އަލީ ޔާމިން
ލޮކްޑައުންއާއެކު ބައެއް ރަށްރަށަށް ގޭހުގެ ދަތިކަން މިވަނީ ކުރިމަތިވެފައެވެ. ގޭހުގެ ދަތިކަން ކުރިމަތިވެފައިވާ ބައެއް ރަށްރަށުގެ ތެރޭގައި ފ. ނިލަންދޫވެސް ހިމެނެއެވެ. މާލެއިން ރަށްރަށަށް ދަތުރުކުރުމުގައި ހުރި ދަތިތަކާއެކު، އެރަށުން އިއްޔެއިން ފެށިގެން ވަނީ ގޭސް ހުސްވެފައެވެ. އެއާއެކު އެތައް ބަޔަކު ދަރު އުނދުނުން ކައްކަން މަޖުބޫރުވިއެވެ. ދަރު އުނދުނުން ކެއްކޭނެ ގޮތެއް ނެތް އެތައް ބަޔަކު އެރަށުގައި މިއަދުވެސް އަތް އުރާލައިގެން މާޔޫސްކަމާއެކު އެބަތިއްބެވެ.
ރަށުން ގޭސް ހުސްވާން އުޅޭ ހަބަރު ލިބުމާއެކު އެރަށު ކައުންސިލުގެ ޕްރޮޖެކްޓް އޮފިސަރެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން އަންނަ އުމުރުން 39 އަހަރުގެ އަބްދުލް ޖަލީލް އަހުމަދު ވިސްނަން ފެށީ ގޭސް ހުސްވެއްޖެ ހާލަތެއްގައި ކެއްކޭނެ ގޮތަކާ މެދުގައެވެ. ޖަލީލްމެންގެ ޔައަކީ ދަރު އުނދުނުން ކެއްކެން ހުރި ގެއެއް ނޫނެވެ. އެހެންކަމުން ކެއްކޭނެ ގޮތެއް ހޯދުމަށް އޭނާގެ ހިޔާލަށް އައީ އަމިއްލައަށް ގޭސް އުނދުނެއް އީޖާދު ކުރުމެވެ.
މީގެ ހަތަރުވަރަކަށް ދުވަސް ކުރިން ޖަލީލް އެ މަސައްކަތަށް ތައްޔާރުވާން ފެށިއެވެ. ޔޫޓިއުބުންނާއި އެނޫންވެސް ވަސީލަތްތަކުން ކަމާ ގުޅުންހުރި ވީޑިއޯތައް ބަލައި ގޭސް އުނދުނެއް އުފައްދަން ބޭނުންވާ ސާމާނު އެއްކުރިއެވެ.
"ވަން" އަށް މައުލޫމާތު ދެމުން ޖަލީލް ބުނީ، އޭނާ އީޖާދުކުރި ގޭސް އުނދުން ހެދުމަށް ގިނައިން ބޭނުންކޮށްފައިވާނީ ހަލާކުވެފައި ހުރި ތަކެތި ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ތަކެއްޗަކީ ވަރަށް ފަސޭހައިން ލިބެން ހުރި ތަކެތިކަމުގައިވެސް އޭނާ ބުނެއެވެ.
"ގޭސް އުނދުން އުފެއްދުމަށް ވަރަށް ފަސޭހައިން ލިބޭ ތަކެތި ބޭނުންކޮށްފައި ހުންނާނީ. އެގޮތުން ޑަބިޔާ. މަސްދަޅު، ޕެޓްރޯލް އަދި ފެން. އޮކްސިޖަކް މޯޓަރާއި ކުޑަ ހޮޅިކޮޅެއް. ގަނެފައި ވާނީ ހަމައެކަނި އޮކްސިޖަން މޯޓަރު. އެއީވެސް ވަރަށް އަގުހެޔޮ އެއްޗެއް" ޖަލީލް ބުންޏެވެ.
ޖަލީލް ބުނީ، ގޭސް އުނދުން ހެދުމުގެ އަމަލީ މަސައްކަތް އޭނާ ފެށީ އިއްޔެ ކަމަށާއި، އެ މަސައްކަތް އެއް ދުވަސްތެރޭގައި ނިންމާލެވުނު ކަމަށެވެ. އެ މަސައްކަތް އޭނާ ކުރީ އަންހެނުން ހަދީޖާއަށް ފަސޭހަކޮށްދިނުމަށް ކަމަށާއި ދެމެފިރިންގެ ފަސް ދަރިން ތިބި އިރު، ޖަލީލް އުފެއްދި ގޭސް އުނދުންވެގެން ދިޔައީ ހަދީޖާއަށްވެސް ވަރަށް ކަމުދިޔަ ގޭސް އުނދުނަކަށް ކަމަށެވެ. އެގޮތުން މިއަދު އެގޭގައި ކެއްކި ހުރިހާ އެއްޗެއް ކައްކާފައިވަނީ އެ އުނދުން ބޭނުންކޮށްގެނެވެ. އުނދުނުން ކެއްކޭލެއްވެސް އަވަހެވެ. ތެލީގައި ދެލި ހިފުން ނޫން އިތުރު އެއްވެސް މައްސަލައެއް ފާހަގައެއް ނުކުރެވެއެވެ. ޖަލީލުގެ މި އުފެއްދުމުގައި ގޭސް އުފައްދަނީ ޕްޓްރޯލު އަދި ފެން ބޭނުންކޮށްގެނެވެ.
އުނދުނުގައި ހުޅު ހިފަނީ، ޕެޓްރޯލްގެ ސަބަބުން ކަމަށާއި، ބޭނުންވެއްޖެ ނަމަ ހުޅުކޮޅު ބޮޑުކޮށް، ކުޑަކުރެވޭ ގޮތަށްވެސް ގޭސް އުނދުން ބަދަލު ކުރެވޭނެ ކަމަށް ޖަލީލް ބުނެއެވެ. ޖަލީލްގެ ނަޒަރުގައި އޭނާ އުފެއްދި ގޭސް އުނދުނަކީ ހަރަދު ކުޑަ، އަދި ބޭނުންކުރުމަށް ރައްކާތެރި ގޭސް އުނދުނެކެވެ.
"މިއީ ބޭނުންކުރުމަށް ވަރަށް ސޭފް ގޭސް އުނދުނެއް. އެއީ އުނދުނަށް ފިއުމް ފޮނުވާ ޕެޓްރޯލް ފުޅިވެސް މި ހުންނަނީ ވަރަށް ދުރުގައި. ހަގީގަތުގައި ވަޅުލައިފައިވެސް ބެހެއްޓިދާނެ. އެހެންކަމުން އެކްސްޕްލޯޑްވެ މުޅި އުނދުނުގައި ހުޅު ހިފުމަކީ ނާދިރު ކަމެއް. ދެން މިއީ ގިނަ ދުވަހު ބޭނުންކުރެވޭނެ ހަރަދު ކުޑަ އުނދުނެއް. އެއީ ޕެޓްރޯލަކީ ފަސޭހައިން ލިބޭ އެއްޗަކަށް ވުމާއި، މި އުނދުން ރޯކުރުމަށް އެހާ ގިނަ ޕެޓްރޯލް ނާނދާނެތީ." އޭނާގެ އީޖާދާ ބެހޭ ގޮތުން "ވަން"އަށް މައުލޫމާތު ދެމުން ޖަލީލް ބުންޏެވެ.
ޖަލީލްއަކީ އަބަދުވެސް އާ ކަންކަން އީޖާދުކުރުމުގެ ޝައުގު ހުންނަ މީހެކެވެ. ނަމަވެސް މީގެ ކުރިން އެފަދަ އެއްވެސް އީޖާދެއް ކޮށްފައި ނުވާނެ ކަމަށް އޭނާ ބުނެއެވެ. ޖަލީލްގެ ފުރަތަމަ އީޖާދުވެސް އެރަށުގެ ގިނަ ބަޔަކަށް މިވަނީ ކަމުގޮސްފައެވެ. އެތައް ބަޔަކު އެ ގޭސް އުނދުން ހަމަލޮލުން ބަލައިލުމަށް އެގެއަށް ޒިޔާރަތްކުރި އިރު، ބައެއް މީހުން ވަނީ އެފަދަ ގޭސް އުނދުންތައް ހަދައިދިނުމަށް އެދިފައެވެ. ޖަލީލް ބުނީ އޭނާ އެކަން ކުރީ ވިޔަފާރީގެ ބޭނުމަށް ނޫންކަމަށެވެ. އެހެންކަމުން ވިޔަފާރީގެ ނަޒަރަކުން ގޭސް އުނދުން އުފެއްދުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ޖަލީލްގެ މި އީދާޖުގެ ވީޑިއޯތަކާއި ފޮޓޯތައް މީސް މީޑިއާގައި ވައިރަލްވެފައިވާއިރު، އެތައް ބަޔަކު އަންނަނީ އޭނާގެ މަސައްކަތަށް ތައުރީފުކުރަމުންނެވެ.