އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް އިދިކޮޅު ފަރާތްތަކުން ބަލައިގަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން، އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އެކަން ދޮގުކޮށްފިއެވެ.
އެކޯލިޝަނުން އެކަން ދޮގުކޮށްފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުތައް އިދިކޮޅުން ގަބޫލުކުރާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު ދެއްކެވި ދޮގު ވާހަކަފުޅުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ކޮވިޑުން ރައްކާތެރިވުމަށް އެއްބައިވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތްކަން، މީޑީއާތަކުގައި ހާމަ ކުރުމުގެ އިތުރުން ސީދާ ރައީސުލް ޖުމްހޫރިއްޔާގެ އަރިހުގައިވެސް އެވާހަކަ ދަންނަވާފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އެކަމަށް އިޖާބަ ދެއްވާފައި ނުވާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
"ކޮވިޑް 19 އަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ކަމުނުދާ ކަމަށާއި، ސިއްހީ ހިދުމަތްތެރިންނަށް ސިޔާސީ ނުފޫޒު ފޯރުވުމެއްނެތި މިނިވަންކަމާއެކު މަސއްކަތްކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކޯލިޝަނުން ވަނީ ގޮވާލައިފަ، މީގެ އިތުރުން ސަރުކާރުން ކުރަމުން އަންނަ ކަންތައްތައް ރަނަގަޅުނޫން ކަމަށާއި، ވަގުތުން ވަގުތަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތު ފާއިތުވުމުގެ ކުރިން އަޅަމުން ގެންދިއުމަށްވެސް މި ކޯލިޝަނުން ގޮވާލަމުން ގެންދިޔައިން،" ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
އިދިކޮޅުން ބުނެފައިވަނީ، ރާއްޖޭގައި ކޮވިޑް 19 މިހާރު އޮތް ވަރަށް ފެތުރިފައިވަނީ، ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ސަރުކާރުގެ އިހުމާލު އެކަމުގައި އޮތް މިންވަރުގެ ބޮޑުކަމުންކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ނަމުގައި ދައުލަތުގެ ފައިސާ އިސްރާފުކޮށް ނަހަމަ ގޮތުގައި ބޭނުންކޮށް، ކޮރަޕްޝަންގެ އަމަލުތައް ހިންގައި، ބޭރުގެ އެކިއެކި ފަރާތްކުން ލިބޭ ހިލޭއެހީއާއި، ނަގަމުން ގެންދާ ލޯނުތަކަށް ވާނުވާ ނޭނގި، ދައުލަތުގެ އިގްތިސާދު ހީނަރުވަމުން ދިއުމަކީ، ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ކޮވިޑް 19ގެ ކަންކަމުގައި އެންމެ އިސްސަފުގައި މަސައްކަތްކުރާ ސިފައިންނާއި ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފަރުވާ ކުޑަކޮށް އެފަރާތްތަކުގެ ރައްކާތެރިކަމަށް ބޭނުންވާ އާލާތްތައް އެކަށީގެންވާ ވަރަށް ފޯރުކޮށްދީފައި ނުވުމުގެ ސަބަބުން ގިނަބަޔަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމަކީ ކަންބޮޑުވުމެއް ކަމަށްވެެސް ބުނެފައި ވެއެވެ.
ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ރޭ ވިދާޅުވީ، ކޮވިޑް 19 އާ ގުޅުިގެން ވަރަށް ގިނަ އިދިކޮޅު ޕާޓީތަކުގެ އިސްބޭފުޅުންނާއި ވާހަކަ ދެކެވޭ ކަމަށާއި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް އެބޭފުޅުން ތައުރީފު ކުރައްވާ ކަމަށެވެ. އަދި ސަރުކާރުގެ ރޭވުންތެރިކަމާއި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ބަލައިގަންނަކަމަށް އެބޭފުޅުން ވިދާޅުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.