ޕީޕީއެމް

ޕީޕީއެމްގެ ގައުމީ ޖަލްސާ ހުއްޓުވައިދިނުމަށް އެދިއްޖެ

މާދަމާ އިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ބާއްވަން ނިންމާފައިވާ ޕީޕީއެމްގެ ކޮންގްރެސް ފަސްކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް އިލެކްޝަންސް ކޮމިޝަންގައި އެދިއްޖެއެވެ.

ޕީޕީއެމްގެ ގައުމީ ޖަލްސާ ހުއްޓުވައިދިނުމަށް ނަދީމް ސިޓީއަކުން އެ ކޮމިޝަންގައި އެދުނީ އެޕާޓީގެ އާންމު މެމްބަރެއްގެ ހައިސިއްޔަތުންނެވެ.

އިލެކްޝަންސް ކޮމިޝަނަށް ނަދީމް ފޮނުއްވި ސިޓީގައި ވަނީ ގައުމީ ޖަލްސާ ބޭއްވުމަށް ޕީޕީއެމް އިން ނިންމާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށެވެ.

އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިނުވާނަމަ ދެން ޚާއްސަ ގޮތުން ބާއްވާ ގައުމީ ޖަލްސާއެއް ބޭއްވެން ގަވާއިދު ޖާގަ ދެނީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކޮށްގެން ކަމަށް ނަދީމްގެ ސިޓީގައިވެއެވެ.

"އެހެންނަމަވެސް، ޕާޓީގައި މިހާރު ހަރަކާތްތެރިވަމުންދާ ކައުންސިލްއަކީ އަސާސީ ގަވާއިދުގެ ދަށުން ސައްޙަ ކައުންސިލްއެއް ނޫނެވެ. ކައުންސިލްގެ ދައުރަކީ 5 އަހަރު ދުވަސްކަން އަސާސީ ގަވާއިދުގެ 81 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ. އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކައުންސިލް ވަނީ ޖެނުއަރީ 2018 ގެ ނިޔަލަށް އުވިފައެވެ..،" ނަދީމްގެ ސިޓީގައިވެއެވެ.

އޭގެ އިތުރުން ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވެން އަންނަނީ ވެސް ޕާޓީގެ ރައީސްގެ ބެއްލެވުމުގެ ދަށުން ކަމަށްވުމާއެކު، ޕާޓީގެ ރައީސް ޕާޓީގެ މެންބަރުކަމުން ވަކިކުރި ކަމަށް އަސާސީ ގަވާއިދާ ހިލާފަށް ކަނޑައަޅާފައިވާ ކަމަށް ވެސް ނަދީމްގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.

"މި ހުރިހާ ސަބަބުތަކެއް އެގޮތަށް ހުރުމުން، ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސްއިން ބާއްވަން އުޅޭ ޚާއްސަ ގޮތުން ބާއްވާ ގައުމީ ބައްދަލުވުން ކުރިއަށް ނުގެންދިއުމަށް އެ ޕާޓީއަށް އަންގަވައި އެކަން ހުއްޓުވައި ދެއްވުން އެދި ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސްގެ މެންބަރެއްގެ ޙައިސިއްޔަތުން ހުށަހަޅަމެވެ،" ނަދީމްގެ ސިޓީގައިވެއެވެ.

ސިވިލް ކޯޓުގެ ހުކުމެއްގެ ދަށުން ޕީޕީއެމްގެ ހިންގުން ވަނީ އެޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާ ހަވާލު ކުރައްވާފައެވެ. އަސާސީ ގަވާއިދުގައިވާ ގޮތުން މުސްތަޝާރަކީ ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ބޭފުޅާއެވެ.