ރިޕޯޓް

ރަށަށް ނުދެވުނަސް ކެތްތެރިވާނަން، ރަށަށް ގޮސް ލޯބިވާ މީހުންނަށް ކޮވިޑް ވެދުންކުރާ މީހަކަށް އަހަރެން ނުވާނަން!

ޗައިނާގެ މައި ދޮރާށިން ނުކުމެ މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް 19 ރާއްޖެއަށް އަންނާނެ ކަމަށް އޭރު ވެސް ސިއްހީ މާހިރުން ދިޔައީ ބުނަމުންނެވެ. ކަންވީވެސް އެހެނެވެ. ނަމަވެސް ސިއްހީ މާހިރުންނާއި ސަރުކާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޭރުވެސް ވެފައި އޮތީ ތޮއްޖެހިފައި އޮތް މާލެއިން ބަލި ޖެހިފައިވާ މީހަކު ފެނުމެވެ. ބަލި ފެތުރިގެން ގޮސްފިނަމަ ކޮންޓްރޯލް ކުރަން އުދަނގޫވާނެތީއެވެ. އެކަމަށް ވިސްނައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ރޭވުމުގައި ތިއްބައި، މިދިޔަ މަހުގެ 15 ވަނަ ދުވަހު ކޮވިޑަށް މާލެއިން ދިވެއްސަކު ޕޮޒިޓިވް ވިއެވެ.

ޑޮކްޓަރުންނާއި ސިއްހީ މާހިރުން ބުނި ގޮތަށް، މާލޭގައި ކޮވިޑް ފެތުރެން ފެށިއެވެ. ބަލި ޖެހޭ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދިޔައެވެ. ބަލީގެ ބިރުވެރިކަން ބޮޑުވެ، އެންމެ ފަހުން މުޅި މާލެ ސަރަހައްދު ފުރަބަންދުކުރިއެވެ. މާލެއަށް އައުމާއި ފުރުން އަދި މަގުތަކަށް ނުކުމެ އުޅުން މަނާކުރިއެވެ. އެއީ ފަސޭހައިން ގައިންގަޔަށް އަރާ މިބަލި ކޮންޓްރޯލް ކުރުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅެވެ.

އެއާއެކު ބޭހަށާއި ޗުއްޓީއަށް މާލެއަށް އައިސް އުޅުނު އެތައް ބަޔަކު ތާށިވިއެވެ. ބައެއް މީހުން ވަންނާނެ ތަނެއް ނެތި ބިކަވިއެވެ. ލޯބިވާ އަނބިދަރިންނާ ދުރުގައި ތިބެން ޖެހޭނީ ކިތައް ދުވަސްކަން ނޭނގި ފިކުރު ބޮޑުވާން ފެށިއެވެ. ހަމަހިމޭން ރަށްފުށު މާހައުލާއި ދުރުގައި ކާރުބާރު ބޮޑު މާލޭގައި އުޅެން ބައެއް މީހުންނަ އުނދަގޫވިއެވެ. ލޮކްޑައުން އިއުލާންކުރިތާ މަހަކާ ކައިރިވެފައިވާއިރު އެފަދަ އެތައް ބައެއްގެ އުދާސްތަކާއި ކަންބޮޑުވުންތައް އުތުރި އަރަން ފެށިއެވެ.

އަލިމަގެއް ނުފެނި ތިއްބައި ސިއްހީ މާހިރުންނާއި ދައުލަތުގެ ވެރިން ދެން ދޭން ފެށީ ބިރުވެރި އިންޒާރުތަކެކެވެ. މާލޭގެ ހާލަތު ގޯސްވެ، ކުރިއަށް އޮތް ދެ ހަފުތާއަށް ބަލާއިރު މާލެއަކީ ރައްކާތެރި ތަނަކަށް ނުވާނެ ކަމެވެ. މިވަގުތު މާލެއިން އެހެން ރަށަކަށް ދިއުމަކީ އެންމެ ނުރައްކާތެރި ކަންތައް ކަމަށް ދިޔައީ ބުނަމުންނެވެ.

ކުޑަ މިސާލެކެވެ. މާލެ ސަރަހައްދު ލޮކްޑައުންކުރި ދުވަހު މާލެއިން ފުރައިގެން ށ. އަތޮޅަށް ފުރި އަމާޒު ބޯޓުގެ ކޭސްއެވެ. އެބޯޓުގެ ކައްޕިއަށް ބަލި ޖެހިފައި ހުރިކަން ހުދު އޭނާއަށް ވެސް ނޭނގެއެވެ. އެހެން ނޫނީ 98 މީހުންގެ މާލިމީކަމުގައި އޭނާ މާލެއިން ނުފުރާނެކަން ކަށަވަރެވެ. އެނގިހުރެ އެތައް ބަޔަކު ނުރައްކަލަކަށް ވައްޓައެއް ނުލާނެއެވެ. އާހިރުގައި އޭނާގެ އާއިލާއާއި އެތައް ބަޔަކު ބަލީގެ ނުރައްކަލަށް ހުށަހެޅުނެވެ. އެބޯޓުން ބައެއް ރަށްރަށަށް ފޭބި މީހުން ބައްޔަށް ޕޮޒިޓިވްވެ، އެރަށްތަކުގައި ވެސް ބަލި ފެތުރިދާނެ ކަމުގެ ބިރު ބޮޑުވިއެވެ. ބައެއް ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެންގޮސް، ކާފިއު ވެސް ހިންގިއެވެ.

އެހެންކަމުން މާލެއިން ގިނަ އަދަދެއްގެ ކޭސްތަކެއް ފެނި އަދިވެސް ފެންނަމުންދާއިރު މިވަގުތު މާލޭގައި ހުރި ކޮންމެ މީހަކީ ވެސް ރިސްކު ބޮޑު މީހެއްކަން ގަބޫލު ކުރަންޖެހެއެވެ. އެއީ ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހުނު ގިނަ މީހުންގެ ފަރާތުން އަލާމާތެއްވެސް ނުފެންނާތީއެވެ.

އެހެންކަމުން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ތިމާއަށް ވެސް އެބަލި ޖެހިފައި ހުރެދާނެކަމެވެ. އެކަން ނޭނގި ހުއްޓައި ރަށަށް ގޮސް، ރަށަށް ބަލި ފަތުރާ މީހަކަށް ވާން ބޭނުންހެއްޔެވެ؟ އާއިލާއާއި ގާތްތިމާގެ މީހުންނާ އެއް ފަސްގަނޑެއްގައި، އެކަހެރިވެ ތިބެވޭނެ ހެއްޔެވެ؟ ބަލި ޖެހުމަށްފަހު ތިމާ ކިތަންމެ ބޭނުން ނުވިޔަސް، މުޖުތަމައު ތެރޭގައި ތިމާގެ ވާހަކަ ދައްކާ އަޑު އަހަން ކެރޭނެ ހެއްޔެވެ؟ ނުވަތަ ރަށަށްދާ ފަހުން ބަލީގެ އަލާމާތްތައް ފެނި، ޕޮޒިޓިވް ވެ އަދި ބަލީގެ ސަބަބުން ހާލު ބޮޑުވެއްޖެނަމަ، މިވަގުތު ހާލަތު އޮތް ގޮތުން ފަރުވާއަށް މާލެ ނާދެވި ފުރާނަ ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް ވެސް ވިސްނާށެވެ.! އަމިއްލަ ފަސްގަނޑަށް، ލޯބިވާ މީހުންނަށް ކޮވިޑް ވެދުން ކުރާ މީހަކަށް ނުވާށެވެ! ކިތަންމެ ދަތި އުނދަގޫ ވިޔަސް، މިދިޔަ ދުވަސްތަކުގައި ކެތްކުރި ގޮތަށް ބާކީ އޮތް ދެ ހަފުތާއެއްހާ ދުވަސް ކެތްކޮށްލާށެވެ! އޭރުން ފަހަށް އޮތީ އިރާދަފުޅުކުރެއްވިއްޔާ ފަހި ދުވަސްތަކެވެ. ދަތުރު ކުރެވޭނެ ދުވަސްތަކެވެ.