މުހައްމަދު ސިމާއު
ކޮރޯނާވައިރަސްގެ ސަބަބުން މުޅި ދުނިޔެއަށް އައި ބަދަލާއެކު ރާއްޖެ ވެސް އެ ހާލަތަށް މިއޮތީ ވެއްޓިފައެވެ. ބަލިމަޑުކަން ނިމުމުގެ ކޮޅުމަތި އަދިވެސް ފެންނަން ނެތުމުން ދިރިއުޅުމަށް އާ ބަދަލުތަކެއް ގެންނަން މިވަނީ މަޖުބޫރުވެފައެވެ. ދެން އުޅެވެން އޮތީ "ނިއު ނޯމަލް" ގައެވެ.
ކޮވިޑް 19 ފެތުރުނަ ނުދިނުމަށް ގެއިން ބޭރަށް ނުކުމެ އުޅުން މަނާކޮށް، ސުކޫލްތަކާއި މިސްކިތްތަކާއި އޮފީސްތައް ބަންދުކުރި ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ތާއަބަދު ގޭބަންދުވެފައި ނުތިބެވޭނެ ކަމެވެ. އިގްތިސާދު ހުޅުވާލަން ޖެހޭ ކަމެވެ. އެހެންކަމުން ނިއު ނޯމަލްއަކަށް އުޅެން ފަށާއިރު އާ އާދަތަކެއް އަށަގަންނުވަން އެބަ ޖެހެއެވެ. އިޖުތިމާއީ ގައިދުކުރުކަން ބޭއްވުމާއި އެއްވެ އުޅުންތައް ހުއްޓާލުމެވެ. ސްކޫލްތަކުގައި ވެސް އާ ގަވައިދު ތަކަކަށް އާ ގޮތްތަކަކަށް އުޅުމެވެ.
ކޮރޯނާވައިރަސްގައި އެންމެ ބޮޑު އަސަރެއް އެންމެ ފުރަތަމަ ކުރި ޗައިނާ އިން ވެސް މިހާރު ވަނީ ލޮކްޑައުންގެ ހާލަތު އުވާލައި ސުކޫލްތައްވެސް ހުޅުވާލައިފައެވެ. ކިޔަވައދޭ ވަގުތު ކުރުކޮށް ކުލާހެއްގައި ތިބޭ ދަރިވަރުންގެ އަދަދުވެސް މަދުކޮށްފައެވެ. ޕަބްލިކް ޓްރާންސްޕޯޓްގައި ކުދިން އުފުލުމުގެ ބަދަލުގައި ބެލެނިވެރިން ދަރިން ބަލައި ސުކޫލު ދޮށަށް ދާ ގޮތަށެވެ. ހުރިހާ ކުދިން ވެސް މާސްކާއި ފޭސް ޝީލްޑު އަޅަން މަޖުބޫރެވެ.
މީގެ އިތުރުން ވެސް ޗައިނާގައި ދަރިވަރުން ސުކޫލްތަކަށް ވަންނައިރު ކަންތައް ކުރަންޖެހޭ ވަކި އުސޫލުތަކެއް ވަނީ ހަމަޖައްސައިފައެވެ.
ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ދަރިވަރުން ސްކޫލަށް ވެއްދުމުގެ ކުރިން ހުން ހުރިތޯ ބަލައި ހަށިގަނޑަށް ޑިސްއިންފެކްޓިން ސްޕްރޭއެއް ޖަހައެވެ. މި ދެ ކަންތައް ކުރާ މީހުން ވެސް ތިބެނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ. އެއަށްފަހު ސެނިޓައިޒާ ލައިގެން ރަނގަޅަށް އަތް ދޮންނަން ޖެހެއެވެ. އަދި ސްކޫލަށް ދިޔަ އިރު އަޅައިގެން ހުރި މާސްކު ބާލައި، އާ މާސްކެއް އަޅުވައެވެ.
އެހެން ވީޑިއޯއެއްގައި ދަރިވަރު ސުކޫލު ގޭޓުގެ ބޭރުގައި ހުރެ ބޫޓު ޑިސްއިންފެކްޓް ކުރުމަށްފަހު އަޅައިގެން ހުންނަ މާސްކު ބާލައި ޑަސްބިނަށް ލައެވެ. އެއަށްފަހު ސެނިޓައިޒާއިން އަތް ދޮވުމަށްފަހު މެޝިނަކުން ހަށިގަނޑަށް ސްޕްރޭ ޖަހައެވެ. އެއީ އެކުއްޖާ އަޅައިގެން ހުންނަ ދަބަހާވެސް އެއްކޮށެވެ. ދެން އެއަށްފަހު މެޝިނެއްގެ ތެރެއަށް އަތް ލައިގެން، އަނގަ ހުޅުވައިގެން ހުންނަން ޖެހެއެވެ. ބެލެވޭ ގޮތުގައި އެބަލަނީ ހުން ހުރިތޯއެވެ.
މި ކަންކަމަކީ ޗައިނާގައި ނިއު ނޯމަލްގައި ދަރިވަރުން ސްކޫލަށް ދާ ގޮތެވެ. ސްކޫލަށް އެތެރެ ވެވޭ ގޮތެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރި ގޮތެވެ. މިކަންކަމަކީ މި ބައްޔަށް ފަރުވާއެއްް ލިބުމާއި ހަމަޔަށް ދާންދެން ގައުމުތަކުން އަމަލުކުރާނެ ބައެއް އުސޫލުތައް ކަމަށް ބެލެވެ އެވެ.
ރާއްޖެއަށް މި ބަލި މި އައީ އެހެން ގައުމުތަކަށް ވުރެ ފަހުންނެވެ. ރާއްޖޭގައި ވެސް މިހާ ތަނަށް އަންދާޒާކުރެވިފައިވާ ގޮތަށް ބަލާ ނަމަ، އަންނަ ސެޕްޓެމްބަރު މަހާއި ހަމަޔަށް މި ބަލި މުޖުތަމައު ތެރޭގައި އުޅޭނެ އެވެ. އެހައިތަނަށް ލޮކްޑައުންގައި ތިބުމަކީ ވެސް އަދި ދަރިވަރުން ކިޔެވުމުން މަހްރޫމްކޮށްގެން ތިބުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ. ބަލީގެ ޕީކް ނިމި، ކާވް ތިރިވުމުން، ނަމަވެސް ނިއު ނޯމަލްގައި ކޮންމެވެސް ކަހަލަ އާންމު ދިރުއުޅުމަކަށް ރުޖޫއަވެ އިގުތިސޯދުވެސް ހިނގައިގަންނާނެ ޖެހެ އެވެ.
މިމަގުން ކަންކަން ބައްޓަން ކުރާއިރު، ބެލެނިވެރީންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވާނީ، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމެވެ. ސްކޫލުތަކުން މިކަމަށް ތައްޔާރުވާނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ ގައިދުރުކަން ކަށަވަރުކުރުމަށް ކުލާހެއްގައި ބައިތިއްބާނީ ކިތައް ދަރިވަރުންހެއްޔެވެ؟ ސްކޫލުގައި ހޭދަކުރާ ހުރިހާ ވަގުތަކު އެ ގައިދުރުކަން ދަރިވަރުން ބަހައްޓާކަން ސްކޫލުތަކުން ކަށަވަރުކުރާނީ ކިހިނެއްޔެވެ؟ ސްކޫލަށް ދަރިވަރުން ގެންދާނީ ކިިނެއްހެއްޔެވެ؟ ސްކޫލަށް ދަރިވަރުން ވަންނަ އިރު ސްކްރީން ކުރެވޭނީ ކިހާ ވަރަކަށް ހެއްޔެވެ؟ ދަރިވަރުން ސްކޫލަށް ދާނީ މާސްކެއް އަޅައިގެން ހެއްޔެވެ؟ ސްކޫލަށް ވަންނަ އިރު އެ މާސްކު ބާލުވައި އާ މާސްކެއް އަޅުވާނެ ހެއްޔެވެ؟ ދެން ސްކޫލު ނިމެންދެން އުޅޭނީ އެއް މާސްކުގައި ހެއްޔެވެ؟ އެތައް ދަރިވަރުންނެއް މަދު ފާހާނާއެއް ބޭނުންކުރާ އިރު އެތަންތަނުގައި ސާފުތާހިރުކަން ބެލެހެއްޓޭނީ ކިހާ ވަރަކަށްތޯއެވެ؟ ދަރިވަރެއްގެ ފުށުން ބައްޔަށް ޝައްކު ކުރެވޭ ކަމެއް ފެނިއްޖެ ނަމަ ނުވަތަ ޕޮޒިޓިވް ވެއްޖެ ނަމަ އެ ސްކޫލަކަށް ވާނީ ކިހިނެއްތޯއެވެ؟ ސްކޫލު ތެރޭގައި ދަރުވަރުގެ ކޮންޓެކްޓް ޓްރޭސިންގެ ރަނގަޅު ނިޒާމެއް އޮންނާނެ ހެއްޔެވެ؟ ކިޔަވައިދޭ މުދައްރިސުންނާއި ދަރިވަރުން މުއާމަލާތް ކުރާނީ ފޮތް މާކު ކުރާނީ ކޮން ގޮތަކަށް ހެއްޔެވެ؟ މި ފަދަ ވަރަށް ގިނަ ކަންކަން މިއީ ބެލެނިވެރީންގެ ކަންބޮޑުވުންތަކަށް ވާނެ އެވެ. މި ހުރިހާ ކަމަކަށް ބެލިގެން ނޫން ގޮތަކަށް ސްކޫލު ތަކުގައި ކިޔަވައިދޭން ފެށުން އެއީ ރައްކާތެރި ގޮތަކަށް ނުވާނެ އެވެ. އެކަމަކު ނިއު ނޯމަލްގައި ސްކޫލުތައް ވެސް ހުޅުވާން ޖެހޭނެ އެވެ.