަށާއި ކެތްތެރިކަމާއެކު އެންމެންވެސް މިދުވަސްކޮޅު ގޭގައި މަޑުކޮށްލަދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ޝަމާއު ވިދާޅުވިއެވެ.