އެލްޖީއޭ

މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން 500 މީހުން ތިން ދުވަސް ތެރޭ ކަރަންޓީނަށް ފޮނުވޭނެ: އެލްޖީއޭ

މަރިޔަމް ޝަހުދާ

1

އެކި ހާލަތުތައް ދިމާވެ، މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން 500 މީހުން ކުރިޔަށް އޮތް ތިން ދުވަސް ތެރޭ ކަރަންޓީނަށް ފޮނުވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ލޯކަލް ގަވަންމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ މާލެ ލޮކްޑައުންކޮށް، ރަށްރަށަށް ދަތުރުކުރުން ބަންދުކުރުމާއެކު ގިނަ ބަޔަކު މާޅޭގައި ތާށިވެފައިވާ ކަމަށެވެ.

މީގެ ތެރޭގައި ކަރަންޓީނު ނިންމައި ރަށަށް ދާން މާލެ އައި މީހުންނާއި، ބޭސްފަރުވާ ފަދަ ކުރު މުއްދަތުގެ ބޭނުންތަކަށް މާލެ އައި މީހުންނާއި ޒަރޫރީ އެކި ބޭނުންތަކަށް ރަށަށް ނުދެވި ތިބި މީހުން ހިމެނޭ ކަމުގައި އާދަމް ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ ރަށަށް ނުދެވި މާލޭގައި ތާށިވުމުގެ ސަބަބުން އާންމުން ޝަކުވާ ހުށަހަޅާމުން ދިޔައީ އެކި އެޖެންސީތަކަށް ކަމަށެވެ. އެގޮތުން ޖެންޑާ މިނިސްޓަރީ، ރަށު ކައުންސިލްތައް އަދި އެންޑީއެމްއޭއަށްވެސް އެކި ފަރާތްތަކުން ރިޕޯޓު ކުރަމުން ދިޔަ ކަމަށް އާދަމް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ކަންވާންވީ ގޮތުގެ މައުލޫމާތު ސާފު ނުވާ ކަމަށާއި، އެކަމާ ހުރެ އެކި ދަތިތަކާ ކުރިމަތިވި ކަމަށް އާދަމް ފާހަގަކުރެއްވިއެވެ.

މިހާތަނަށް ކުރި މަސައްކަތަކީ އެކި އެޖެންސީތަކަށް ހުށަހަޅާފައި ހުރި ޝަކުވާތައް އެއްކޮށް، އެއް ލިސްޓެއް އެކުލަވާލުން ކަމަށް އާދަމް ވިދާޅުވިއެވެ. އަދި ޓޫރިޒަމް މިނިސްޓްރީ، ކައުންސިލުތައް، އެންޑީއެމްއޭ އަދި ޖެންޑާ މިނިސްޓްރީއާއެކު ކުރެވުނު މަސައްކަތުން އެކި ބޭނުންތަކުގައި މާލެ އައިސްފައި ތިބި 5000 އަށްވުރެ ގިނަ މީހުން ފާހަގަވެފައިވާ ކަމަށް އާދަމް ވިދާޅުވިއެވެ. އަދި މި ލިސްޓު ވެރިފައި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާދަމް ވިދާޅުވިއެވެ.

މި ލިސްޓުގައިވާ މީހުން އަނބުރާ ރަށަށް ގެންދިއުމުގައި ބަލާނެ މިންގަނޑެއް މިހާރު ޖެންޑާ މިނިސްޓްރީން އެކުލަވާލާފައިވާކަން އާދަމް ފާހަގަކުރެއްވިއެވެ. އަދި މީހުން ފޮނުވުމުގައި އަމަލު ކުރަނީ އެ މިންގަނޑަށް ކަމަށް އާދަމް ވިދާޅުވިއެވެ. އަދި މިކަން ބެލުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި، މި މަސައްކަތް ކުރިއަށްދަނީ އެ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް އާދަމް ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ މިހާތަނަށް މެޑިކަލް ކަންކަމުގައި މާލެއަށް އައިސް ލޮކްޑައުންގެ ސަބަބުން މާލޭގައި ތާށިވެފައިވާ 1444 މީހެއް ފާހަގަކުރެވިފައިވާ ކަމަށާއި އަނބުރާ ރަށަށް ދިއުމަށް މާލެ އައި ރިސޯޓު މުވައްޒަފުންގެ ގޮތުގައި 363 މީހެއްގެ މައުލޫމާތު ސާފުކުރެވިފައިވާ ކަމަށެވެ. އަދި އެހެނިހެން ސަބަބުތަކާއި ގުޅިގެން ރަށަށް ދިއުމަށް އެދިފައިވާ 3205 މީހަކު ރިކޯޑު ކުރެވިފައިވާ ކަމަށް އާދަމް ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ މާލޭގައި ތާށިވެފައި ތިބި މީހުންތައް އަނބުރާ ރަށަށް ގެންދިއުމުގެ ކުރިން ވަކި ކަރަންޓީނު ފެސިލިޓީއަކަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި މިހާތަނަށް 308 މީހަކު ރިސޯޓު ކަރަންޓީނަށް ގެންދެވިފައިވާ ކަމަށެވެ. އަދި ބަލި ހާލަތު ހުރި ގޮތުން ރިސޯޓު ކަރަންޓީނަށް ގެންދިއުން ރައްކާތެރި ނޫން 17 މީހަކު ހުޅުމާލޭގައި ވަކި ފެސިލިޓީއެއްގައި ކަރަންޓީނުކުރެވިފައިވާ ކަމަށާއު އަށް މީހަކު އެމީހުންގެ ރަށަށް ދޫކުރެވިފައިވާ ކަމަށް އާދަމް ވިދާޅުވިއެވެ.

މީގެ އިތުރުން މީހުން ކަރަންޓީނު ފެސިލިޓީއަށް ގެންދަނީ ސަރުކާރަށް ފެސިލިޓީތައް ހަމަޖެއްސޭ މިންވަރުން ކަމަށް އާދަމް ވިދާޅުވިއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ކަރަންޓީނު ފެސިލިޓީތަކަށް މާލެއިން މީހުން ނުގެންދަން ނިންމީ މިވަގުތައް އެއީ ރައްކާތެރިކަމެއް ނޫންކަމަށް ޓެކްނިކަލް އެޑަވައިޒަރީ ގްރޫޕުން އިރުޝާދު ދިނުމުން ކަމަށް އާދަމް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟