ވިޔަފާރި

މާލޭގެ ދެސަރަހައްދެއްގައި އޮޓޮމޭޓެޑް ފިއުލް ސްޓޭޝަން ތަކެއް ގާއިމު ކުރަނީ

އައިދާ އަބްދުލް ހަކީމް

މާލޭގެ ދެސަރަހައްދެއްގައި އޮޓޮމޭޓެޑް ފިއުލް ސްޓޭޝަން ތަކެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މުހައްމަދު ގަސަމް ވިދާޅުވެއްޖެ އެވެ.

"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ގަސަމް ވިދާޅުވީ އެކުންފުނީގެ ފަރާތުން ފިއުލް ސްޓޭޝަންތައް އަޕްގްރޭޑް ކޮށް ޒަމާނާއި އެއްގޮތަށް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މާލޭގޭ ދެބިމެއް ސަރުކާރުން އެފްއެސްއެމް އިން ހިދުމަތް ފުޅާކުރުމަށް ދޭން އެއްބަސްވެފައިވާ ކަމަށެވެ. ހެންވޭރު ޓްރެކް ކައިރީ ހިންގަމުން އަންނަ ޕެޓްރޯލް ޝެޑް އހުންނަ ބިމާއި ސިނާއީ ސަރަހައްދުގައި އެފްއެސްއެމްއިން ވަގުތީ ގޮތުން ހިދުމަތް ދެމުން އަންނަ ބިން ދޭން ނިންމާފައިވުމުގެ ސަބަބުން އެދެތަން އޮޓޮމޭޓެޑް ފިއުލް ސްޓޭޝަން ތަކެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ގަސަމް ވިދާޅުވިއެވެ. އަދި އެކަމުގެ މަޝްވަރާތައް ނިމިފައިވާ ކަމަށާއި އެމަސައްކަތް މަޑުޖެހިފައިވަނީ ރާއްޖެއަށް މި ދިމާވެގެން އުޅޭ ކޮވިޑް 19 ގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެންގެ ސާވިސްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ. އަޅުގަނޑުމެން ނިންމާފައިވަނީ މާލޭގެ ދެސަރަހައްދެއްގައި އޮޓޮމޭޓެޑް ފިއުލް ސްޓޭޝަން ތަކެއް ގާއިމުކުރުމަށް. ހުރިހާ މަޝްވަރާއެއް ވެސް ކޮށް ނިމިފައޮތީ. އެކަމަކު މި ބަލިމަޑުކަމާއި ހެދި އެކަން މަޑު ޖެހިފައި މިއޮތީ. މިކަންތަކުން އަރައިގަނެވުނީމަ އަވަސް މުސްތަގުބަލެއްގައި އެކަން ވެގެންދާނެ." ގަސަމް ވިދާޅުވިއެވެ.

ގަސަމް ވިދާޅުވީ އެތަންތަނުން އެމީހަކު އަމިއްލައަށް ކޮންމެ ގަޑިއެއްގައިވެސް ގޮސް ހިދުމަތް ހޯދޭނެ ކަމަށާއި އެކަމުގެ ސަބަބުން މީހުންގެ ވަގުތުވެސް ސަލާމަތް ކުރެވިގެންދާނެ ކަމަށެވެ.

ގަސަމް ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން އެކުންފުނިން ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި މިހާރުން މިހާރަށް އެޅި ފަޔަވަޅުތަކުގެ ތެރޭގައި އެންމެންގެ ރައްކާތެރި ކަމަށްޓަކައި ކޭޝް ޕޭމަންޓްގެ ބަދަލުގައި ބީއެމްއެލްގެ ކޭޝް ކާޑް ބޭނުން ކުރެވޭގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ބީއެމްއެލްގެ ކާޑު އެކަނި ބޭނުން ކުރެވުނު ނަމަވެސް ކުރިއަށް އޮތްތާނގައި އިސްލާމިކް ބޭންކުގެ ކާޑާއި ދިރާގު ޕޭ އިން ވެސް ފައިސާ ދެއްކުމުގެ ހިދުމަތް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ގަސަމް ވިދާޅުވިއެވެ.