ޝަހީދާ އަބްދުﷲ ސައީދު
ޕެންޝަން ފަންޑުގައި ހުރި ފައިސާ ސަރުކާރުގެ ކަންކަމަށް ހަރަދުކުރެވިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.
ޕެންޝަނާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާއަކީ އޭގެ ވެރި ފަރާތުގެ ހައްގެއް ކަމަށާއި، އެފައިސާ ދައުލަތުގެ ކަންކަމަށް ހަރަދުކޮށްގެން ނުވާނެ ކަމަށެވެ.
އާމިރު ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާގެ ބޭނުންހިފަންޖެހޭ މުހިންމު ހާލަތްތަކުގައި ފައިސާ ނެގޭނެ އުސޫލެއް އޮންނަންޖެހޭނެ ކަމަށެވެ. އެގޮތުން ހައްޖުގެ އަޅުކަމާއި، ސިއްހީ ބޮޑެތި މައްސަލަތަކާއި، ގެދޮރު އިމާރާތް ކުރުންފަދަ ކަންކަމަށް ފަންޑުން ފައިސާ ނެގެންވާނެ ކަމަށް އާމިރު ވިދާޅުވިއެވެ.
އަދި އޭގެ އިތުރުން ޕެންޝަން ސްކީމުގައި ފައިސާ ހުރި ފަރާތްތަކަށް ކުދި ލޯނުތައް ނެގޭނެ އުސޫލެއް އޮންނަންޖެހޭނެ ކަމަށްވެސް އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ ޕެންޝަނާއި ބެހޭ ގާނޫނު އިސްލާހު ކުރާއިރު ޕެންޝަން ސްކީމުގެ ތެރެއިން ކުދި ލޯނު ލިބޭނެގޮތް ހަމަޖެހިގެން ދިއުމަކީ ވެސް ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
މީގެއިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ޕެންޝަނާ ބެހޭ ނިޒާމަކީ ހަރުދަނާ ނިޒާމެއް ކަމަށެވެ. ނަމަވެސް ރާއްޖޭގައި ޕެންޝަން ސްކީމެއް އޮންނައިރު ފަންޑުން ފައިސާ ނެގޭނެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅިފައި ނެތުމަކީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް ކަމަށް ވެސް އާމިރު ވިދާޅުވިއެވެ.