މާލެ އާއި ރާއްޖޭގެ އުތުރުން މަދު ރަށަކުން މިހާރު ކޮވިޑް ފެނިފައީ ނަމަވެސް، މި ބަލި ރާއްޖޭގެ ހުރިހާ ރަށަކަށް ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތުމުން ރައްޔިތުންގެ މަޖީހުގެ ނައިފަރު ދާިއރާގެ މެންބަރު އަހުމަދު ޝިޔާމު މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި މެންބަރަކު ވާހަކަ ދައްކަަވައި ނިންމެވުމުން، މަޖިލިސް ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިިހާ ރަށަކަށް ބަލި ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެހެންކަމުން ރާއްޖޭގެ ހުރިހާ ތަނެއްގައި ސަލާމަތީ ގޮތުން ފިޔަވަޅުއަޅަން ތައްޔާރަށް ތިބުން މުހިއްމު ކަމަށެވެ.
އެޗްޕީއޭގެ ވިސްނުމަކީ، ބަލި ފެތުރިފައިވާ ކޮމިއުނިޓީގައި ތިބި މީހުން ރަށްރަށަށް ގޮސްފި ނަމަ އެރަށްރަށަށް ފެތުރިގެން ހިނގައިދާނެ ވިސްނުމެއް ކަމަށާއި ރަށްރަށަށް މީހުން ދިއުން މަނާކޮށްފައިވަނީ އެހެންވެ ކަމަށްމަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ކޮވިޑްގެ ކަންތައްތައް ފުރަތަމަ ދިމާވެގެން އައިއިރުވެސް ރާއްޖެއަށް ފެތުރޭނެކަމަށް ވިދާޅުވި ކަމަށާއި، މިހާރު މި ރޯގާ ރާއްޖޭގެ ހުރިހާ ރަށަކަށް ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"މިއަދު އަޅުގަނޑަށް ދެންނެވޭނީި މި ރޯގާ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެތުރުމަކީ ވަރަށް އެކަށީގެންވާކަމެކޭ، މުދާވެސް ރަށްރަށަށް އުފުލާނެ ތަކެތިވެސް ރަށްރަށަށް އުފުލާނެ، ދެން އެކި ގޮތްގޮތަށް ރާއްޖޭގެ ރަށްރަށާއި އަނެއްރަށާ އެއީ ދުރުދުރުގައި ހުރި ތަނެއްކަމަށް ވަކިވަކިން އޮތް ތަންތަންކަމަށް ބައެއް ބޭފުޅުން ހީކުރެއްވިޔަސް މި ދިވެހި ރާއްޖެއަކީ އެއް ގައުމެއްގެ ގޮތުގައި ތުރާކުނުއްސުރެ ފެށިގެން އަައްޑޫ މުއްޔާ ހަމަޔަށް އެއޮތީ ވަރަށް ދަތުރުކުރާތީ، އެއްތަނުން އަނެއްތަނަށް މީހުން ގޮސްއުޅެންޏާ އެއްތަނެއްގައި ހުރިއެއްޗެއް އަނެއް ރަށްރަށަށް ފެތުރޭނެ،" މަޖލިސް ރައީސްވިދާޅުވިއެވެ.