އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، އޮންލައިންކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ފެށީއްސުރެ ޖަލްސާ ފަށަން އޮންނަނީ 11:00 ގައެވެ. އަދި މެންދުރު 12:00 އެހާކަންހާއިރު މެންދުރު ނަމާދާއެކު ޖަލްސާގެ ފުރަތަމަ ދަންފަޅި މެދުކަނޑާލައެވެ. ދެން ޖަލްސާ ފަށަނީ 12:50 އެހާކަންހާއިރުއެވެ.
ނަމަވެސް އޮންލައިންކޮށް ޖަލްސާ ގެންދާތީ ޓެކްނިކަލް ބައެއް މައްސަލަތައް ދިމާވެގެން ނަމަވެސް ގިނަ ދުވަސް ދުވަހު ސީދާ ގަޑިއަށް ޖަލްސާއެއް ނުފެށެއެވެ.
މިއަދަކީވެސް އެފަދަ ދުވަހެކެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނީ 11:15 އެހާކަންހާއިރުއެވެ. ޖަލްސާގެ ބަހުސްގެ ތެރެއިންވެސް މަޖިލިސް ރައީސް އެކަން ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނީ 11:15 އެހާކަންހާއިރު ކަމަށާއި، ޖަލްސާގައި ފުރަތަމަ ބަހުސް ފެށި މައްސަލައިގެ ބަހުސް އެއްގަޑިއިރަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސަވާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ ކަމަކަށް ހިމަނައިގެން ކުރިއަށް ގެންދިޔައީ، އައްޑޫ ސިޓީގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތްކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްއެވެ.
އެ މައްސަލަ އެއްގަޑިއިރެއްހާއިރަށް ކުރިއަށް ގެންދަން ހަމަޖެއްސެވުމުން، ޖަލްސާ މެދުކަނޑާލަން ޖެހޭނީ 12:15 އެހާކަންހާއިރު އެވެ. މެންދުރު ނަމާދު ބަންގި ގޮވަނީ 12:06 ގައި ކަމުން ޖަލްސާގެ ތެރެއަށް ބަންގި ވަންނާނެއެވެ.
މިއަދުގެ ޖަލްސާގެ ބަހުސްގެ ތެރެއިން ބަންގި ގޮވަން ފެށުމުންވެސް ޖަލްސާ މެދުކަނޑާ ނުލައި ކުރިއަށް ގެންދާތީ، އެކަން މަޖިލިސް ރައީސްގެ ސަމާލުކަމަށް ގެނައުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ނިޒާމީ މައްސަލައަކަށް އެދިވަޑައިގެންނެވިއެވެ.
ނަމަވެސް އެ ނިޒާމީ މައްސަލައިގައި، ނަސީމަށް ފުރުސަތު ލިބިވަޑައިގެންނެވީ ތަންކޮޅެއް ފަހުންނެެވެ. ނިޒާމީ މައްސަލަޔަށް މަޖިލިސް ރައީސް ފުރުސަތު ދެއްވުމުން، މެންބަރު ނަސީމް ވިދާޅުވީ، "އަޅުގަނޑު އޭރު ނިޒާމީ މައްސަލައެއް ނެގީ ބަންގި ގޮވަމުން ދާތީ މެދުކަނޑާނުލައި ޖަލްސާ ކުރިއަށް ގެންދާތީވެ އެކަން ސަމާލުކަމަށްޓަކައި ގެނައުމަށް،" ކަމަށެވެ.
މެންބަރުގެ ނިޒާމީ މައްސަލަޔަށް ޖަވާބު ދެއްވަމުން، މަޖިލިސް ރައީސް ވިދާޅުވި، "އިއްޒަތްތެރި މެންބަރަށް އެނގިވަޑައިގަންނަވާނެ އެއީ ނިޒާމީ މައްސަލައެއްނޫންކަން" މިިހެންނެވެ.
މަޖިލިސް ރައީސްގެ ޖަވާބާ ގުޅިގެން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ، "ދެން އެކަމަކު އެއީ ވަރަށް ވިޔާނުދާކަމެއް،" ކަމަށެވެ.