މިނިސްޓަރު އިމްރާން އަބްދުﷲ

ހަރުކަށި ފިކުރުގެ މީހުންދަނީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރަމުން: މިނިސްޓަރު

އަލީ ޔާމިން

ހަރުކަށި ފިކުރުގެ މީހުން ދަނީ ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ނާމާންކަން އުފައްދަން މަސައްކަތްކުރަމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުންގެ މައްސަލަތަކަކީ ގައުމަށް ކުރިމަތިވެފައިވާ ނުރައްކަލެއް ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ މީހުން ދަނީ ގައުމު ހަލަބޮލިކުރުމަށް ދައުލަތާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންދެމުން ކަމަށް ވިދާޅުވިއެވެ.

"ހަރުކަށި ފިކުރުގެ ވާހަކަ އަޅުގަނޑުމެންނަށް މި ދެކެވެނީ، އެފަދަ ބައެއް ފަރާތްތަކުން ސީދާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ މަސައްކަތްތައް އެކި ފަހަރު މަތިން ކުރަމުން މިދޭތެރެއިންވެސް ކޮންމެވެސް ވަރަކަށް އަދި މިހާރުވެސް ކުރަމުންދާކަން އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ހާލަތުގެ ނާޒާއިޒު ފައިދާ ނަގައިގެން އެފަދަ ފަރާތްތަކަށް ކުށްކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި އެކަންކަން ފުލުހުން ވަރަށް ރަނގަޅަށް މޮނީޓާކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ، ވަރަށް ނުރައްކާތެރި ކަމަކާ ހަމައަށް ދިއުމަށް މަސައްކަތް ކުރަމުން ދިޔަ ބަޔަކު ދިވެހި ފުލުހުން މިދިޔަ ހަފުތާގައިވެސް ހުއްޓުވާފައިިވާ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާތީ އެކަމުގެ ތަފްސީލު މިނިސްޓަރު ނުދެއްވައެވެ.

މީގެ ކުރިން ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަނީ، މިފަހުން ރާއްޖޭގައި ހިނގި ގިނަ އަލިފާނުގެ ހާދިސާތަކަކީ ހަރުކަށިފިކުރުގެ މީހުން އަޑީގައި ތިބެގެން ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޓެރަރިޒަމްގެ ހަމަލާތަކެއް ކަމަށް ބުނެފައެވެ. އަދި އެފަދަ ބައެއް ކުށްވެރީންގެ ފައިގައި ޓެގް އަޅުވައި މިހާރު ދަނީ މޮނީޓާވެސް ކުރެވެމުންނެވެ.