އިބްރާހިމް ޒަކީ
އައްޑޫ ސިޓީގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތުމުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަތީ، އޮންލައިންކޮށް ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ޝިޔާމް ފޮނުއްވި ސިޓީގައި ވަނީ ކޮވިޑް 19އާ ގުޅިގެން މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ އައްޑޫ ސިޓީގައި ޓެސްޓުކުރެވޭނެ އެއްވެސް ވަސީލަތެއް ގާއިމުކުރެވިފައި ނެތުމާއި، 35،000 އަށް ވުރެ ބޮޑު އާބާދީއެއްގައި ކޮންމެ ސާމްޕަަލެއް ނަގައިގެން ޓެސްޓު ކުރަން ފްލައިޓެއް ޗާޓަރުކޮށްގެން މާލެއަށް ގެންނަން ޖެހުމަކީ ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އައްޑޫ ސިޓީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރުމަށް ސަލާމަތީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ނެތްކަމުގެ ޝަކުވާ އެފަރާތްތަކުން ކުރަމުން އަންނަ ކަމަށާއި، ކޮވިޑަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި، ނަރުހުން ރަނގަޅަށް ތަމްރީނުވެފައި ވެސް ކަމަށްވެސް ސިޓީގައި ފާހަގަކުރައްވާފައި ވެއެވެ.
މީގެ އިތުރުން އައްޑޫ ސިޓީގައި ހެދުމަށް ހަމަޖެހިފައިވާ އައިސީޔޫ ފެސިލިޓީގެ މަސައްކަތް އަދިވެސް ނިމިފައި ނުވާތީ ކޮމިޔުނިޓީ ސްޕްރެޑަކަށް ގޮސް މީހުން ކަރަންޓީން ކުރަން ޖެހޭ ހާލަތުގައި ބޮޑު އާބާދީއެއްގައި މީހުން ކަރަންޓީންކޮށް ފަރުވާދިނުމުގެ ރަނގަޅު ޕްލޭނެއް ނެތިއްޖެނަމަ ވަރަށް ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމަށްވެސް ޝިޔާމްގެ ސިޓީގައި ވެއެވެ.
ޝިޔާމް ވިދާޅުވީ، އެ ހުރިހާ ސަބަބުތަކަށްޓަކައި އައްޑޫ ސިޓީގައި ޓެސްޓު ކުރެވޭނެ ނިޒާމު ގާއިމުކޮށް ޕީޕީއީ ހަމަކޮށްދިނުމާއެކު، ފަރުވާދިނުމުގެ ރަނގަޅު ޕްލޭނެއްގެ ދަށުން މަސައްކަތްތައް ރާވައި ހިންގުމަށާއި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ކޮވިޑަށް ޓެސްޓުކޮށް ފަރުވާދެވޭނެ ނިޒާމެއް ވީ އެންމެ އަވަހަކަށް ގާއިމުކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 170 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ހުށަހަޅާ ކަމަށެވެ.