އިބްރާހިމް ޒަކީ
ޖޫން 3 އަށް މިހާރު ތިބި ކައުންސެލަރުންގެ ދައުރު ހަމަވާއިރުވެސް، ކައުންސިލް އިންތިހާބު ނުބޭއްވޭތީ ދިމާވާ، ގާނޫނީ ހުސްކަން ފޫބެއްދުމަށް، ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިއްބެވި، ކައުންސެލަރުންގެ ދައުރު، ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން އިތުރު ކުރުމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅުއްވައިފައެވެ.
ނަމަވެސް އެ ބިލަށް މަޖިލިސް ތަޅުމުގައި ބަހުސަށް ހުޅުވާލުމުގެ ބަދަލުގައި އެ ބިލު އެއް ފަރާތްކޮށް، ހަމަ އެ މައްސަލައަށް ހައްލު ހޯދުމަށް "ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް 2020" ގެ ނަމުގައި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ބިލެއް ހުށަހަޅައި އިބްތިދާއީ ބަހުސްވެސް ކުރުމަށްފަހު، ބިލް ދިރާސާ ކުރުމަށް މިހާރު އޮތީ ލާމަރު ކަޒީ ކޮމިޓީއަށް ފޮނުވައިފައެވެ.
އެ ބިލަކީ މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައިވެސް، މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ބިލަކަށްވާތީ، ބިލް ކޮމިޓީއަށް ފޮނުވުމުން، ބައެއް މެންބަރުން އެންމެ އިސްކަމެއް ދެއްވީ، އެ ބިލަށް އެޓާނީ ޖެނެރަލް، އިބްރާހިމް ރިފްއަތުގެ ލަފައެއް ހޯއްދެވުމަށެވެ.
އެއީ މަޖިލިސް މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާކަމެއް، އާދައިގެ ގޮތަކަށް ބިލެއްް ހުށަހަޅައިގެން މަޖިލީހަށް ހާޒިރުވާ މެންބަރުންގެ އަގުލަބިއްޔަތުން ބަދަލު ކުރަން ހުށަހަޅާފައިވާތީއެވެ.
ކޮމެޓީގެ އެދުމަކަށް އޭޖީ ދެއްވި ލަފާ ރޭގެ ފުދޭވަރަކަށް ދަންގަޑިއެއްގައި ބޭއްވި، ކޮމިޓީ ބައްދަލުވުމުގައި ވަނީ އިއްވައިފައެވެ.
ނަމަވެސް ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް، އޭޖީ ދެއްވި ލަފާވީ ބޮޑު ހިތްހަމަ ނުޖެހުމަކަށެވެ. އެންމެ ފަހުން، އޭޖީ އަކީ މަޖިލީހަށް ލަފާ ދޭން ޖެހޭ ބޭފުޅަކަށްވެސް ނުވާ ކަހަލަ އެވެ.
އެބިލާ ބެހޭގޮތުން އޭޖީ ދެއްވި ލަފާގައި ވިދާޅުވެފައިވަނީ، ގާނޫނުއަސާސީ އިސްލާހުކޮށްގެން ނޫންގޮތަކަށް ކައުންސެލަރުންގެ ދައުރު އިތުރު ނުކުރެވޭނެ ކަމަށެވެ.
އެގޮތުން 3 ޖޫން 2020 ގެ ކުރިން ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިހާބު ނުކުރެވިއްޖެނަމަ މެދުވެރިވާނެ ގާނޫނީ ހުސްކަން ފޫބެއްދޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން މިހާރު އިންތިހާބު ކޮށްފައިތިބި ކައުންސެލަރުންގެ ދައުރު އިތުރުކޮށްގެން ކަމަށްވީނަމަވެސް، އެކަން ކުރެވޭނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 5ވަނަ އިސްލާހުގެނައުމުގެ ގާނޫނުގެ 4 ވަނަ މާއްދާ ފުރަތަމަ އިސްލާހުކޮށްގެންކަމަށް އޭޖީ ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމަށް ގާނޫނުއަސާސީގެ 8 ވަނަ ބާބުގައި ތަރުތީބުކޮށް ތަންޒީމުކޮށްފައިވާ އުސޫލުތަކާއި އިޖުރާއާތުތަކާ ހިލާފު ނުވުމަށާއި، 3 ޖޫން 2020ގެ ކުރިން ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިހާބު ނުކުރެވިއްޖެނަމަ މެދުވެރިވާނެ ގާނޫނީ ހުސްކަން ފޫބެއްދުމަށާއި ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމަށް ޓަކައި ގާނޫނުއަސާސީގެ 8 ވަނަ ބާބުގެ ރޫހާއި މަގުސަދު ހާސިލުކުރުމަށް އަމަލުކުރެވެން އޮތް ގޮތަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގައިވާ ފަދައިން، އެ ގާނޫނުގެ ހަތަރު ވަނަ މާއްދާ އިސްލާހުކޮށް ލޯކަލް ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބު ކުރެވެންދެން، މިހާރު އެކައުންސިލްތަކުގައި ތިބި މެންބަރުން އެ މަގާމުތަކުގައި ދެމިތިބޭނެކަމަށް ކަނޑައެޅުން ކަމަށް ވެސް އޭޖީ ވިދާޅުވެފައި ވެއެވެ.
އޭޖީ ދެއްވި މި ލަފައޔާ ގުޅިގެން ކޮމިޓީގައި ރޭ ކުރި ބަހުސްގައި، އެމްޑީޕީގެ އެންމެ މެންބަރެއް ފިޔަވައި ދެން ތިއްބެވި ހުރިހާ މެންބަރުން، ވަނީ އޭޖީގެ ލަފަޔާމެދު ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކައިފައެވެ.
އެކަމާބެހޭގޮތުން ފުރަތަމަ ވާހަކަދައްކަވަން ފެއްޓެވި، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ، އެޓާނީ ޖެނެރަލް މާކުރިންވެސް އޮތީ، މަޖިލީހުގައި ގާނޫނީ ލައިނެއް އަޅުއްވާފައި ކަމަށެވެ. އެއީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ދައުރު އިތުރު ކުރުމަށް އޭޖީ މަޖިލީހަށް ފޮނުއްވި ބިލް ކަމަށާއި، މަޖިލީހަށް އޭޖީ ދެއްވި ލަފަޔަކީވެސް ގާނޫނީ ގޮތުން އެ ލައިނަށް އޭޖީ ދެއްވާފައިވާ ލަފައެއް ކަމަށެވެ. އަދި މިހާލަތަކީ ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނެ ހާލަތެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.
އެންމެ ފަހުން، ބަންޑާރަނައިބަކީ ދައުލަތުގެ ބަންޑާރަނައިބު ނަމަވެސް މަޖިލީހުން ގާނޫނީ ލަފާ އަހަނީ ކައުންސިލް ޖެނެރަަލްގެ އަރިހުން ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ، އެ ބިލާ ބެހޭގޮތުން އޭޖީގެ ކިބައިން ލަފަޔަކަށް އެދުނީ ދެއްވާ ލަފާގެމަތިން ކުރިއަށް ގެންދެވޭނެތޯ ބެލުމަށް ކަމަށާއި މަޖިލީހުން ގާނޫނުއަސާސީއަށް ބަދަލު ނުގެނެވިގެން ނޫން ކަމަށެވެ. އަދި އޭޖީގެ ލަފާގައި ކަންބޮޑުވާ ކަންތައްތަކެއް ފާހަގަވާތީ، އެ ބިލަށް މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފައެއް ހޯދަން މެންބަރު މުހައްމަދު ރަޝީދު ކޮމިޓީއަށް ހުށަހެޅުއްވިއެވެ.
މެންބަރު މުހައްމަދު ރަޝީދުގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވިދާޅުވީ، މަޖިލީހުން ލީގަލް އެޑްވައިޒް ހޯދަން ޖެހޭނީ ކައުންސެލް ޖެނެރަލްގެ އަރިހުން ކަމަށެވެ.
"ބިލެއް ކުރިއަށްދާއިރު އޭޖީ ދެކޭގޮތް ނުވަތަ ސަޕޯޓިން ގޮތުގައި މަޝްވަރާ ނުހޯދާށެކޭ ނޫން، ނަމަވެސް ސްޓޭންޑެއް ނަގަން އެޑްވައިޒެއް ހޯދަންޏާ ހޯދަން ޖެހޭނީ ކައުންސެލް ޖެނެރަލްގެ ފަރާތުން،" މެންބަރު އަހުމަދު ޒާހިރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި، އޭޖީގެ ލަފަޔަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި ހަމައެކަނި މެންބަރަކީ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުއެވެ.
ފަލާހު ވިދާޅުވީ އޭޖީގެ ލަފާ ގަބޫލު ކުރައްވާ ކަމަށެވެ. އޭޖީ ހުށަހަޅުއްވާފައި ވަނީ، މެންބަރު ހަސަން ލަތީފު ވެސް ހުށަހަޅުއްވާފައިވާ ގޮތަށް، ކައުންސެލަރުންގެ މުއްދަތު އިތުރު ކުރަން ކަމަށާއި އެހެންކަމުން އޭޖީގެ ލަފާ ގަބޫލު ނުކުރަންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެންމެ ފަހުން އެ ބިލަށް ކައުންސެލް ޖެނެރަލްގެ ލަފާ ހޯދަން ރޭގެ ކޮމެޓީ ބައްދަލުވުމުގައި ވަނީ ފާސް ކޮށްފައެވެ.