އިބްރާހިމް ޒަކީ
ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް 19 ގެ މި ހާލަތުގައި ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު ކުއްލި މައްސަލައަކީ މާލޭގައި ތާށިވެފައި ތިބެން ޖެހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތުމުން ރައްޔިތުންގެ މަޖީހުގެ ނައިފަރު ދާިއރާގެ މެންބަރު އަހުމަދު ޝިޔާމު މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި މެންބަރަކު ވާހަކަ ދައްކަަވައި ނިންމެވުމުން، މަޖިލިސް ރައީސް ވިދާޅުވީ، މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ރައްޔިތުންނަށް އެންމެބޮޑަށް ދަތިވެފައިވެގެން ޝަކުވާ ލިބިވަޑައިގެންފައިވަނީ، އަމިއްލަ ރަށަށް ނުދެވި، މާލޭގައި ތާށިވެފައި ތިބުމުގެ މައްސަލަ ކަމަށެވެ.
ރާއްޖޭގެ ހުރިިހާ ރަށަކަށް ބަލި ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެހެންކަމުން ރާއްޖޭގެ ހުރިހާ ތަނެއްގައި ސަލާމަތީ ގޮތުން ފިޔަވަޅުއަޅަން ތައްޔާރަށް ތިބުން މުހިއްމު ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެޗްޕީއޭގެ ވިސްނުމަކީ، ބަލި ފެތުރިފައިވާ ކޮމިއުނިޓީގައި ތިބި މީހުން ރަށްރަށަށް ގޮސްފި ނަމަ އެރަށްރަށަށް ފެތުރިގެން ހިނގައިދާނެ ވިސްނުމެއް ކަމަށެވެ. އެހެންކަމުން މީހުން ރަށްރަށަށް ދިއުން މަނާކޮށްފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"މިވަގުތު ރައްޔިތުންގެ އެންމެބޮޑަށް ކަންބޮޑުވެ ދަތިވެފައިވާ، އެއްކަމަކީ ރަށްރަށުގެ ވަރަށްގިނަ އަދަދެއްގެ މީހުުން މާލޭގައި ތާށިވެފައި ތިބޭ ތިބުން. އެމީހުންނަށް އެނބުރި ރަށްރަށަށް ދެވޭނެގޮތެއް ނެތުން، އެޗްޕީއޭގެ ވިސްނުމަކީ، މިހާތަނަށް ބަލި ފެތުރިފައިވާ ކޮމިއުނިޓީގެ ތެރޭގައި ތިބި މީހުން ރަށްރަށަށް ގޮސްފިނަމަ އެ ރަށްރަށަށްވެސް ބަލި ފެތުރޭނެތީވެ މާލޭން މީހުން ރަށްރަށަށް ދިއުން، އެރުން މަނާކޮށްފަ މިއޮތީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ކޮވިޑްގެ ކަންތައް ފުރަތަމަ ދިމާވެގެން އައިއިރުވެސް ރާއްޖެއަށް ފެތުރޭނެކަމަށް ވިދާޅުވި ކަމަށާއި، މިހާރު މި ރޯގާ ރާއްޖޭގެ ހުރިހާ ރަށަކަށް ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"މިއަދު އަޅުގަނޑަށް ދެންނެވޭނީި މި ރޯގާ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެތުރުމަކީ ވަރަށް އެކަށީގެންވާކަމެކޭ، މުދާވެސް ރަށްރަށަށް އުފުލާނެ ތަކެތިވެސް ރަށްރަށަށް އުފުލާނެ، ދެން އެކި ގޮތްގޮތަށް ރާއްޖޭގެ ރަށްރަށާއި އަނެއްރަށާ އެއީ ދުރުދުރުގައި ހުރި ތަނެއްކަމަށް ވަކިވަކިން އޮތް ތަންތަންކަމަށް ބައެއް ބޭފުޅުން ހީކުރެއްވިޔަސް މި ދިވެހި ރާއްޖެއަކީ އެއް ގައުމެއްގެ ގޮތުގައި ތުރާކުނުއްސުރެ ފެށިގެން އަައްޑޫ މުއްޔާ ހަމަޔަށް އެއޮތީ ވަރަށް ދަތުރުކުރާތީ، އެއްތަނުން އަނެއްތަނަށް މީހުން ގޮސްއުޅެންޏާ އެއްތަނެއްގައި ހުރިއެއްޗެއް އަނެއް ރަށްރަށަށް ފެތުރޭނެ،" މަޖލިސް ރައީސްވިދާޅުވިއެވެ.