ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދުގެ މައި ދޮރު، ޓޫރިޒަމް މިވަނީ ބަންދުވެފައެވެ. އެއާއެކު ރިސޯޓްތައް ފަޅުވެ، ރިސޯޓް މުވައްޒަފުންނާއި އެ ސިނާއަތުން ކައިބޮއެ އުޅޭ އެތައް ބައެއްގެ ވަޒީފާ ގެއްލި ބިކަވެއްޖެއެވެ. ޓޫރިޒަމްގެ އިތުރުން އެހެން ސިނާއަތްތަކަށް ވެސް އެތައް ގޮންޖެހުމެއް މިއަދު ކުރިމަތިވެފައިވާއިރު، ރާއްޖޭގެ އިގްތިސާދު މިއޮތީ ވެންޓިލޭޓަރެއްގެ އެހީގައެވެ.
މި ދަނޑިވަޅުގައި ސަރުކާރުން ގެންދަނީ ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދިނުމަށް ޕެކޭޖުތަކެއް ތައާރަފުކުރަމުންނެވެ. ބޭންކުތަކުން ގެންދަނީ އެކި ނަންނަމުގައި ލުއި ލޯނުތައް ދެމުންނެވެ. ވަޒީފާ ގެއްލޭ މީހުންނަށާއި ފުރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ވެސް އެލަވެންސެއް ދޭން ވަނީ ނިންމައިފައެވެ. ކަންކަން މިހެން އޮތްއިރު މިއީ އެންމެން އެކަތި ގަނޑަކަށް ވެގެން މަސައްކަތް ކުރަންވީ ވަގުތެކެވެ. ގައުމު ތިމާއަށް ކޮށްދިން ކަމެއް ނުބަލައި ގައުމަށް ތިމާއަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލަންވީ ވަގުތެވެ.
އެ ވިސްނުމާއެކު ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ހެޕީމާކެޓްގެ ސީއީއޯ އަލީ އިހުސާން ވަނީ މިދަނޑިވަޅުގައި އެކުންފުނީގެ ޖޫނިއާ މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމުގެ ބަދަލުގައި އަމިއްލަ މުސާރަ 43 ޕަސެންޓް ކުޑަކޮށްފައެވެ. އަދި ގައުމަށްޓަކައި ސަރުކާރުގެ ވެރިންނާއި ތަނަވަސްކަން ހުރި މީހުންގެ މުސާރަ ކުޑަކުރުމަށް ގޮވާލައި އޭނާ މިވަނީ ޗެލެންޖެއް ފައްޓަވައިފައެވެ.
އިހުސާން ވިދާޅުވީ، އެފަދަ ޗެލެންޖަކީ ގައުމާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މިވަގުތު ވެސް އަމިއްލަ ފުރާނަ އަތް މައްޗަށް ލައިގެން ފްރަންޓްލައިންގައި މުވައްޒަފުން މަސައްކަތް ކުރާތީ، ގޭގައި މިވަގުތު ތިބި މީހުންނަށް ވެސް ގައުމަށްޓަކައި ކަމެއް ކޮށްދެވިދާނެ ކަމަށް ގަބޫލުކޮށްގެން ފެށި ކަމެއް ކަމަށެވެ.
އެގޮތުން އިހުސާން ކުރެއްވި ޓުވީޓެއްގައި ވަނީ، ކެބިނެޓް މިނިސްޓަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ވެސް އެ ޗެލެންޖު ކުރައްވައިފައެވެ.
އެގްޒެކެޓިވް ސެލެރީ ޗެލެންޖުގެ ނަމުގައި ކުރިއަށް ގެންދާ އެ ޗެލެންޖު ފެއްޓެވުމުގެ ގޮތުން އިހުސާން ޗެލެންޖު ކުރެއްވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަށެވެ. ނާޒިމަކީ ރާއްޖޭގެ މަޝްހޫރު ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓުރަކްޝަން ކުންފުނި (އާރުސީސީ)ގެ ޗެއާމަނެވެ.
ނާޒިމް ވަނީ އިހުސާންގެ ޗެލެންޖު ގަބޫލުކުރައްވައި އޭނާއަށް ލިބިވަޑައިގަންނަވާ މުސާރައިގެ 50 ޕަސެންޓް އުނިކުރަން ނިންމަވާފައިވާކަން އިއުލާނުކުރައްވައިފައެވެ. އަދި އޭނާ ދެން ޗެލެންޖު ކުރެއްވީ ރިޕަބްލިކް އިންޖިނިއާސް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރަށެވެ.
އިހުސާން ވިދާޅުވީ، މިއީ މިވަގުތަށް ގައުމަށް ކޮށްދެވޭނެ އެންމެ ބޮޑު ކަންތައް ކަމަށާއި އަދި މިއީ ސިޔާސީ ކަމެއް ނޫން ކަމަށެވެ. މިކަމުގެ ސަބަބުން ކުންފުނިތަކުގެ ޖޫނިއާ ސްޓާފުންގެ މުސާރައަށް ވެސް ބޮޑެތި ބަދަލުތަކެއް ނުގެނެސް، އެމީހުންނަށް ވެސް މި ދަތި އުދަނގޫ ވަގުތުގައި ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.