ރިޕޯޓް

އެސްޓީއޯ އީސްޓޯރުގެ ހިދުމަތް ގޭދޮށު ފިހާރަތަކަށް

އަލީ ޔާމިން

މިދިޔަ މަހުގެ 15 ވަނަ ދުވަހު ކޮވިޑަށް މާލެއިން މީހަކު ޕޮޒިޓިވްވުމާއެކު މާލެ ލޮކްޑައުންކުރިއެވެ. އެއާއެކު ހުއްދަ ދީފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފިހާރަތަކަށް ގޮސް ވިޔަފާރިކުރުން މަނާވެގެންދިޔައެވެ. ގޭދޮށު ބައެއް ފިހާރަތަކުން މުދާ ހުސްވިއެވެ. އާންމު ބައެއް ރައްޔިތުންނަށް ޒަރޫރީ ތަކެތި ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. މާލޭގެ ލޮކްޑައުނަށް ތައްޔާރުވުމަށް ވިޔަފާރިތަަކަށް ލިބުނީ ގާތްގަނޑަކަށް ގަޑިއެއްހާއިރެވެ. ރާއްޖެއަކީ އެކަށޭނެ ޑެލިވަރީގެ ނިޒާމެއް ގާއިމުވެފައިވާ ގައުމެއް ނޫނެވެ. ނަމަވެސް ލޮކްޑައުންއާއެކު ވިޔަފާރިތަކުން ޑެލިވަރީ ކުރަން މަޖުބޫރުވިއެެވެ. އެހެންކަމުން ރައްޔިތުންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ފުލުފުލުގައި އޯޑަރުތައް ނަގަން ފެށިއެވެ. އެތައް ހާސް އޯޑަރެއް ދެތިން ގަޑިއިރުގެ ތެރޭގައި ނެގި ބައެއް ވިޔަފާރި ކުންފުނިތަށްވެސް ހިމެނެއެވެ. އޭގެ ތެރެއިން އެންމެ ކާމިޔާބުކަމާއެކު ނެގި ހުރިހާ އޯޑަރަކަށް ޑެލިވަރީ ކޮށްދީފައިވަނީ ސްޓޭޓް ޓްރޭޑިންގް އޯނަގައިޒޭޝަން (އެސްޓީއޯ)އިންނެވެ.

ލޮކްޑައުންގެ މުއްދަތުގައި ރައްޔިތުންނަށް ވީހާވެސް އަވަހަށް މުދާ ފޯރުކޮށްދިނުމަށް އެސްޓީއޯގެ އޮންލައިން ފިހާރަ "އީސްޓޯ.އެމްވީ" އިން މުދާ ރީޓެއިލް ކޮށް ސީދާ ކަސްޓަމަރުންނާއި ހަމައަށް ގެންގޮސްދޭން ފެށިއެވެ. ކާމިޔާބުކަމާއެކު ސީދާ ކަސްޓަމަރުންނާ ހަމައަށް ތަކެތި ފޯރުކޮށްދެމުން އައިސް އެކަން މަޑުޖެހިލީ އީސްޓޯރުގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ފިހާރައިގައި މަސައްކަތް ކުރި ގިނަ މުވައްޒަފުންތަކެއް އައިސޮލޭޓް ކުރަން ޖެހުމުންނެވެ. ބައެއް މުއްވަޒަފުން ކަރަންޓީންވެސް ކުރަން ޖެހުނެވެ. އީސްޓޯއިން ރީޓެއިލް ކުރުން ހުއްޓާލުމާ ހަމައަށް އެސްޓޯރު މެދުވެރިކޮށް 5000 އަށްވުރެ ގިނަ އޯޑަރު ވަނީ ޑެލިވާކޮށްދީފައެވެ.

ރީޓެއިލް ވިޔަފާރި މަޑުޖެހިލިނަމަވެސް، ތިބި މުވައްޒަފުންނާއެކު މި މަހުގެ އަށް ވަނަ ދުވަހު އީސްޓޯރުން ގޭދޮށު ފިހާރަތަކަށް ހޯލްސޭލްކޮށް މުދާ ވިއްކަން ފެށިއެވެ. އެއީ އެ ކުންފުނިން ވިއްކާ ބާވަތްތައް މެދުކެނޑުމެއްނެތި ވީހާވެސް ގިނަ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުންނެވެ. އެގޮތުން ކޮންމެ ރެއެއްގެ 9:00 އިން ފެށިގެން އޯޑަރު ނެގުމަށް ހަމަަޖައްސާފައިވާއިރު މިވަގުތަށް އީސްޓޯރުގައި ހިމެނިފައިވަނީ އެސްޓީއޯ ޕީޕަލް ޗޮއިސުން ސުޕަމާޓުގެ ހޮވާލައިފައިވާ ބާވަތްތަކާއި ވިޔަފާރިކުރާ އެހެން ބޮޑެތި ކުންފުނިތަކުން ވިއްކާ ބައެއް ބާވަތްތަކެވެ. ކޮންމެ ފަރާތަކަށް ވެސް ފަހަރަކު ބައްލަވައިގަނެވޭނީ މަދުވެގެން ފަހެއް ގިނަވެގެން 30 ބާވަތުގެ މުދާ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯ ޕީޕަސްލް ޗޮއިސްގެ ބްރޭންޑް މެނޭޖަރު ރައްޝާމް މުހައްމަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އީސްޓޯރު މެދުވެރިކޮށް ނަގާ ހުރިހާ އޯޑަރެއް ވެސް އެންމެ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި ޑެލިވަރީ ކޮށްދޭނެ ކަމަށާއި، ޑެލިވަރީ ޗާޖެއްގެ ގޮތުގައި ނަގާނީ 50 ރުފިޔާ ކަމަށެވެ.

"މުދަލަށް ފައިސާ ބަލައިގަތުމަށް މިވަގުތަށް ހަމަޖައްސާފައިވަނީ ބީއެމްއެލް ޕޭމަންޓް ގޭޓުވޭ މެދުވެރިކޮށް. މުދާ ޑެލިވަރީ ކުރުމަށް 24 ގަޑިއިރާއި 48 ގަޑިއިރާއި ދެމެދުގެ ވަގުތެއް ނަގާނެ. ކުރިން އަޅުގަނޑުމެން ޑެލިވަރީ ފީއެއްގެ ގޮތުގައި މި ނެގީ 70 ރުފިޔާ. ނަމަވެސް މިހާރު އެ ފީވެސް މިވަނީ 50 ރުފިޔާއަށް އަގުހެޔޮކޮށްފައި. އަޅުގަނޑުމެން މުދާ ފޯރުކޮށްދޭނީ ފިހާރަ ހިމެނޭ އިމާރާތުގެ ބޭރަށް." ރައްޝާމް ވިދާޅުވިއެވެ.

އެސްޓީއޯގެ އީސްޓޯގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސަމާލަތާއި ރައްކާތެރިކަމަށްޓަކައި އެ ކުންފުނިން ވަނީ އެމުވައްޒަފުންނަށް ގެއަށް ނުގޮސް މަސައްކަތް ކުރެވޭނެ ގޮތަށް އެކޮމޮޑޭޝަން ހަމަޖައްސައިފައެވެ. އެސްޓީއޯއިން ބުނީ، އެކުންފުނީގެ އެންމެ ބޮޑު ރައުސުއްމާލަކީ ކުންފުނީގެ އިހްލާސްތެރި މުވައްޒަފުން ކަމަށާއި، އެހެންކަމުން އެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފައިވާނެ ކަމަށެވެ.

އެސްޓީއޯގެ އީސްޓޯރުން ގޭދޮށު ފިހާރަތަކަށް މުދާ ހޯލްސޭލް ކުރަން ފަށާފައިވާއިރު، މިހާތަނަށް ލިބުނު ތަރުހީބު ބޮޑު ކަމަށް އެކުންފުނިން ބުނެއެވެ. އަދި މުސްތަގުބަލުގައި އެކުންފުނީގެ އަމާޒަކީ ހުޅުމާލެ އަދި ވިލިނގިލީގެ އިތުރުން އަތޮޅުތެރެއަށްވެސް މުދާ ފޯރުކޮށްދިނުމެވެ.

"ފުރަތަމަ ދުވަހުވެސް 20 ވަރަކަށް އޯޑަރު އަޅުގަނޑުމެންނަށް ލިބުން. ހަގީގަތުގައި ބޮޑު ތަރުހީބެއް މިކަމަށް ލިބޭ. މާލޭގެ ގޭދޮށު ފިހާރަތަކުގެ ކޮންޓެކްޓު ނަންބަރުތައް އަޅުގަނޑުމެން އަތުގައި ހުންނާނެ. އަޅުގަނޑުމެން އެބޭފުޅުންނަށް ގުޅައިގެންވެސް ވާނީ މިކަމުގެ މައުލޫމާތު ދީފަ. މިވަގުތު އަޅުގަނޑުމެން ހަމައެކަނި މާލޭގައި މި ހިދުމަތް ދިން ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ވިލިމާލެ އައި ހުޅުމާލެއަށްވެސް ހިދުމަތް ފުޅާކުރާނަން. އަދި އަތޮޅުތެރޭގެ ރައްޔިތުންނަށްވެސް ހިދުމަތް ލިބޭނެ" ރައްޝާމް ވިދާޅުވިއެވެ.

އެސްޓީއޯގެ އަމާޒަކީ ވީހާވެސް ގިނަ ބާވަތްތަކުގެ މުދާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން އެސްޓީއޯއިން ލިބެން ހުންނަ ތަކެތީގެ އިތުރުން ބޮޑެތި ބައެއް ކުންފުނިތައް ކަމަށްވާ ލިލީ، ބީއެޗްއެމް ފަދަ ކުންފުނިތަކުގެ ތަކެތިވެސް އީސްޓޯރުގައި ހިމަނައިގެން އެ ހިދުމަތް ދެމުން އަންނަ ކަމަށް ބުނެފައިވެއެވެ. އަދި އެ މަސައްކަތަކީ މާ ބޮޑު ފައިދާއަކާ ނުލައި، ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް މުދާ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

ގޭދޮށު ފިހާރަތަކަށް އީސްޓޯރު މެދުވެރިކޮށް މުދާ ހޯލްސޭލްކުރާއިރު، އެސްޓޯއިން ގަނޑުކޮށް މުދާ ގަންނަން ބޭނުންވާ އެހެން ފަރާތްތަކަށް މިހާރުވެސް ހަމަޖެހިފައިވާ އުސޫލުގެ ދަށުން މުދާ ގަނެވޭނެއެވެ. އަދި އެކުންފުނީގެ ކްރެޑިޓް ކަސްޓަމަރުންނަށްވެސް އެއްވެސް ދައްޗަކާ ނުލައި މުދާ ލިބޭނެއެވެ.