ޕްރިމިއާ ލީގްގެ މެޗުތައް އަންނަ މަހު އެއް ވަނަ ދުވަހު ފެށުމުގެ ހުއްދަ އިނގިރޭސި ސަރުކާރުން ދީފި އެވެ.
ލީގް ފެށުމުގެ ހުއްދަ ދޭން އިނގިރޭސި ސަރުކާރުން ނިންމީ، ގާނޫނު ހަދާ މަޖިލީހަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއްޔެ ހުށަހެޅުއްވި ރިޕޯޓްގައި އެކަން ފާހަގަކުރައްވާފައި ވުމުންނެވެ. "ގައުމު އަލުން ބިނާ ކުރުމުގައި އަހަރެމެންގެ ޕްލޭން" ނަމުގައި އެކުލަވާލާފައިވާ 60 ސޮފުހާގެ ރިޕޯޓް އިއްޔެ ބޮރިސް ޖޯންސަން ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
އިއްޔެ ބޮރިސް ހުށަހެޅުއްވި އެ ޕްލޭން މަރުހަލާތަކަކަށް ބަހާލަފައިވާއިރު ދެ ވަނަ މަރުހަލާގައި ވަނީ ޓީމު ސްޕޯޓްސް އަލުން ފެށުމުގެ މައްޗަށެވެ. ސަރުކާރުން ހުއްދަ ލިބުމާއިއެކު ޕްރިމިއާ ލީގުން، އަންނަނީ ޖޫން އެކެއްގައި ސީޒަން އަލުން ފެށުމަށް މަސައްކަތް ކުރަމުންނެވެ.
ސަރުކާރުން ހުއްދަ ދީފައިވީނަމަވެސް ލީގު ފެށުމަށް ރަސްމީ ގޮތުން ހުއްދަ ލިބޭނީ، އިނގިރޭސި ސިއްހީ މާހިރުންނާއި މަޝްވަރާ ކުރުމަށް ފަހު ކެބިނެޓް މިނިސްޓަރުންގެ ލެވެލްގައި ނިންމުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮވިޑް 19 އާ ގުޅިގެން މެދުކަނޑާލި ލީގްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފަށާ ލީގަކީ ޖަރުމަންގެ ބުންޑެސް ލިގާ އެވެ. އެ ލީގްގެ ކުޅުން އަންނަ ހޮނިހިރު ދުވަހު ފަށާނެ އެވެ. އިނގިރޭސި ލީގް ޖޫން އެކެއްގައި ފެށިއްޖެނަމަ، އެ ލީގް ވެގެން ދާނީ ދުނިޔޭގެ އެންމެ ބޮޑު ހަތަރު ލީގްގެ ތެރެއިން ދެވަނައަށް ފަށާ ލީގަށެވެ.
އަންނަ މަހު 12 ގައި ސްޕެއިންގެ ލަލީގާ ފެށުމަށް މަސައްކަތް ކުރާއިރު ސްޕެއިންގެ ސިއްހީ ވުޒާރާއިން ބުނެފައި ވަނީ އެކަމާ ބެހޭ ގޮތުން ވަކި ގޮތެއް އަދި ނިންމިފައި ނުވާ ކަމަށެވެ. ނަމަވެސް ލަލީގާގެ ޓީމުތައް ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. މީގެ އިތުރުން އިޓަލީގެ ސޭރިއާގެ ކުލަބުތަކުން ވެސް މި މަހު 18 ގައި ޕްރެކްޓިސް ފެށުމުގެ ހުއްދަ ދީފައިވާއިރު ލީގް ފެށޭނެ ދުވަހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.
މުބާރާތްތައް އަލުން ފަށާއިރު ކުޅުންތެރިން ނުވައްދައި މެޗްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އެކަމާ ގުޅިގެން ބައެއް ޓީމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.