މިނިސްޓަރު އިމްރާން އަބްދުﷲ

ކޮންމެހެން ޖެހިގެން ނޫނީ އެއްވެސް މީހަކު ބޭރަށް ނުނިކުތުމަށް ހޯމް މިނިސްޓަރު އިލްތިމާސްކުރައްވައިފި

އިބްރާހިމް ޒަކީ

ކޮންމެހެން ޖެހިގެން ނޫނީ އެއްވެސް މީހަކު ގެއިން ބޭރަށް ނުނިކުތުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިލްތިމާސްކުރައްވައިފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ކަމާބެހޭ ބޭފުޅުން ދެއްވާފައިވާ މައުލޫމާތަށް ބަލާއިރު، ކުރިއަށް އޮތް ދުވަސްތަކަކީ، ބަަލި އިތުރަށް ފުޅާވެ ފެތުރިގެންދާނެ ދުވަސްތަކެއް ކަމަށެވެ.

އެހެންކަމުން ކޮންމެހެން ބޭރަށް ނިކުންނަންޖެހިގެން ނޫނީ އެއްްވެސް މީހަކު ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނިކުންނަ އިރުވެސް ހުއްދަ ނެގުމަށާއި، އަދި ބޭރަށް ނިކުމެއްޖެނަމަ ސަލާމަތީގޮތުން އަޅަންޖެހޭ، ގައިދުރުކުރުމާއި މާސްކު އެޅުންފަދަ ކަންތައްތަކަށަ ސަމާލުވުމަށްވެސް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ހައްސާސް ވަގުތުގައި ސިއްހީ މާހިރުންނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ދޭ މަޝްވަރާތަކާއި އިރުޝާދުތަކަށް ތަބާވުމަށް އިލްތިމާސްކުރާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް، ލޮކްޑައުން އެންފޯސް ކުރުމުގެ ކަންތައް ފުލުހުން ކުރިއަށްގެންދާނެ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ފިޔަވަޅުތައް އަޅައި ކަންކަން ކުރަމުން އަންނަނީ ރައްޔިތުންނަށް ލުއިފަސޭހަކޮށް ކަންކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިގެން ދުވަހުން ދުވަހަށް ރައްޔިތުން ބޭނުންވާ ކަންތައްތައްް ކުރެވޭގޮތަށް ރާވައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ހޯދުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ ދަށުން، ވިޔަފާރިކުރުމަށް މިހާތަނަށް 28،399 ޕާމިޓް ދޫކޮށްފައިވާ ކަމަށާއި ވިޔަފާރި ކުރާ ފަރާތްތަކަށް 2966 ބިޒްނަސް ޕާމިޓް ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.