މިނިސްޓަރު އިމްރާން އަބްދުﷲ

މި ނާޒުކު ވަގުތުގައިވެސް ގައުމު ހަލަބޮލިކުރަން ބަޔަކު ދަނީ މަސައްކަތް ކުރަމުން: ހޯމް މިނިސްޓަރު

1

މި ނާޒުކު ވަގުތުގައިވެސް ގައުމު ހަލަބޮލިކުރަން ބަޔަކު މަސައްކަތް ކުރަމުންދާ އެބަދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައިވާއިރު، ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު ކަމަށް ބުނާ މީހެއްގެ ވީޑިއޯއެއް ވަނީ މީސް މީޑިއާގައި އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ ކޮމިޝަނަރު ހަމީދު ކަމަށް ބެލެވޭ މީހަކު ނައިޓްކްލަބެއް ކަހަލަ ތަނެއްގައި ހަރަކާތްތެރިވާ މަންޒަރެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، މި ހާލަތުގައި ގައުމު ހަލަބޮލިކުރަން ބަޔަކު މަސައްކަތް ކުރި ނަމަވެސް އެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ. އަދި މި ހާލަތުގައި ގައުމު ހަލަބޮލިކުރަން މަސައްކަތް ނުކުރުމަށް މިނިސްޓަރު ވަނީ ގޮވާލައިފައެވެ.

"މި ދަނޑިވަޅުގައި އެއްވެސް ފިކުރެއްގައި އެއީ ދީނާ ދެކޮޅު ފިކުރެއްގައި ވިޔަސް ދީނާ އެއްކޮޅު ފިކުރެއްގައި ކަމުގައި ވިޔަސް ރައްޔިތުންނަށް އިތުރު ނާމާން ކަމާއި ނާޒުކުކަމެއް އަންނަ މަސައްކަތް ނުކުރައްވާށޭ!" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ، ގައުމު ހަލަބޮލިކުރުމުގެ އިތުރުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނާމާންކަން އުފެއްދުމަށް ހަރުކަށި ފިކުރުގެ މީހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މީގެ ކުރިންވެސް އަދި މިހާރުވެސް އެފަދަ އަމަލުތަކެއް އެފަރާތްތަކުން ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، މިވަގުތު މުޅި ގައުމުގެ ފޯކަސް އޮތީ ކޮވިޑް 19އަށް ހުއްޓިފައި ކަމަށާއި، ނަމަވެސް ހާލަތުގެ ނާޖާއިޒް ފައިދާ ނަގަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟