މިނިސްޓަރު އިމްރާން އަބްދުﷲ

މިނިސްޓަރު އިމްރާން: ސަރުކާރުގެ މަސައްކަތް ބަލައިގަންނަ ކަމަށް ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ އިސް ލީޑަރެއް!

ސަރުކާރުން ކޮވިޑާއި ގުޅިގެން އަޅަމުން އަންނަ ފިޔަވަޅުތައް އަދި ނިންމަމުން އަންނަ ނިންމުންތައް ބަލައިގަންނަ ކަމަށް ވިދާޅުވީ އެ ކޯލިޝަނުގެ އިސް ލީޑަރެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން އެހެން ވިދާޅުވީ، ސަރުކާރުން ކުރާ މަސައްކަތް އިދިކޮޅުން ބަލައިގަންނަ ކަމަށް އޭނާ ދާދި ފަހުން ވިދާޅުވެފައިވަނިކޮށް އެކަން އިދިކޮޅު ޕީޕީއެމް ޕީޕީއެމް ކޯލިޝަނުން ދޮގުކޮށް ބަޔާނެއް ނެރެފައިވާތީއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19ގެ މިކާރިސާއާ ސަރުކާރުން ކުރިމަތިލާފައިވަނީ ސިޔާސީ މަސައްކަތެއްގެ ގޮތުގައި ނޫން ކަމަށެވެ. މި މަސައްކަތް ކުރަމުން އަންނަނީ ކޮންމެ ދާއިރާގެ ތަޖުރިބާކާރުން ދެއްވާ ލަފަޔާއި އިރުޝާދާއެކު ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން، ގައުމީ މަސައްކަތެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އެފަަދަ ބޮޑު ނިންމުމެއް ނިންމި ދުވަހު އިދިކޮޅު ޕީއެންސީ ކޯލިޝަންގެ އެންމެ އިސް ލީޑަރަކު ގުޅުއްވައި އެ ނިންމި ނިންމުން ބަލައިގަންނަ ކަމަށާއި އަދި ސަރުކާރުން މަޝްވަރާ ކުރުމަށްފަހު ނިންމާ ނިންމުންތަކަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

ނަމަވެސް އެބޭފުޅާ އެވާހަކަ ވިދާޅުވީ ސިއްރުން ކަމަށްވެފައި އަދި އެބޭފުޅާ ނިސްބަތްވާ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެތީވެ ކަމަށް ވިދާޅުވެ މިނިސްޓަރު އިމްރާނަށް ގުޅުއްވި ސިޔާސީ ލީޑަރުގެ ނަމެއް ވިދާޅުވެފައެއް ނުވެއެވެ.

"އަޅުގަނޑު މިދަންނަވަނީ ސިޔާސީ ޕާޓީތަކުގެ އެންމެ އިސް އެއް ވެރިއެއްގެ ވާހަކަ.. އެދުވަހު ވިދާޅުވި އެކަތި އަޅުގަނޑު ދަންނަވަންތޯ. ތިމަންނަ ކައިރީގައި ވިދާޅުވިއޭ ނުކުމެ މިއާ ދެކޮޅަށް ވާހަކަ ދައްކާށޭ. ތިމަންނަ ބުނީމޭ ކިހިނެތްހޭ ދައްކާނީ، ބަލާބަލާށޭ އެވާހަކަ ދައްކަން ފަހަތުގައި އެތިބަ މީހުން. ތިމަންނަމެންގެ މީހުންނޭ އެވާހަކަ ދައްކަން ފަހަތުގައި އެތިބީ. ސަރުކާރާއެއްކޮށް އެކަންތައް ނިންމައި އެވާހަކަ ދައްކަން އެތިބީ. އެހެންވީމަ ތިމަންނަ ކިހިނެތްހޭ ތިމަންނަމެންގެ މީހުންނާ ދެކޮޅަށް ނުކުމެ ވާހަކަދައްކާނީ. ތިމަންނަ ބުނީމޭ ތިވާހަކަ ތިގޮތަށް ނުދައްކާށޭ،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.