މުހައްމަދު އައުޒަމް
ކޮވިޑް 19 އާއި ގުޅިގެން އެންމެން މާސްކު އަޅަން ޖެހުމުން، ފޭސް އައިޑީ ބޭނުންކޮށްގެން އައިފޯނު ނުހުޅުވޭ މައްސަލައިގެ ޝަކުވާ ބޮޑުވެ، އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެޕަލްއިން ފަށައިފި އެވެ.
ކޮވިޑުން ރައްކާތެރިވުމަށް މާސްކު އެޅުމަށް މަޖުބޫރުވެފައިވާއިރު ގިނަމީހުންނަށް އެންމެ ބޮޑު އުނދަގުލަކަށްވަނީ ފޭސްއައިޑީ ބޭނުންކޮށް ފޯނު ހުޅުވުމަށެވެ. މާސްކުގެ ސަބަބުން މޫނުގެ ބޮޑުބައެއް ފޮރުވިފައިވުމުގެ ސަބަބުން ފޭސްއައިޑީއަށް މޫނު ޑިޓެކްޓެއް ނުވެއެވެ. މިކަމަށް ހައްލު ގެނައުމަށް އެޕަލްއިން މިހާރު ވަނީ މަސައްކަތް ފަށައިފައެވެ.
އެޕަލް އައިފޯން ގެންގުޅޭ މީހުންނަށް މިކަން ހައްލުކޮށްދިނުމަށް އެކުންފުނިން ވަނީ އައިއޯއެސްގެ އާ އަޕްޑޭޓް އައިއޯއެސް 13.5 ބީޓާ ގައި ފޭސް އައިޑީގެ އާ ފީޗާއެއް ހިމަނައިފައެވެ.
ފޭސް އައިޑީގެ އާ ފީޗާއިން މާސްކު އަޅައިގެން ހުރެ ފޯން ހުޅުވަން އުޅޭކަން ދެނެގަންނާނެއެވެ. އަދި މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ޕާސްކޯޑު ޖަހާ ސްކްރީން ހުޅުވަދޭނެއެވެ. މީގެ ކުރިން ފޭސް އައިޑީ މަސައްކަތް ނުކޮށްފިނަމަ އަލުން ފޭސްއައިޑީން މޫނު ޑިޓެކްޓު ކުރަން މަސައްކަތް ކުރެއެވެ. ނަމަވެސް އައިއޯއެސް 13.5 ގައި މޫނުގައި މާސްކު އަޅައިފައި ހުރިކަން ދެނެގަނެ ވަގުތު ސަލާމަތްކޮށްދޭނެ އެވެ.