ޝަހީދާ އަބްދުﷲ ސައީދު
ބޭސްފަރުވާކުރުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ނުލިބި، އެބަލީގައި އޭނާ މަރުވެއްޖެނަމަ އެކަމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ނަންގަވަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވެއްޖެއެވެ.
ޕެންޝަނާ ބެހޭ ގާނޫނަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވީ ޕެންޝަން ސްކީމުގައި ހުރި ފައިސާ ނެގުމުގައި ދަތިތައް ހުރުމުން ރައްޔިތުންގެ ގިނަ ޝަކުވާތަކެއް އެބަހުރި ކަމަށެވެ.
އަދި ބަލި އެނދުގައި އޮންނަ މީހާއަށް ޕެންޝަން ފަންޑުގައި ހުރި އޭނާގެ އެފައިސާ ނުލިބި އެބަލީގައި މަރުވެއްޖެނަމަ އެކަމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ ނަންގަވަންޖެހޭނެ ކަމަށް ސަލީމު ވިދާޅުވިއެވެ.
ސަލީމު ވިދާޅުވީ ސިއްހީ ހާލަތު ދަށްވެ، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާންޖެހުމާއި ސިއްހީ ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އެފައިސާ ނެގޭނެ ގޮތެއް މިހާރު ނެތްކަމަށެވެ.
''ފެންޝަން ފަންޑުގައި ފައިސާހުރެ އެފައިސާ ނެގޭނެ ގޮތެއް ނެތި ބޭސްފަރުވާ ނުކުރެވިގެން އެމީހާ މަރުވެއްޖެނަމަ، ގައުމުގެ އެންމެ އިސްވެރިމީހާ ޖެހޭނެ އެކަމުގެ ޒިންމާ ނަގަން. މީހާގެ ފުރާނަ ސަލާމަތްނުވާ ހިސާބަށް ދާއިރުވެސް މިހާރު ނޯވޭ އެފައިސާ ނެގޭނެ އެއްވެސް ގޮތެއް. ހައްޖަށް ދިއުމުގެ ބަދަލުގައި މީހާގެ ނަފްސު ސަލާމަތްކުރުމަށް ވެސް ފައިސާ ލިބޭނެ ގޮތެއް ނެތުން މިއީ ދެން ވަރަށް ދެރަކަމެއް.'' ސަލީމް ވިދާޅުވިއެވެ.
މީގެއިތުރުން ސަލީމް ވިދާޅުވީ ފެންޝަން ފަންޑުގައި ހުރި ރައްޔިތުންގެ ފައިސާ އޭގެ ވެރިފަރާތަށް ނުލިބި ދައުލަތުގެ ކަންކަމަށް އެފައިސާ ހަރަދުކޮށްގެން ނުވާނެ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދެއްކެވި ގިނަ މެންބަރުން ވަނީ އިސްލާހަށް ތާއީދުކުރައްވާފައެވެ.