މިނިސްޓަރު އިމްރާން އަބްދުﷲ

މިހާލަތުގައި ރަށްރަށަށް ގެންދަން އިސްކަން ދޭންވީ މީހުންގެ މައުލޫމާތު ކައުންސިލްތަކަށް އެނގޭނެ: ހޯމް މިނިސްޓަރު

އަލީ ޔާމިން

ލޮކްޑައުންގެ މިހާލަތުގައި ރަށްރަށަށް ގެންދަން އިސްކަން ދޭންވީ މީހުންގެ މައުލޫމާތު ރަށްރަށުގެ ކައުންސިލްތަކަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، މިހާލަތުގައި މާލެއިން ރަށްރަށަށް ފޮނުވުމުގައި އިސްކަންދޭނީ އެންމެ ދަތި އުނދަގުލުގައި އުޅެމުން އަންނަ މީހުން ކަމަށެވެ. އަދި ރަށްރަށަށް މީހުން ގެންދިއުމުގައި އިސްކަންދޭންވީ މީހުންގެ މައުލޫމާތު ކައުންސިލްތަކަށް އެނގޭނެ ކަމަށާއި އެހެންކަމުން ކައުންސިލްތަކުން ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް އިލްތިމާސްކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކައުންސިލްތަކުގެ ބޭފުޅުންނަށް އެބޭފުޅުންނަށް ޖުމްލަ ގޮތެއްގައި އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މި ކަނޑައަޅާފައި ހުރި އުސޫލުތަކަށް ފެތޭ ކޮންމެ ރަށެއްގައި ތިބީ ކިތައް ބޭފުޅުންކަން. އަދި މި ކެޓަގަރީތަކަށް ނުފެތޭ މީހުންނަކީ ކޮބައިކަން ކައުންސިލްތަކަށް ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ، މިހާތަނަށް 5000 އަށްވުރެ ގިނަ މީހުން އެނބުރި ރަށްރަށަށް ދިއުމަށް އެދިފައިވާ ކަމަށާއި، އޭގެ ތެރެއިންވެސް އެންމެ ހާލުގައި އުޅޭ މީހުން ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޝޯޓްލިސްޓް ކުރެވޭ މީހުން ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސާ ކަރަންޓީން ފެސިލިޓީތަކަށް ފޮނުވާނެ ކަމަށާއި، އެމީހުންނަށް މުޖުތަމައުގެ ތެރެއަށް ނުކުމެވޭނީ 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، މި ދެހަފްތާގެ ތެރޭގައި ރަށްރަށުގައި ހުންނަ ކަރަންޓީން ފެސިލިޓީތަކަށް މީހުން ފޮނުވުން މެދުކަނޑާލައިފައިވާ ކަމަށާއި، މާލެއިން އަތޮޅުތެރެއަށް ދާ މީހުން ކަރަންޓީން ކުރެވޭނީ ޓޫރިޒަމް މިނިސްޓަރީން ކަނޑައަޅާ ކަރަންޓީން ފެސިލިޓީތަކުގައި ކަމަށެވެ. އެއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ ކަމެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.