އިބްރާހިމް ޒަކީ
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކޮވިޑް 19ގެ މިހާރުގެ ހާލަތަށް ބަލައި އުފެއްދުންތެރިކަން ނެތް ކުންފުނިތައް ވަގުތުން ވަގުތަށް އުވައިލަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ)އިން ސަރުކާރަށް ހުށަހަޅަން ހިމަނައިގެން އެކުލަވާލާފައިވާ އެ ކޮމިޓީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
މިއީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކުރަމުންގެންދާ ކަންތައްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައަޅައި ސަރުކާރަށް ހުށަހެޅުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެސްއޯއީ ކޮމިޓީން ސަރުކާރަށް ހުށަހަޅާ ކަންތައްތައް ހިމަނައިގެން މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓެކެވެ.
މި ރިޕޯޓް މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިިން 53 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެ ރިޕޯޓްގައި ބުނެފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިހާރުގެ ހާލަތަށާއި، އަދި އުފެއްދުންތެރިކަން ނެތް ކުންފުނިތައް ވަގުތުން ވަގުތަށް ހުއްޓާލައި، ޕާކްކޮށް އުވާލެވެން ހުރި ތަންތަން އުވާލުމަށް ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީ އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އެންގުމަށް،" އެދޭ ކަމަށެވެ.
ކޮވިޑް 19ގެ ހާލަތުގައި އެސްއޯއީ ކޮމިޓީން ސަރުކާރަށް 20 ކަމެއް ހުށަހަޅާފައިވާ އިރު، ގެއްލުން ލިބެމުންދާ ކުންފުނިތަކުގެ މެންޑޭޓްގައި ބަޔާންކޮށްފައިވާ ކަންކަމަށްބަލައި ކުންފުނި އުފައްދާފައިވާ މަގުސަދުގެ ބޭރުން އެއްވެސްކަމެއް ކުރާ ނަމަ އެކަމެއް ހުއްޓުވުމުގެ އިތުރުން، އާއްމު ވިޔަފާރިތަކުން ރަނގަޅަށް ކުރަމުން އަންނަ މަސައްކަތްތައް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުކޮށް ދޫކޮށްލައި ކޮވިޑް 19ގެ މި ހާލަތުގައި ރާއްޖެއަށް އެންމެ ބޭނުންވެފައިވާ ސިނާއަތުގައި އެ ކުންފުނިތަކުގެ ރޯލެއް އޮތްތޯ ބަލައި އެކަންކަން ނޫނީ ނުކުރުމަށް ކުންފުނިތަކަށް އެންގުމަށްވެސް ހިމަނާފައިވެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ބޮޑެތި ކުންފުނިތަކުގެ ތެރެއިން މަތީ ފެންވަރުގެ ވަޒީފާތަކުގައި ގިނައިން ބޭރުމީހުން ތިބި ކުންފުނިތަކުގެ އެފަދަ މަގާމުތަކަށް ސިވިލް ސާވިސް ކޮމިޝަނުން ދިވެހިން އައްޔަން ކުރުމަށް ފުރުސަތު ހޯދައިދީ، ބޭރު މީހުންގެ ދަށުން ދިވެހިން އެމަގާމުތަކަށް ތަމްރީނުކުރުމާއި، ދިވެހިންނަށް މަތީ ވަޒީފާތަކަށް ފުރުސަތު ހޯދައި ދިނުމަށްވެސް ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.