ލޮކްޑައުންގެ މި މުއްދަތުގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ހުއްދަ 25 ތަނަކަށް ދީފައިވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ މާލެ ލޮކްޑައުނަކަށް ދިއުމާއެކު މާލޭގައި ކުރަމުން އައި ހުރިހާ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް އެއްކޮށް ހުއްޓާލާފައިވާ ކަމަށެވެ. އަދި ލޮކްޑައުންގެ މުއްދަތު އިތުރުކުރުމުން ސިޓީ ކައުންސިލުން އެސެސްމަންޓެއް ހެދުމަށްފަހު، އެޗްޕީއޭގެ ލަފާގެ މަތިން ބައެއް ތަންތަނަށް ހުއްދަ ދީ އެތަންތާގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ފަށާފައިވާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ.
އެގޮތުން މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އެޗްޕީއޭއިން ގައިޑްލައިނެއް ނެރެފައިވާކަން ހާމަ ކުރައްވައި ޝަމާއު ވިދާޅުވީ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ސިޓީ ކައުންސިލުން ހުއްދަ ދޫކޮށްފައިވާނީ އެ ގައިޑްލައިންގެ ދަށުން ކަމަށެވެ.
ޝަމާއު ވިދާޅުވީ މިފަދައިން ހުއްދަތައް ދޫކޮށްފައިވާނީ ރިސްކު ހުރި ތަންތަނަށް އެކަނި ކަމަށެވެ. އަދި ހުއްދަ ދޫކޮށްފައިވަނީ މަސައްކަތް ކުރިއަށް ނުގެންގޮސް ބަހައްޓައިފި ނަމަ އިންޖީނިއަރިން ރިސްކު ހުރި ތަންތަނުގެ އެސެސްމަންޓެއް ހެދުމަށްފަހު ކަމަށާއި އޭގެ ތެރޭގައި ފައުންޑޭޝަން އެޅުމަށް ކޮނެފައި ސައިޓް ވޯލް ނުރާނައި ހުރި ތަންތަންވެސް ހިމެނޭ ކަމަށް ޝަމާއު ވިދާޅުވިއެވެ.
ބައެއް ތަންތަނުގައި މަސައްކަތް ކުރުމުގެ ހުއްދަ ދިން ނަމަވެސް ހުއްދަ ދެމުން އަންނަނީ ވަރަށް "ލިމިޓެޑް" ތަންތަނަށް ކަމަށާއި މިހާތަނަށް ހުއްދަ ދީފައިވަނީ އެންމެ 25 ތަނަށް ކަމަށާއި، އިތުރު ތަނެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމަށް އަދި ހަމަޖައްސާފައި ނުވާ ކަމަށް ވެސް ޝަމާއު ވިދާޅުވިއެވެ.
މީގެ އިތުރުން ކޮންސްޓްރަކްޝަން ސައިޓުތަކުގެ ތެރެއިން ފެން ހެދިފައި ހުންނަ ތަންތަނަށް މަދިރި ނޫފެދޭނެ ގޮތަށް ބޭސް އެޅުމުގެ މުހިއްމުކަން ޝަމާއު ފާހަގަ ކުރެއްވިއެވެ. ޝަމާއު ވިދާޅުވީ މިއީ ވިއްސާރަ މޫސުންކަމަށް ވާއިރު މަދިރި އާލާވިޔަ ނުދިނުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ. ނަމަވެސް ލޮކްޑައުންގެ މަގުސަދު އޮޅޭ ގޮތަށް މިފަދަ ތަންތަނުގައިވެސް މަސައްކަތް ކުރުމަށް ހުއްދަ ނުދެވޭނެ ކަމަށް ޝަމާއު ވިދާޅުވިއެވެ.
ޝީޓު އަޅާ ތަންތަނާއި ގުޅިގެން ޝަމާއު ވިދާޅުވީ އެއީ ލޮކްޑައުން ކުރިއިރު ހުއްދަ ދީފައިވާ ތަންތަން ކަމަށެވެ. އަދި އެއީ ހަތަރު ވަރަކަށް ތަން ކަމަށާއި، ލޮކްޑައުންގެ ފަހުން ޝީޓު އެޅުމުގެ މަސައްކަތް ކުރަން އެއްވެސް ބަޔަކަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ.