ކޮވިޑް 19 އާ ގުޅިގެން މާލެ ލޮކްޑައުން ކުރުމުން، މާލޭގައި ތާށިވި ރަށްރަށުގެ މީހުންގެ އަސްލު އަދަދު ދެނެގަތުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ އެކި މުއައްސަސާތަކުން ވަކިވަކީން މައުލޫމާތު އެއްކުރަމުން ދިއުން ކަމަށް ލޯކަލް ގަވަންމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ޑިރެކްޓާ ޖެނަރަލް އާދަމް ޝަރީފް ވިދާޅުވީ ލޮކްޑައުން ކުރުމުން، މާލޭގައި ތާށިވި މީހުންގެ މައުލޫމާތު ވަކިވަކި މުއައްސަސާތަކުން ނަގަމުންދިޔަ ކަމަށާއި އެގޮތުން ޖެންޑާ މިނިސްޓްރީ އާއި އެންޑީއެމްއޭ އާއި ކައުންސިލްތަކުންވެސް އެމީހުންގެ ނަން ނޯޓުކުރުމަށް ހުޅުވާލައި ނަންނޯޓު ކުރަމުން ދިޔަ ކަމަށެވެ. އެކަން އެހެންވުމުގެ ސަބަބުން ރައްޔިތުންނަށްވެސް ވާންވީ ގޮތަކީ ކޮބައިކަން ނޭނގި ސުވާލު އުފެދި ކަންކަން ކުރަންވީ ގޮތް އޮޅުމުގެ ސަބަބުން އެޝަކުވާ ލިބުނު ކަމަށެވެ.
"އެކިއެކި ފަރާތްތަކަށް މި ހުށަހެޅުނު ނަންތަކަކީ ސައްހަ ނަންތައްތޯ ނުވަތަ އެނަންތައް ތަކުރާރުވެފައި ހުރީ ކޮން މިންވަރަކަށްތޯ ކިހާ ބައެއްތޯ ތާށިވެފައި ތިބީ ސާފުކުރަން އުނދަގޫކަމެއް ކަކަށް ވެފައި މިއޮތީ. އެހެން އެވީ މިދެންނެވި ގޮތަށް އެކި އެކި އެޖެންސީތަކުން މިކަން ކުރަމުން ގެންދެވީމަ" އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ މިހާތަނަށް އެލްޖީއޭއިން ކުރި މަސައްކަތަކީ ހުރިހާތަނަކަށް ހުށަހެޅި ނަންތައް އެއްކޮށް އެއް ލިސްޓެއްގެ ގޮތުގައި އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެއްކުރެވުނު މައުލޫމާތުތަކުން 5000 އަށްވުރެ ގިނަ މީހުން މާލެ އައިސް ތާށިވެގެން ރިޕޯޓުކޮށްފައިވާކަން އެނގިފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ލިސްޓުގައި ތިބި މީހުންގެ ތެރެއިން ރަށްރަށަށް ގެންދަން ކޮންމެހެން ޖެހޭ މީހުން ގެންދިއުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށާއި މާލޭގައި ތާށިވި ރަށްރަށުގެ މީހުންނަށް ޖެންޑާ މިނިސްޓްރީން މިންގަނޑެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެމިންގަނޑު މިހާރު ގެޒެޓް ކޮށްފައިވާ ކަމަށެވެ.
މީހުން ފޮނުވުމުގައި އަމަލުކުރަނީ އެ މިންގަނަޑަށް ބެލުމަށްފަހު އެމީހުން މާލޭގައި ތާށިވެފައި ތިބީ ކޮންސަބަބަކާއި ހެދިތޯ ބެލުމަށް ފަހުގައި ކަމަށާއި ނަމަވެސް މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން އެއްވެސް ކަމަކާ ނުލައި ރަށަށް ދާން ބޭނުންވެގެން އެކަން ކޮށްދެވޭނެ ގޮތަކަށް މިހާލަތުގައި ހަމަޖެހިފައި ނެތްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.