(7 މެއި ގެ އަދަދާ ގުޅޭ)
ޝެހެޒާދީ ނުގަބޫލުފުޅުވެފައި ވިދާޅުވިއެވެ. "އަހަރެންގެ މަޠުލަބަކީ ފަރަޚުޒާދު ވަކިގޮތަކަށް ނިޔާކަނޑައެޅުއްވުމުގެ ކުރީން އޭނާ އެންމެފަހަރަކު އަހަރެން ދެކެވަޑައިގަތުން ފިޔަވައި އެހެންކަމެއް ނޫނެވެ."
"އެކަމަކު އޭނާ ސީދާ ވަޑައިގަންނަވާނީ ޝާހީ މެހުމާންސަރާއަށެވެ. މަދާއިނުގެ ހުރިހައި އަމީރުން އޭނާގެ އިސްތިޤްބާލުގައި ތިއްބަވާނެއެވެ. ފަހަރެއްގައި ރޭގަނޑު ހަތަރުދަމުވެސް އެބޭފުޅުން އޭނާގެ އަރިހުގައި ވާހަކަފުޅު ދައްކަވާން ތިއްބަވައިފާނެއެވެ."
"ކަލޭ ތިޔަބުނީ އަހަންނަށް އޭނާގެ ކުރިފުޅުމައްޗަށްދާނެ ތަންވަޅެއް ނުލިބޭނެކަމަށް ހެއްޔެވެ؟"
"އާދޭހެވެ. އަޅުގަނޑު ދަންނަވާން މިއުޅެނީ ތިޔަ ވިދާޅުވިގޮތަށެވެ."
"އެހެންވީއިރު ކަލޭ ތިޔަހަރީ އަހަންނަށް އީރާނުގެ މަލަކާއަކަށް ނުވެވޭނެތީ އެކަމާ ވަރަށް އުފަލުންދޯއެވެ؟"
ސިޔާދުޚަޝް އިޙުތިޖާޖު ކުރަމުން ދެންނެވިއެވެ. "އަޅުގަނޑުގެ ޙަޔާތުގެ އެންމެބޮޑު އެދުމަކީ ސާހިބު ކަމަނާފާނު އީރާނުގެ ރަނިކަނބަލަކަށް ހެދުންކަން ކަމަނާފާނަށް އެނގިވަޑައިގަންނަވާނެއެވެ."
"ކަލޭ ތިޔަހަރީ އެކަމަށްޓަކައި ކޮންމެފަދަ ނުރައްކަލަކާވެސް ކުރިމަތިލާން ތައްޔާރަށްހެއްޔެވެ؟"
"އާދޭހެވެ! ކަމަނާފާނުގެ އިޝާރަތަކަށް އަޅުގަނޑު ފުރާނަވެސް ދީފާނަމެވެ. އެނގިވަޑައިގަންނަވާތޯއެވެ. މިރޭ ކަމަނާފާނުގެ އަރިހަށް އައުމަކީވެސް އަޅުގަނޑަށް ނުރައްކަލުން ހުސްވެގެންވާ ކަމެއްނޫނެވެ. ޝާހްޕޫރާއި ޕޫރާންގެ ޖާސޫސުން ވަނީ ގަނޑުވަރުގެ އެކިކަންކޮޅުތަކަށް ފެތުރިފައެވެ."
"ގަނޑުވަރުގެ ފާރަވެރީންގެ ވެރިޔާއާމެދު ކަލޭގެ އިތުބާރު އޮތްކަމުގައިވާނަމަ ތިޔަބުނާ ޖާސޫސުންދެކެ ޖެހިލުންވުމުގެ ބޭނުމެއްނެތެވެ."
"ފާރަވެރީންގެ ވެރިޔާއަކީ އަޅުގަނޑުގެ މާބެގެ ކުއްޖެކެވެ. އެކަމަކު މިޙާލަތުގައި އޭނާ އެއްވެސްކަހަލަ ނުރައްކަލަކާ ކުރިމަތިލާކަށެއް ބޭނުމެއް ނުވާނެއެވެ."
"އޭނާ ފުރޭބުރުޒު ދެކެ ބިރުގަންނަނީދޯއެވެ؟"
"އާދޭހެވެ. ގަނޑުވަރުގެ ފާރަވެރީންނަށް ފުރޭބުރުޒުގެ ލަޝްކަރާ ކުރިމަތިނުލެވޭނެކަން އޭނާޔަށް އެނގޭނެއެވެ. ނަމަވެސް ސާހިބުކަމަނާފާނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެކަން އޭނާއަށް ޔަޤީންވެއްޖެނަމަ ފުރޭބުރުޒުގެ ގެއަށްގޮސް އޭނާ ޤަތުލުކޮށްލާކަށެއްވެސް އޭނާ ޖެހިލުމެއް ނުވާނެއެވެ."
އާޒަރުމީދަޚުތު ވިދާޅުވިއެވެ. "ކަލޭ މިހާރު ގޮސް ޝާހީ އާތިޝްކަދާގެ މައުބަދު އަހަރެންގެ ގާތަށް ފޮނުވާށެވެ."
"އަޅުގަނޑު ކަމަނާގެ ހުރިހައި އުމުރުފުޅަކަށްވެސް އިޙްތިރާމުކޮށް ޢަމަލުކުރާނަމެވެ. ނަމަވެސް އަޅުގަނޑަށް ނުވިސްނޭކަމަކީ މި މަރުޙަލާގައި މައުބަދަށް އަޅުގަނޑުމެންނަށް ވެދެއްވޭނީ ކޮންއެހީފުޅެއް ކަމެވެ."
އާޒަރުމީދުޚުތު ހިނިފުޅު ވަޑުވައިލެއްވިއެވެ. "މިހުރިހައިކަމެއް ކަލެޔަށް ވިސްނޭނަމަ ކަލޭ ހުންނާނީ ކޮންމެވެސް ޕްރޮވިންސެއްގެ ގަވަރުނަރު ކަމުގައެވެ."
ސިޔާދުޚަޝް ޖަވާބުދިނެވެ. "ދުނިޔޭގެ ހުރިހައި ބުއްދިވެރިކަމެއް އަޅުގަނޑުގެ ސިކުނޑީގައި ހުއްޓަސް ބޮޑެތިބޮޑެތި މަގާމުތަކަށްވުރެ އަޅުގަނޑު ތަރްޖީހުދޭނީ ކަމަނާފާނުގެ އަޅަކު ކަމުގައިވުމަށެވެ."
އާޒަރުމީދުޚުތު އެކަމަނާގެ ކުރިފުޅުމަތީގައިހުރި މޭޒުކޮޅެއްގެ މަތީގައިހުރި ރަން ފޮށިކޮޅެއް ހުޅުއްވައިލެއްވިއެވެ. އެފޮށިކޮޅުން ކީސާއެއް ނަންގަވައިފައި ސިޔާދުޚަޝްގެ އަތަށް ދިއްކޮށްލައްވަމުން ވިދާޅުވިއެވެ. "މައުބަދަށް ގެންގޮސްދޭށެވެ. އޭނާ ގާތު ބުނާށެވެ. މިއީ އީރާނުގެ މަލަކާގެ އެންމެފުރަތަމަ އިނާމެވެ. ދެން ކަލޭ އެނބުރި މިކޮޅަށް އައުމުގެ ބޭނުމެއްނެތެވެ. ކަލޭގެ ހާސްކަން ފިލުވުމަށްޓަކައި ބުނެލަމެވެ. ފަރަޚުޒާދާ އަހަރެންގެ އެންމެފުރަތަމަ ބައްދަލުވުން އޮންނާނީ ޝާހީ އާތިޝްކަދާގައެވެ. އީރާނުގެ މުސްތަޤްބަލުގެ ނިޔާކަނޑައެޅޭނީ އޭގެފަހަށެވެ. އީރާނުގެ މަލަކާގެ އަތްޕުޅުން ކަލޭ ބުނި ކޮންމެ އިނާމެއް ލިބޭނެއެވެ."
ސިޔާދުޚަޝް ދެކަކޫމައްޗަށް ތިރިވެ އާޒަރުމީދުޚުތުގެ ހެދުންކޮޅުގެ ފަސްބައިގައި ބޮސްދެމުން ދެންނެވިއެވެ. "އީރާނުގެ މަލަކާގެ ހިނިފުޅުވަޑުވައިލެއްވުމަށްވުރެ ބޮޑު އިނާމަކަށް އަޅުގަނޑު އުންމީދެއް ނުކުރަމެވެ."
+ + + + +
ފަރަޚުޒާދު މަދާއިނުގެ އަމީރުންނާއި ޝާހީ ޢާއިލާގެ މެމްބަރުންނާ ބައްދަލުކުރައްވައި ނިމިވަޑައިގެންނެވީ ރޭދެބައިވީފަހުންނެވެ. އޭނާ އަވަހާރަފުޅުލައްޕަވަން ކޮޓަރިކޮޅަށް ވެދެވަޑައިގެންނެވުމާއެކު މެހްމާނުސަރާގެ ޚާދިމެއް އަރިހަށްގޮސް ދެންނެވިއެވެ. ޝާހީ އާތިޝްކަދާގެ މައުބަދު ވަޑައިގެން އެބަހުންނެވިއެވެ. ފަރަޚްޒާދު ހުންނެވީ އަރާމުކުރައްވާން ވަރަށްބޮޑަށް ބޭނުންފުޅުވެފައެވެ. ދަތުރުފުޅުގެ ވަރުބަލިފުޅުކަމާއި އަވަހާރަފުޅު އައުމުގެ ސަބަބުންނެވެ. ނަމަވެސް މުސްކުޅިފުޅު މައުބަދާ ބައްދަލުކުރައްވަން އޭނާއަށް އިންކާރެއް ނުކުރެއްވެވުނެވެ.
މައުބަދު އެއްވެސް ތަމްހީދަކާނުލައި ވިދާޅުވިއެވެ. "މިފަދަ ވަގުތެއްގައި މަނިކުފާނުގެ އަރާމުކުރެއްވުމަށް ހުރަސްއަޅާކަށެއް ނުވާނެއެވެ. މަނިކުފާނުގެ މޫނުފުޅުމަތީން ހެކިދޭގޮތުގައި ތިޔަހުންނެވީ ވަރަށް ވަރުބަލިފުޅުވެފައެވެ. އެހެންކަމުން މަނިކުފާނު އަރާމުކުރައްވާށެވެ."
"ޙަޤީޤަތުގައިވެސް އަޅުގަނޑު މިހިރީ ވަރަށްބޮޑަށް ވަރުބަލިވެފައެވެ. އެކަމަކުވެސް ޚާއްޞަކަމެއް އޮތްކަމުގައިވާނަމަ ކަލޭގެފާނު ފަސްޖެހިވަޑައިނުގަންނަވާށެވެ."
މައުބަދު ވިދާޅުވިއެވެ. "މިފަދަ ނާޒުކު ވަގުތެއްގައި މަނިކުފާނު މިރަށަށް ވަޑައިގެންނެވިކަމީ އީރާނުގެ ހެޔޮނަސީބެވެ. ދައުލަތުގެ ބޮޑުންވަނީ އާ ރަސްކަލަކާމެދު ގޮތެއް ނިންމެވުން މަނިކުފާނާ ޙަވާލުކުރައްވައިފައެވެ. މުޤައްދަސް އަލިފާނުގެ ކުރިމަތީގައި އަޅުގަނޑު ދުޢާކުރަމުން މިގެންދަނީ އަހަރުމުޒުދު މަނިކުފާނަށް ރަނގަޅު މަގުދެއްކެވުން އެދިއެވެ. ކުއްލިޔަކަށް އަޅުގަނޑުގެ ހިތަށްއެރީ ހަމައެކަނި އަޅުގަނޑުގެ ދުޢާއަކުން ނުފުދޭނެކަމުގައެވެ. އެހެންކަމުން އަޅުގަނޑު މަނިކުފާނަށް ދަންނަވާން މިއައީ ވަކިގޮތެއް ނިންމެވުމުގެކުރީން މުޤައްދަސް އަލިފާނުގެ ތާއީދު ހޯއްދަވަން މަސައްކަތްޕުޅު ކުރެއްވުން ރަނގަޅުވާނެ ވާހަކައެވެ. އަޅުގަނޑަށް ޔަޤީނެވެ. މަނިކުފާނު މުޤައްދަސް އަލިފާނުގެ ކުރިމަތީގައި ދުޢާކުރައްވައިފައި އާތިޝްކަދާއިން ނުކުމެވަޑައިގަންނަވާއިރު މަނިކުފާނުގެ ސިކުނޑިފުޅުގެ ހުރިހައި ހާސްފުޅުކަމެއް ހުންނާނީ ފިލައިފައެވެ. އެއަށްފަހު މަނިކުފާނަށް އިތުރު މަޝްވަރާއެއް ބޭނުންފުޅެއް ނުވާނެއެވެ. އާތިޝްކަދާގެ ދޮރު މަނިކުފާނަށްޓަކައި މިރޭ ހަތަރުދަމު ހުންނާނީ ހުޅުވިފައެވެ. އަޅުގަނޑު އެތާނގައި މަނިކުފާނަށް އިންތިޒާރު ކުރާނަމެވެ.
ފަރަޚުޒާދު ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ފަތިހު އެތަނަށް ހާޒިރުވާނަމެވެ..... އެކަމަކު ފަތިހު ހޭނުލެވުންވެސް އެކަށީގެންވެއެވެ. އެހެންކަމުން ނިދުމުގެކުރީން ތިޔަ މުޤައްދަސް ވާޖިބު އަދާކޮށްލުން ރަނގަޅެއް ނުވާނެތޯއެވެ؟"
ކާހިން ޖަވާބުދެއްވިއެވެ. "އަޅުގަނޑަށް ޔަޤީނެވެ. އޭރުން މަނިކުފާނަށް މާބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގެން އޮންނަވައި އަވަހާރަފުޅު ލެއްޕެވޭނެއެވެ. މިހާރު މަނިކުފާނަށް އެތާނގައި ގިނިކަންޏާ އަޅުކަން ކުރެއްވޭނެއެވެ. އެކަމަކު ފަތިހު މަނިކުފާނު އެތަނަށް ވަޑައިގެންފިނަމަ އެތައް ބޭފުޅުންތަކެއް ތިއްބަވާނެއެވެ. މަނިކުފާނަށް ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއެކު ދުޢާފުޅެއް ނުކުރެއްވޭނެއެވެ."
"ކަލޭގެފާނު ތިޔަ ވިދާޅުވީ ރަނގަޅަށެވެ. ކަލޭގެފާނު ވަޑައިނުގެންނެވިނަމަ އަޅުގަނޑު މިހާރު އޮތީހީ ފުން ނިދީގެ ތެރެއަށް ޣަރަޤުވެފައެވެ. ނަމަވެސް ދެން އަޅުގަނޑަށް ނިދޭނެކަމެއް ނޭނގެއެވެ. ޙަޤީޤަތުގައިވެސް އެތައްކަމެއް އަޅުގަނޑުގެ ސިކުނޑިޔަށް އެބަ އުނދަގޫކުރެއެވެ."
"އާތިޝްކަދާ މިތަނާ ދާދިކައިރިއެވެ. މަނިކުފާނަށް ވަރަށް އަވަހަށް އެނބުރި ވަޑައިގެންނެވިދާނެއެވެ."
"ހިންގަވާށެވެ."
ފަރަޚުޒާދު ކާހިނާއެކު ބޭރަށް ނުކުމެވަޑައިގެންފިއެވެ. ދޮރުފާރަވެރިޔާ ހައިރާންކަމާއެކު ފަރަޚުޒާދުގެ މޫނުފުޅަށް ބަލައިލުމަށްފަހު އަދަބުވެރިކަމާއެކު ސަލާންކޮށްފައި އެއްފަރާތަކަށް ޖެހިލައިފިއެވެ. ފަރަޚުޒާދު އާތިޝްކަދާއަށް ވެދެވަޑައިގަތުމާއެކު އޭނާގެ ވަރުބަލިފުޅުކަމާއި އަވަހާރަފުޅުގެ އިޙްސާސްތައް ފިލައިފިއެވެ. ކާފޫރުގެ ބައްތިތަކުގެ އަލީގައި ބޮކަރާއި މާވަހަރާއި ލުބާން (ރެޒިން) ގެދުމުން އަތަރުލެވިފައިވާ މަގުތަކުން ކާހިނުގެ ފަހަތްޕުޅުން ހިންގަވައިފައި އޭނާ ވަޑައިގެންނެވީ އާތިޝްކަދާގެ މައި މާލަމަށެވެ. އަލިފާންގަނޑުގެ ވަށައިގެން ޖަހައިފައިހުރި ރަންކުލައިގެ ޗެންޗޭނުގެ ކައިރިޔަށް އޭނާ ހުއްޓިވަޑައިގެންފިއެވެ.
ކާހިނު ދެންނެވިއެވެ. "ސާހިބާއެވެ! އަޅުގަނޑު ވަރަށް މުހިންމު ވާޖިބެއް އަދާކޮށްފީމެވެ. މަނިކުފާނު މިހާރު ތިޔަހުންނެވީ އަޅުގަނޑުމެންގެ އެންމެ ޢިއްޒަތްތެރި ރަސްރަސްކަލުން އިންތިހާދަރަޖައިގެ މުހިންމު މައްސަލަތަކުގައި ގޮތްނިންމަވަން އެތަނަކުން އިލްހާމް ހޯއްދަވާތާނގައެވެ. އަޅުގަނޑުމެންގެ ސާސާނީ ރަސްކަލުންނާއި އެބޭފުޅުންގެ ކޮމާންޑަރ އިން ޗީފުން ޤައުމުތަކަށް ޙަމަލަދެއްވުމުގެ ކުރީން އެބޭފުޅުންގެ އިސްވެދިޔަ ކާބަފައިކަލުންގެ މާތް ފުރާނަފުޅުތަކުގެ އަރިހުން ފަތަޙައިގެ ހެޔޮޚަބަރު ހޯއްދަވަން ތިއްބަވާ ތަނުގައެވެ. އަޅުގަނޑަށް ޔަޤީނެވެ. މަނިކުފާނު މިތާނގައި ކުރައްވާ އެއްވެސް ދުޢާފުޅެއް އިޖާބަނުވެއެއް ނުދާނެއެވެ. އެކަމަކު ޝަރުޠަކީ މަނިކުފާނުގެ ހިތްޕުޅަށް ޔަޤީންކަމާއި ހަމަޖެހުން ލިބިވަޑައިގެންފުމަށް ދާނދެން ދުޢާކުރެއްވުންމަތީ ދެމިހުންނެވިކަން އަޅުގަނޑަށް ކަށަވަރެވެ. މުޤައްދަސް އަލިފާނުގެ ފަރާތްޕުޅުން މަނިކުފާނަށް ކޮންމެވެސްކަހަލަ އިޝާރަތެއް ލިބިވަޑައިގަންނަވާނެއެވެ. އަޅުގަނޑު މަނިކުފާނުގެ އެކަހެރިވެވަޑައިގަތުމަކަށް ހުރަހެއް ނާޅާނަމެވެ. މަނިކުފާނު މި މުޤައްދަސް ފަރުޟު އަދާކުރައްވައިފައި ނިކުމެވަޑައިގަންނަވަން ވަޑައިގަންނަވާއިރު ދޮރުކޮޅުމަތީން އަޅުގަނޑު ފެނިވަޑައިގަންނަވާނެއެވެ."
މުސްކުޅިފުޅު ކާހިނުގެ ވާހަކަފުޅަށްވުރެ ބޮޑަށް ފަރަޚުޒާދަށް އަސަރުކޮށްފައިވަނީ އާތިޝްކަދާގެ ސިހުރުވެރި މާހޫލުގެ ސަބަބުންނެވެ. އޭނާ މުޤައްދަސް އަލިފާނުގެ ކުރިމަތީގައި ދެކަކޫފުޅު މަތީގައި އިށީނދެވަޑައިގެންފިއެވެ. ކާހިނު މަޑުމަޑުން ފަހަތަށްފަހަތަށް ވަޑައިގެން ބޭރަށް ނިކުމެވަޑައިގެންފިއެވެ.
އެ އިސްކޮޅުފުޅު ދިގު ހަށިކޮޅު ވަރުގަދަ އިންސާނާ އޭނާގެ ޒުވާން އުމުރުފުޅުގެ ގިނަދުވަސްތައް ހޭދަކުރައްވައިފައިވަނީ ހަނގުރާމައިގެ މައިދާނުގައެވެ. މިހާރު އޭނާގެ އިސްތަށިފުޅުގެ ދެބައިކުޅައެއްބައި އެވަނީ ނުރަވެފައެވެ. މިއީ އޭނާގެ ޙަޔާތްޕުޅުގައި ނުފެންނަ އަދި ނޭނގޭ ބާރެއްގެ ކުރިމަތީގައި ގިސްލައްވަމުން އާދޭސްކުރެއްވި އެންމެފުރަތަމަ ފަހަރެވެ. އެކަމުން އޭނާއަށް ރޫޙާނީ މީރުކަމެއް ލިބިވަޑައިގަންނަވަމުން ދިޔައެވެ. ނަމަވެސް އަލިފާނުގެ ފަނޑު އަލިކަމަކަށް އޭނާގެ ހިތްޕުޅުގައިވާ އަރައިރުންތަކަކަށް ނިމުމެއް ގެނެހެއް ނުދެވެއެވެ. އޭނާ ނިންމެވީ ކޮންމެވެސްކަހަލަ ޔަޤީންކަމެއްގެ އިޝާރަތެއް ލިބިވަޑައިނުގަންނަވާހައި ހިނދަކު އެގޮތަށް ދުޢާކުރެއްވުންމަތީ އިންނެވުމަށެވެ. ފަރަޚުޒާދު ވަރަށްގިނައިރުވަންދެން ދުޢާކުރައްވަން އިންނެވިއެވެ. އެންމެފަހުން އާތިޝްކަދާގެ ގަދަމީރުވަސް އޭނާގެ ހިއްސުފުޅުތަކުގެ މައްޗަށް ގަދަވާން ފަށައިފިއެވެ. ދެބަދޭތެރެވެވަޑައިގަތުމުގެ ހާލުކޮޅުގައި އޭނާއަށް ޒަރުދަޝްތާއި އޭނާގެ ނަންހުރި ރޫޙާނީ އަދި ސިޔާސީ ދަރިވަރުންގެ ޚިޔާލީ ތަސްވީރުތައް ފެނިވަޑައިގަންނަވަން ފަށައިފިއެވެ.
ކުއްލިޔަކަށް އޭނާއަށް އިވިވަޑައިގެންނެވީ ކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑާއި ހެދުމުން ދަތިޖެހޭ އަޑެވެ. ފަރަޚުޒާދު ސިހިވަޑައިގެން ދިޔުމާއެކު އިސްއުފުއްލަވައި ބައްލަވައިލެއްވިއެވެ. އޭނާގެ ލޯފުޅު ހުއްޓުނީ ނިސްވާނީ ރީތިކަމުގެ ދެވަނައެއް ނެތްފަދަ ލާމަސީލު ތަސްވީރެއްގެ މައްޗަށެވެ. އެއީ އާޒަރުމީދުޚުތެވެ. އެކަމަނާ ހުންނެވީ އަތުލަސްފޮތީގެ ގުބާކޮޅެއް ތުރުކުރައްވައިގެންނެވެ. އެކަމަނާގެ އިސްތަށިފުޅުގައި ތުރުކުރައްވައިފައިވާ ރަތުރަނުގެ ތާޖުކޮޅުގައި ހަރުކޮށްފައިހުރި ޖަވާހިރުތައް ވިދަވިދައި ހުއްޓެވެ. އެކަމަނާގެ ދިގު އަދި ކަޅު އިސްތަށިފުޅުގެ އިސްތަށިކޮޅުތައްހުރީ ކޮނޑުފުޅާއި ބޮނބިފަޅިފުޅުމައްޗަށް ވިހުރުވައިލައްވައިފައެވެ. އެކަމަނާގެ ދެލޯފުޅުގައިވަނީ އަނދިރި ރެއެއްގައި އުޑުމަތީގައި ވިދައި ބަބުޅާ ތަރިތައްވެސް ލަދުގަންނަވައިލާފަދަ ޗާލު ވިދުވަރެކެވެ. ފަރަޚުޒާދު އިރުކޮޅެއް ވަންދެން އިންނެވީ ހުވަފެންފުޅާއި ޙަޤީޤަތް ވަކިކުރައްވާން އެނގިވަޑައިނުގެންފައެވެ. އާޒަރު ތިމަން ފުރަސޫތާވެނުފަންވީ މި އަލިފާންގަނޑުގެ ބަނޑުތެރެއިންނޭ ވިދާޅުވިކަމުގައިވިޔަސް ފަރަޚުޒާދު ޤަބޫލުކުރެއްވީހެވެ. ކުއްލިއަކަށް އެ ސިހުރުވެރި މާހޫލުގެ ތެރެޔަށް އެކަމަނާ އާތްވަށްވެގެން ފޭދިގެންގޮސް ފަރަޚުޒާދުގެ ލޯފުޅުމަތީން ގެއްލިވަޑައިގެންނެވި ކަމުގައިވިޔަސް އޭނާ ހީފުޅުކުރެއްވީހީ އޭނާގެ ވަހުމީ ޚިޔާލުފުޅު ދެއްކި ޖާދޫއެއް ކަމުގައެވެ. އާޒަރު ފާތިހެއްގެ ބީދައިން އިސްއުފުލައިލައްވައިގެން ފަރަޚުޒާދުގެ އަރިހަށް ވަޑައިގެންފިއެވެ. އެކަމަނާގެ ޖެހިލުންވެވަޑައިގަތުމެއްނެތް ހިނިފުޅުވެޑުވުމުގެ ސަބަބުން ފަރަޚުޒާދުގެ ލޯފުޅުމަތީން ވަހުމުގެ ފަރުދާ ކެހިގެން ހިނގައްޖެއެވެ.
"ތިޔައީ..... ތިޔައީ ކާކުހެއްޔެވެ؟" ފަރަޚުޒާދު ތެދުވެވަޑައިގެން ސުވާލު ކުރެއްވިއެވެ.
"އަޅުގަނޑަކީ އީރާނުގެ މަލަކާއެވެ. ފަހަރެއްގައި ތިޔައީ ފަރަޚުޒާދު ކަމުގައި ވެދާނެއެވެ. މާދަން އަޅުގަނޑުގެ ބޮލުގައި ރަނިކަމުގެ ތާޖު އަޅުއްވައިދެއްވުމުގެ ނަސީބު ލިބިވަޑައިގަންނަވާނެ ޢިއްޒަތްތެރިޔަކީ މަނިކުފާނު ކަމުގައި ވެދާނެއެވެ."
"ތިޔައީ އާޒަރުމީދުޚުތު ތޯއެވެ؟"
އާޒަރު ޖަވާބުދެއްވުމުގެ ބަދަލުގައި އެކަމަނާގެ ތުންފަތްޕުޅުގައި އިނގިލިފުޅު ޖައްސަވައިލެއްވުމަށްފަހު ފަރި ޙަރަކާތަކާއެކު ކަނާތްފަރާތަށް ހިންގަވައިގެންނެވިއެވެ. ތަންކޮޅަކަށް ވަޑައިގެންފައި ހުއްޓިވަޑައިގެން ސިކުންތުކޮޅެއްހައިއިރަށް ފަހަތްޕުޅަށް އެނބުރިވަޑައިގެން ބައްލަވައިލެއްވިއެވެ. އެކަމަނާގެ މޫނުފުޅުވަނީ ހިނިފުޅުވެޑުވުމުގެ ސަބަބުން ފިނިފެންމަލެއް ފަދައިން ފަރިވެފޮޅިފައެވެ. އެއީ އެހިނިފުޅުވަޑުވައިލެއްވުމެއް ފެނިފައި ޒާހިދުންނަށްވެސް ތިމާމެން ހިނގާންވީ މަގު ހަނދާންނެތޭ ހިނިފުޅުވަޑުވައިލެއްވުމެވެ. "މަޑުކުރައްވަ ބައްލަވާށެވެ." ފަރަޚުޒާދު ކުރިއަށް ވަޑައިގަންނަވަމުން ވިދާޅުވިއެވެ. ނަމަވެސް އާޒަރުމީދުޚުތު މަޑުކޮށްލެއްވުމެއްނެތި ހިނިފުޅުވަޑުވަމުން ވަޑައިގެން އާތިޝްކަދާގެ ފަހަތު ދޮރުކޮޅުން މާލަމުން ބޭރަށް ނިކުމެވަޑައިގެންފިއެވެ. ފަރަޚުޒާދު ވަޑައިގެން އެ ދޮރުކޮޅުގެ ކައިރީގައި ހުއްޓިވަޑައިގެންފިއެވެ. އޭރުވެސް މަޚުމަލުގެ ފަރުދާގެ ފަހަތުން އާޒަރުމީދުޚުތު ހިނިފުޅުވަޑުވާ އަޑުފުޅު އިވިވަޑައިގަންނަވައެވެ.
ފަރަޚުޒާދު އެ އަސަރުގަދަ އަޑުފުޅު އައްސަވާން ހުންނެވިއެވެ. އޭނާ ކޮންމެވެސް އެއްޗެކޭ ވިދާޅުވާން ބޭނުންފުޅުވިއެވެ. ނަމަވެސް އޭނާގެ ދޫފުޅުގައިވަނީ ތަޅުލެވިފައެވެ. އޭނާ އެނބުރި ވަޑައިގަންނަވާން އުޅުއްވިއެވެ. ނަމަވެސް އެ ޖާދުވީ ހިނިފުޅުވެޑުވުމުގެ އަޑު ވަނީ އޭނާގެ ފައިންޕުޅުގައި ހިލިހިލާ އަޅުވައިފައެވެ. ކުއްލިޔަކަށް އެ ހިނިފުޅުވެޑުވުމުގެ އަޑު ކެނޑިއްޖެއެވެ. ފަރަޚުޒާދު ތުރުތުރުއަޅާ އަތްޕުޅަކުން ފަރުދާ ކައްސަވައިލެއްވިއެވެ. ބޭރުން އާތިޝްކަދާއަށް ވަދެވޭ މަގެކޭ އެއްގޮތަށް ގަނޑުވަރުގެ ތެރެއިން އާތިޝްކަދާއަށް ސީދާ ވަދެވޭ މަގުވެސްވަނީ ކާފޫރުގެ ބައްތިތަކުން ހުޅުދާންވެފައެވެ. އާޒަރުމިދުޚުތު ތަންކޮޅެއް ދުރުގައި ބައްލަވާން ހުންނެވިއެވެ. ފަރަޚުޒާދު އެތަކެއްހާސް އާދޭސްތަކެއް އެކުލެވިފައިވާ ބެއްލެވުމަކުން އާޒަރުމީދުޚުތުގެ މޫނުފުޅަށް ބައްލަވަމުން ކުރިޔަށް ވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވިއެވެ. "އާޒަރުމިދުޚުތު! މަޑުކުރައްވަ ބައްލަވާށެވެ!"
(ނުނިމޭ)