އެމިރޭޓްސް

ދައުރުވަމުންދާ އެމިރޭޓްސްގެ ޑައިމަންޑް ޖެހި ބޯޓަކީ ފޭކެއް

މި ދޭތެރެއަކުން އިންޓަނެޓުގައި ދައުރުވި އެއް ފޮޓޯއަކީ އެމިރޭޓްސްގެ ޑައިމެންޑް ޖެހި ބޯޓެއްގެ ފޮޓޯއެވެ. ގިނަ ބަޔަކަށް މި ފޮޓޯ ފެނުމުން ހައިރާންކަން ލިބިފައިވާއިރު އެއީ ސަޅި ކަމެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ދެކެއެވެ.

އެ ފޮޓޯއިން ފެންނަނީ އެމިރޭޓްސްގެ ބޮއިން 777 މަރުކާގެ ބޯޓެކެވެ.

ގިނަ މީހުން ކުރީން ހީކުރަމުން އައީ އެއީ އަސްލު ފޮޓޯއެއް ކަމަށް ނަމަވެސް، އެއީ ފޭކެއްކަން މިހާރު ވަނީ އެނގިފަ އެވެ.

އެ ފޮޓޯ އަކީ ސާރާ ޝަކީލު ކިޔާ ބޭރުގެ އާޓިސްޓެއް އިސްލާމްއާބާދުގު އެއާޕޯޓުގައި ނަގާފައިވާ އެމިރޭޓްސްގެ ބޯޓުގެ ފޮޓޯ އެކެވެ. ސާރާ އަކީ އޭނާގެ ފޮޓޯޝޮޕުގެ ހުނަރު ބޭނުން ކޮށްގެން އެކި ތަންތަނާ އެއްޗެހީގައި ކްރިސްޓަލްސް ޖެހުމަށް ކުޅަދާނާ އާޓިސްޓެއް ކަމުން އޭނާ ވަނީ އެމިރޭޓްސްގެ ބޯޓުގައިވެސް ފޮޓޯޝޮޕް ބޭނުންކޮށްގެން ކްރިސްޓަލްސްތައް ޖަހާފައެވެ.

ކުރީން ޑެންޓިސްޓެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވާ ސާރާގެ އިންސްޓަގްރާމުގައިވެސް ވަނީ އެކި ތަންތަނާއި އެއްޗެހި "ބްލިންގް ބްލިންގް" ކޮށްލާފައެވެ.

އެމިރޭޓްސްގެ ފޮޓޯ ސާރާ ހިއްސާކުރި މަދު ވަގުތު ކޮޅެއްގެ ތެރޭގައި އެތައް ހާސްބަޔަކު ވަނީ ފޮޓޯ ވައިރަލް ކޮށްލާފައެވެ. އަދި ސީދާ އެމިރޭޓްސް އިން ވެސް ވަނީ އެ ފޮޓޯ ހިއްސާ ކޮށްފަ އެވެ. ފޮޓޯ ހިއްސާ ކުރަމުން އެމިރޭޓްސް އިން ކެޕްޝަނުގައި ލިޔެފައިވަނީ އެމިރޭޓްސްގެ "ބްލިންގް" 777 ފްލައިޓަކީ މީ ކަމަށެވެ. އެ ޕޯސްޓުގައި އެމިރޭޓްސް އިން ވަނީ ސާރާ ޓެގްކޮށް އޭނާ އަށް ފޮޓޯ ކްރެޑިޓްވެސް ދީފައެވެ.

ފޮޓޯ ހިއްސާ ކުރުމާއެކު މީސް މީޑިއާގައި ފޮޓޯއާ ބެހޭގޮތުން އެކި ގޮތްގޮތަށް ބަހުސް ކުރެވިގެން ދިޔައެވެ. އެއްބަޔަކު އެއީ ފޭކެއް ކަމަށް ބުނަމުން ދިޔައިރު އަސްލު އެމިރޭޓްސްގެ ބޯޓެއް ކަމަށް ގަބޫލުކުރި މީހުންވެސް މަދެއް ނޫނެވެ.

ސާރާ އަށް ވެސް އެކަން ވީ މަޖަލަކަށެވެ. އޭނާ ވަނީ އިންސްޓަގްރާމުގައި ފަހުން އެހެން ޕޯސްޓެއް ކޮށްފައެވެ. އޭގައި ބުނެފައިވަނީ އޭނާ ލާފައިވާ ފޮޓޯ އަކީ އަސްލެއްތޯ ނުވަތަ ނޫންތޯ އެކި މީހުން ބަހުސް ކުރަމުން ދާތީ ފްލައިޓް ނައްޓާލުމުގެ ކުރިން އަސްލެއް ކަމަށް ދައްކަން އިތުރު ފޮޓޯއެއް ނެގި ކަމަށެވެ. އެ ކެޕްޝަނާ އެކު ވެސް ސާރާ ހިއްސާ ކޮށްފައި ވަނީ އެމިރޭޓްސް ގެ ބޯޓުގެ ބައެއްގައި ޑައިމަންޑް ފޮޓޯޝޮޕްކޮށްފައެވެ.

މީގެ އިތުރުން ސާރާ ބުނީ އެ ފޮޓޯ ހެދީ އެ ޓްރިޕްގެ އެކްސައިޓްމަންޓާ ހެދި ކަމަށެވެ.