އެލްޖީއޭ

ކޮވިޑް ފެތުރުނަ ނުދިނުމަށް ރަށްރަށުގެ ޓާސްކްފޯސްތަކުން ކުރަމުން އަންނަ މަސައްކަތްތައް ވަރަށް ކާމިޔާބު: އެލްޖީއޭ

ރަށްރަށަށް ކޮވިޑް ފެތުރުނަ ނުދިނުމަށް އެ ރަށްރަށުގެ ޓާސްކްފޯސްތަކުން ކުރަމުން އަންނަ މަސައްކަތްތައް ވަރަށް ކާމިޔާބު ކަމަށާއި އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު ކަމަށް ލޯކަލް ގަވަންމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ޑިރެކްޓާ ޖެނަރަލް އާދަމް ޝަރީފް ވިދާޅުވީ ރަށްރަށުގެ ރައްޔިތުން ކޮވިޑް 19 އިން ރައްކާތެރިކުރުމަށް އެންމެ އިސްކަންދޭނީ އެރަށެއްގެ ކައުންސިލުން ކަމަށެވެ. އެގޮތުން ކައުންސިލްތަކާއި ރަށްރަށުގެ ޓާސްކްފޯސްތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އަދި އެމަސައްކަތް ވަރަށް ކާމިޔާބު ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ މިހާތަނަށް ފާހަގަ ކުރެވިފައިވާ ގޮތުން އެރަށަކަށް ކޮވިޑް 19 ދިޔަ ނުދިނުމަށްޓަކައި އަދި ފެތުރުނަ ނުދިނުމަށްޓަކައި ރަށްރަށުން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައި އެބަހުރި ކަމަށެވެ.

"ޓާސްފޯސްތައް ހެދި ރެޔާއި ދުވާލު މަސައްކަތް ކުރަމުން އެބަދޭ ދަތުރު ފަތުރުކުރާ ފަރާތްތައްވެސް މޮނިޓާ ކުރެވި ރަށުފެންވަރުގައި އަދި އަތޮޅުފެންވަރުގައި ކޮންޓްރެކްޓް ޓްރޭސިން ހެދި ސަލާމަތީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކޮށް ވަރަށް ރަނގަޅަށް އެކަން އެބަކުރޭ. އޭގެ ނަތީޖާއެއްގެ ގޮތުން މިބަލި ފެތުން ކޮންޓްރޯލް ކުރެވިފައި އޮތް މިންވަރު އަޅުގަނޑުމެންނަށް އެބަ ފެނޭ" އާދަމް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން އަތޮޅުތެރޭގައި ބަލި ފެތުރިގެންދިޔަ ދެތިން ތަށެއްގައި ކަރަންޓީން ކުރި ގޭގެއަށް ޑެލިވަރީއާއި އެހެނިހެން ބައެއް ޒަރޫރީ ހިދުމަތް ދިނުމުގައި އެރަށްރަށުގެ ކައުންސިލްތަކުން މާލެއަށް ވުރެ ފުރިހަމަކޮށް އެމަސައްކަތް ކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.