އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވާ 580 ޓަނުގެ ކާބޯތަކެއްޗާއެކު އިންޑިއާގެ މަނަވަރު ރާއްޖެ އަތުވެއްޖެ އެވެ.
މިހާރު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން ކުރިމަތިވަމުންދާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޑިއާއިން ހަދިޔާކުރި 580 ޓަނުގެ ކާބޯތަކެއްޗާއެކު، އައިއެންއެސް ކޭސަރީ މިއަދު މާލޭ ޕޯޓަށް ވަދެއްޖެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ވަނީ ބުނެފައެވެ.
މިއަދު ރާއްޖެއަށް ގެނެސްފައިވާ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ 200 ޓަނުގެ ހަނޑުލާއި، 140 ޓަނުގެ ގޮދަން ފުށް، 90 ޓަނުގެ ހަކުރު، 120 ޓަނުގެ ރީނދޫ މުގު، 26 ޓަނުގެ ފިޔާ އަދި 14 ޓަނުގެ އަލުވި ކަމަށް ހައިކޮމިޝަނުން ބުނެއެވެ. ކާބޯތަކެތީގެ މިއެހީއަކީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރަމަޟާން މަހުގައި ދެވޭ، ދެގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާއެއް ކަމަށްވެސް ހައިކޮމިޝަނުން ބުނެއެވެ.
އިންޑިއަން ހައިކޮމިޝަނުން ބުނެފައިވަނީ ކާބޯތަކެތީގެ އެ އެހީ އަކީ އިންޑިއާގެ 'އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް' (ސާގަރް) ޑޮކްޓްރިން ގެ ދަށުން ސަރަހައްދީ ގައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީ ކަމަށެވެ.
އެގޮތުން މިޝަން ސާގަރްގެ ފުރަތަމަ ދަތުރު ރާއްޖެއަށް ކޮށްފައިވާއިރު، ރާއްޖެއަށް މުދާ ބޭލުމަށްފަހު އެހީ ހިފައިގެން ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ދަތުރު ކުރާނެ ކަމަށް ހައިކޮމިޝަނުން ބުނެއެވެ.