ރައްޔިތުންގެ މަޖިލިސް

ކޮވިޑްރިސްކު އެލަވަންސް ދިނުމަށާއި، މާލޭގައި ތާށިވެފައި ތިބި މީހުންގެ ހަރަދު ސަރުކާރުން ދޭން ހުށަހަޅަން ފާހެއްނުވި

އިބްރާހިމް ޒަކީ

ކޮވިޑް 19 ގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑް ރިސްކު އެލަވަންސް ދިނުމަށާއި، ލޮކްޑައުންގެ ސަބަބުުން ރަށްރަށަށް ނުދެވި މާލޭގައި ތާށިވެފައިވާ މީހުންގެ އަތުން ކުރާ ހަރަދު، ސަރުކާރުން އެމީހުންނަށް ދޭން ޖެހޭ ގޮތަށް ސަރުކާރަށް ހުށަހަޅަން ފާހެއް ނުވިއެވެ.

ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކުރަމުންގެންދާ ކަންތައްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައަޅައި ސަރުކާރަށް ހުށަހެޅުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެކުލަވައިލި ރިޕޯޓަށް ގެންނަ އިސްލާހެއްގެ ގޮތުގައި އެ ރިޕޯޓްގައި ހިމަނައިގެން އެ ކަން ސަރުކާރަށް ހުށަހެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

އެހުށަހެޅުން ފާސްކުރަން ފެނޭތޯ ނެގި ވޯޓުގައި، ޖަލްސާގައި ތިބި 66 މެންބަރުންގެ ތެރިން އެ ހުށަހެޅުން ފާސްކުރަން ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ. އަދި ފާސްކުރަން ނުފެންނަ ކަމަށް 40 މެންބަރުން ވޯޓު ދެއްވިއެވެ.

މެންބަރު ޝިޔާމް މި ހުށަހެޅުން ހުށަހެޅުއްވި އިރުވެސް ކޮވިޑް 19 ގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސެއް ދޭން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މީގެ މަހެއްހާދުވަސް ކުރީން އިއުލާނުކުރައްވައިފައެވެ.

މީގެ އިތުރުން ލޮކްޑައުންގެ ސަބަބުން ރަށަށް ނުދެވި މާލޭގައި ތާށިވެފައިވާ ފަރާތްތަކުގެ ކަންތައްތައް ސަރުކާރުން އަންނަނީ ބަަލަމުންނެވެ. އަދި އޭގެ ތެރެއިން ރަށްރަށަށް ދާން ބޭނުންވެފައި ތިބި 500 މީހުން ހުޅުމާލޭގެ ގެސްޓް ހައުސްތަކަށް ބަދަލުކޮށް ކަނޑައަޅާ އުސޫލެއްގެ ތެރެއިން ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.

ޝިޔާމުގެ ހުށަހެޅުން ފާސް ނުވުމުން މިއަދުގެ ޖަލްސާގައި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ރިޕޯޓް ފާސްކޮށްފައި ވަނީ، އެ އިސްލާހު ނުހިމަނައެވެ.

މި ހާލަތުގައި، ކުޑަކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާ ކޮވިޑް 19 އަށް ޕޮޒިޓިވް ވުމުގެސަބަބުން ކުއްޖާއާ ހަވާލުވާނެ ފަރާތެއް ނެތް ކުޑަކުދިންނަށް ރައްކާތެރިކަން ދޭނެ އުސޫލުތަކާއި އިންތިޒާމުތައް ކަނޑައެޅުމަށް އެ ރިޕޯޓްގައި، ސަރުކާރަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

މީގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވެ އައިސޮލޭޝަން ފެސިލިޓީގައި ބޭތިއްބޭ މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ހާލު ދެރަވެ ކުދިންނަށް އަޅައިނުލެވޭ ފަދަ ގޮތެއް މެދުވެރިވާ ހާލަތެއްގައި އެފަދަ ސެންޓަރުތަކުން އެ ކުދިންނާ މެދު އަމަލުކުރާނެ އުސޫލެއް އެކުލަވާލައި އެހާލަތަށް ތައްޔާރުވެ އިންތިޒާމުތައް ހަމަޖައްސަން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް 19 އަށް ޕޮސިޓިވްވާ ކުދިންނަށް ނަފްސާނީ އެހީތެރިކަން ދިނުމުގެ އުސޫލާއި އިންތިޒާމުތައް ހަމަޖެއްސުމަށްވެސް އެ ރިޕޯޓްގައި ހުށަހަޅާފައި ވެއެވެ.

ނަމަވެސް ކޮވިޑްގެ ސަަބަބުން ވަޒީފާ ގެއްލިފައިވާ އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކަށް ކަމާގުޅޭ އިދާރާތަކުން އެންމެ އެކަށީގެންވާ ފިޔަވަޅެއް އެޅިފައިނުވާކަން ކޮމިޓީގެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

ރިޕޯޓުގައި ބުނެފައިވާގޮތުން ކޮވިޑް 19 ގެ ހާލަތާ ގުޅިގެން އެތައް އަންހެނުންނަކަށް އާމްދަނީ ލިބޭނެ މަގު ވަނީ ބަންދުވެފައެވެ.