ރައްޔިތުންގެ މަޖިލިސް

ހުޅުމާލޭގައި ފަތުރުވެރިންނަށް ހަމަލާދިންމީހުން ދޫވި މައްސަލަ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ބަލަނީ

އިބްރާހިމް ޒަކީ

މިއަހަރުގެ ފެބްރުއަރީ 4 ގައި ހުޅުމާލޭގައި ފަތުރުވެރިން ތަކަކަށް ހަމަލާދީ، ޓެރަރިޒަމްގެ އަމަލު ހިިންގި ބައެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނިކޮށް، އެމީހުން ދޫކޮށްލާފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ބަލަން ނިންމައިފިއެވެ.

އެ މައްސަލަ ކޮމިޓީން ބެލުމުގެ ކަންތައް ކުރިއަށް ގެންދިއުމާބެހޭގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ވާހަކަ ދައްކަަވަމުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، ފަތުރުވެރިންތަކެއް ގަޔަށް ވަޅިހެރި މައްސަލަ ފުލުހުން ބަލާފައި ވަނީ، އެ ހާދިސާއާ ގުޅޭ ވީޑިއޯ ފުޓޭޖްތަކާއި އެއްޗެހި ދިރާސާކޮށް ބޭރުގެ އެހީހޯދައިގެން ކަމަށެވެ.

އެ މައްސަލައިގައި ކުށްވެރިން ދޫވެފައިވަނީ، ފުލުހުން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޕީޖީއަށް މައްސަލަ ފޮނުވާފައިވަނިކޮށް ކަމަށްވާތީ އެކަން ހިނގާފައިވާ ގޮތް ފުލުހުންގެ ފަރާތުން ކޮމިޓީއަށް ހޯދުމަށް އަލީ ނިޔާޒް ހުށަހެޅުއްވިއެވެ.

އަލީ ނިޔާޒުގެ ހުށަހެޅުއްވުމާ ގުޅިގެން ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، ފުލުހުން އެ މައްސަލަ ޕީޖީއަށް ފޮނުވި ނަމަވެސް އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވާކަމަށް ޕީޖީ ވިދާޅުވެފައިވާ ވާހަކަތަކެއް މީޑިއާތަކުގައި ދައުރުވާ ކަމަށެވެ. އެހެންކަމުން އެކަމުގައި ސީދާ ޕީޖީގެ ބަހެއް ކޮމިޓީއަށް ހޯދަންޖެހޭ ކަމަށާއި އެކަމުގައި ތަހުގީގު ފުރިހަމަ ނުވަނީ ކޮންކަމަކުންކަން އޮޅުން ފިލުވަންޖެހޭ ކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

އެހެންކަމުން އެކަމުގައި ޕީޖީގެ ބަހެއް ހޯދުމަށް އަލީ ނިޔާޒު ކޮމިޓީއަށް ހުށަހެޅުއްވި، ހުށަހެޅުއްވުމަށް އިތުރު ކޮށްދެއްވުމަށް ހަސަން ލަތީފް އެދިވަޑައިގަތެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުން ނިންމަވާލެއްވީ އެމާބެހޭގޮތުން ޕީޖީ އާއި ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދުމަށްފަހު ކޮމިޓީން ގޮތެއް ނިންމުމަށް ކޮމިޓީގެ ހުރިހާ މެންބަރުން އެއްބަސްވެގެންނެވެ.

ހުޅުމާލޭ މަގުމަތިން ޗައިނާގެ ދެ މީހަކާއި އޮސްޓްރޭލިއާގެ މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި ހަމަލާއާ ގުޅިގެން އަށް މީހަކު ހައްޔަރު ކުރި އެވެ. ފުލުހުން ބުނެފައިވަނީ އޭގެ ތެރެއިން ހަތަރު މީހުންނަކީ ސީދާ ގޮތުން އެކަމުގައި ބައިވެރިވެފައިވާ މީހުން ކަމަށެވެ.

މި ހަމަލާއަކީ ހަރުކަށި މީހުން ހޯދުމަށް ރ. މަޑުއްވަރީގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަންގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އަދި މި ހަމަލާއަކީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަރުކަށި ސެލްއެއްގެ މެންބަރުންތަކެއް ހިންގި އަމަލެއް ކަމަށްވެސް ފުުހުން ބުނެފައިވެއެވެ.

ނަމަވެސް ފުލުހުން ބުނެފައިވަނީ އެ އަށް މީހުންގެ ތަހުގީގު ފުރިހަމަކޮށް ގާނޫނު ބުނާ މުއްދަތުގެ ތެރޭގައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވި ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގަށް ހޯދާފައިވާ ހެއްކާއި ގަރީނާތަކުގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީން ނިންމި ކަމަށްވެސް ފުލުހުން ބުނެއެވެ.

މުޖުތައުގެ ތެރެއަށް ދޫވެފައިވާ އެ އަށް މީހުންގެ ފައިގައި ޓެގް އެޅުވުމަށް މިހާރު ހައިކޯޓުން ވަނީ ފުލުހުންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައެވެ.

އިއްޔެރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ހަރުކަށި ފިކުރާއި ޓެރަރިޒަމްއާ ދެކޮޅަށް ފުލުހުން އޮޕަރޭޝަންތަކެއް ހިންގި ކަމަށާއި އެ އޮޕަރޭޝަންތަކުގެ ތެރެއިން ފާހަގަ ކުރެވުނު އަށް މީހަކު މޮނީޓާ ކުރުމަށް ހައިކޯޓުން އިއްޔެ މޮނިކޮން އަމުރު ނެރެދީފައިވާ ކަމަށެވެ.