ވިޔަފާރި

ކޮވިޑުގެ ސަބަބުން ބިލް ދެއްކުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް ދިރާގާއި އުރީދޫއިން ލުއިތަކެއް

މަރިޔަމް ޝަހުދާ

ކޮވިޑް 19 އާއި ގުޅިގެން ކަސްޓަމަރުންނަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން ބިލް ދެއްކުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް ދިރާގާއި އުރީދޫއިން ލުއިތަކެއް ދިނުމަށް އެ ދެ ކުންފުނިން ނިންމައިފިއެވެ.

އެގޮތުން މި ދެ ކުންފުނިންވެސް ވަނީ ބިލަށް ފައިސާ ދެއްކުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް ބިލް ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފައެވެ.

އުރީދޫ އިން މައުލޫމާތު ދިން ގޮތުގައި އުރީދޫ ކަސްޓަމަރުންގެ ތެރެއިން އެކަމަށް އެދި ކަސްޓަމަރުންނަށް ބިލް ތައްޔާރު ކުރާ ދުވަހުން ފެށިގެން ދެ މަސް ދުވަހަށް ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދޭނެއެވެ. އަދި މާލީ ދަތިކަން ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް، ބިލަށް ފައިސާ ދެއްކުމުގެ ޕްލޭންތަކާއި އެހެނިހެން ލުއިފަސޭހަކަމަށް އެދުމުން އެކަން ހަމަޖައްސައިދޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

މީގެ އިތުރުން ކޮވިޑް 19އާ ގުޅިގެން ދިމާވި ކަންކަމުގައި ވަޒީފާ ގެއްލުނުކަމަށް ރެޖިސްޓާކޮށްފައިވާ އުރީދޫ ކަސްޓަމަރުންނަށް އެކަމަށް ހައްލެއް ނުލިބެނީސް ނުވަތަ އެ ކަސްޓަމަރުންނަށް ފައިސާގެ އެހީތެރިކަން ލިބޭނެ އިތުރު ގޮތެއް ފަހިނުވާކަމުގައިވާ ނަމަ، އުރީދޫ ބިލްތައް ދައްކާފައި ނުވިކަމުގައިވިޔަސް ޖޫން 2020ގެ ނިޔަލަށް އެ ކަސްޓަމަރުންނަށް ދެމުން އަންނަ ހިދުމަތްތައް ކަނޑާނުލާނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

އުރީދޫއިން ވަނީ http://ore.do/billsupport މެދުވެރިކޮށް މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަސްޓަމަރުން ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކުރުމަށް އެދެވޭނެ ކަމަށް ބުނެފައެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި އެ ކުންފުނިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ކުރިއަށް އޮތް ދެ މަސް ދުވަހަށް ބިލް ދެއްކުމުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. އަދި މިހާރުގެ ހާލަތަށް ބަލާފައި ވަކިވަކި ކަސްޓަމަރުންގެ ރިކުއެސްޓުތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށްވެސް ނިންމާފައިވާ ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން ކޮވިޑް 19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ކަސްޓަމަރުންގެ ހިދުމަތްތައް މިހާލަތުގައި ކަނޑާނުލާނެ ކަމަށާއި، އެ ކަސްޓަމަރުންނަށް ޖޫން މަހުގެ ނިޔަލަށް މެދުކެނޑުމެއް ނެތި ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް ދިރާގުން މައުލޫމާތުދެއެވެ. އަދި ފަހުން ދައްކާ ބިލު ޕޭމަންޓުތަކުގެ އިތުރުން ރީކަނެކްޝަންފީ މިހާލަތުގައި މާފުކޮށްދޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

މި ދެ ކުންފުނިންވެސް އަންނަނީ ކޮވިޑް 19އާ ގުޅިގެން ކަސްޓަމަރުންނަށް އެކި ގޮތްގޮތުން ލުއިފަސޭހަތައް ފޯރުކޮށްދެމުންނެވެ.