ގާސިމް އިބްރާހިމް

އެއްބަސްވުންތައް ދެމެހެއްޓުމަށް މަސައްކަތްކުރައްވާތީ ރައީސް ސޯލިހަށް ހާއްސަ ޝުކުރެއް ދަންނަވަން: ގާސިމް

އެއްބަސްވުންތައް ދެމެހެއްޓުމަށް މަސައްކަތްކުރައްވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން 87 ދާއިރާއަށް ވާދަކުރައްވަން ނިންމެވި ނަމަވެސް، ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަށް އެމްޑީޕީން ވާދަކުރަން ފެނިވަޑައިނުގަންނަވާ ކަމަށާއި އަދި އެގޮތަށް ވާދަކުރިޔަސް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެ ހުރިހާ ކެންޑިޑޭޓުންނަށް ތާއީދު ނުދެއްވާނެ ކަމަށެވެ.

ރިޔާސީ ކެމްޕޭންގެ ކުރިން އެއްބަސްވުމެއް ހެދިފައިވާ ކަމުގެ ލިޔުމެއް ވެސް އާންމުވެފައެވެ. އެ އެއްބަސްވުމުގައި އެމްޑީޕީގެ ފަރާތުން ސޮއިކޮށްފައިވަނީ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހާއި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފެވެ. އެ އެއްބަސްވުމުގައި މަޖިލިސް އިންތިހާބުގައި ކޯލިޝަނަށް ގޮނޑިތައް ބަހާނެ ގޮތް ވެސް ހާމަކޮށްފައިވެއެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އެމްޑީޕީން ބުނަމުންދަނީ އެއީ އެއްބަސްވުމެއް ނޫން ކަމަށެވެ.

ގާސިމް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން މިއަދު އެޕާޓީގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވައި ރޭ ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގެ އަސަރާއި ޖަޒުބާތު އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ހިއްސާކުރެއްވި ކަމަށެވެ.

"އެމަނިކުފާނު ރޭގައި އަދި އެއަށްވުރެ ގާތްގޮތެއްގައި އެމަނިކުފާނުގެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަރަށް ސާބިތުކަމާއެކީގައި އެމަނިކުފާނު ވެވަޑައިގެންފައި އޮތް އެއްބަސްވުންތަކެއް ނުވަތަ އެމަނިކުފާނުގެ ހިތްޕުޅަށް ގެންނަވައި އެމަނިކުފާނު އެ ދެއްކެވި ވާހަކަފުޅުގެ އަސަރާއި ޖަޒުބާތު އަޅުގަނޑުމެންނާ ހަމައަށް މީސްމީހުން ވާސިލްކޮށްދިން،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވައި މިހާރު އޮތް ކޯލިޝަނާއެކު ރައީސް ސޯލިހު ވަޑައިގަންނަވާނެ ކަން ވަރަށް ސާފުކޮށް ދެންނެވި ކަމަށާއި އެކަމަށްޓަކައި ޝުކުރާއި އައްސަރިބަހާއި ސާބަސް އެމަނިކުފާނަށް ރައްދުކުރާ ކަމަށެވެ.