ނޯޓް: މިއީ ސީއެންއެންގެ ސީނިއާ އިންޓަނޭޝަނަލް ކޮރެސްޕޮންޑެންޓް އިވާން ވޮޓްސަން އަށް ދިމާވި ހާދިސާ، އޭނާ އަމިއްލައަށް ލިޔެފައިވާ ލިޔުމުގެ ތަރުޖަމާއެކެވެ.
ހޮންގް ކޮންގް (ސީއެންއެން): "މާސްކު ނަގަންތަ؟" އަހަރެން ކައިވެނިކުރަން އުޅޭ ކުއްޖާއާއެކު، ކައިވެނި ކުރަން ހަމަޖައްސާފައިވާ ހިސާބަށް ދެވުމާއެކު އެހީމެވެ.
"ރަނގަޅުވާނެ" ޖަވާބު ދިނީ ހޮންގް ކޮންގްގެ އޮޕިޝަލެކެވެ. އޭނާ ހުރީވެސް މާސްކު އަޅައިގެންނެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި ކައިވެނި ކޮށް، އަނގޮޓި ބަދަލުކޮށް ލިޔެކިއުންތަކުގައި ސޮއި ކުރެވިއްޖެއެވެ. ކޮވިޑް19 ގެ ވަބާގެ ސަބަބުން މުޅި ދުނިޔެ ބަންދުވެ އޭގެ އަސަރު އެންމެންގެ ދިރިއުޅުމަށް ފޯރާފައިވާ ވަގުތެއްގައި އަހަރެންނާއި ރަނާގެ ކައިވެނި ކުރެވުނެވެ.
ދުނިޔޭގެ އަނެއްކޮޅުގައި އެމެރިކާއާއި، ލެބޮނަން އަދި އެހެން ގައުމުތަކުން، އާއިލާ އާއި ރައްޓެހިން ހޮންކޮންގުގައި އަހަރުމެންގެ ކުޑަ ކުޑަ ކައިވެނި ހަފުލާ ބަލަމުން ދިޔައީ އިންސްޓަގްރާމު ލައިވުންނެވެ. ހިތްތަކާއި އިމޯޖީތައް އަދި މީސްމީޑިއާގެ އެހެން އުފާވެރި އެކްސްޕްރެޝަންތައް އެމީހުން ދިޔައީ ލައިވްކޮށް ފޮނުވަމުންނެވެ.
ކައިވެނި ރެޖިސްޓްރީ އޮފީހުން ނިކުންނަމުން އަހަރެމެން އަނެއްކާވެސް މާސްކު އެޅީމެވެ. އޭގައި "މިސްޓަރ" އެންޑް "މިސިސް" ލިޔެފައި އޮތެވެ.
މިއީ ނިއު ޔޯކުގައި ޑިސެމްބަރުގެ ފިނިފިނި ރެއެއްގައި، ރަނާއާ ކައިވެނުކުރަން އަހަރެން އެދުނު އިރު އަހަރުމެންގެ ކައިވެނި ކުރެވިގެންދާނެ ގޮތްކަމަށް ހީކުރި ގޮތެއްނޫނެވެ.
އަހަރުމެން ދިރިއުޅެނީ އަދި މަސައްކަތް ކުރަނީ ހޮންކޮންގުގައެވެ. މިދިޔަ ޑިސެމްބަރުގައި ނިއު ޔޯކަށް ދިޔައީ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. ދިގު ފްލައިޓެއްކަމުން ދެމީހުންވެސް ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ނަމަވެސް އެއީ އުފާވެރި ރެއެކެވެ. ގްލޯއިން ފައުންޓަން ކައިރީ އަހަރުމެން ފޮޓޯ ނަގަމުން ދިޔައިރު އަހަރެންގެ ކޮއްކޮ އާއި އޭނާގެ ފިރިމީހާވެސް އެކުގައި ތިއްބެވެ. ރަނާއަށް ކައިވެނި ކުރަން ޕްރޮޕޯސް ކުރި ވަގުތުގެ ފޮޓޯތައްވެސް އެމީހުން ނަގައިދިނެވެ.
އެރޭ އެހާ އުފާވެރިކޮށް ދިޔައިރު، މިކަހަލަ ބިރުވެރި ކަމެއް އަހަރުމެންގެ ދިރިއުޅުމަށް އައިސްދާނެ ކަމަށް އޭރު ހިއެއްވެސް ނުކުރަމެވެ. އެމަހުގެ ތެރޭގައި ޗައިނާގެ ވޫހާނުން ކޮވިޑް19 ފެނި ފާއިތުވި ހަތަރު މަހާއި ބައި މިދިޔައީ ކޮރޯނާ އެންގޭޖްމަންޓުގައެވެ.
އަހަރުމެން ދެމީހުންވެސް ކްރައިސިސްއަށް އަލެއް ނޫނެވެ.
ރަނާ އުޅެ ބޮޑުވީ ސިވިލް ވޯ ތެރޭގައި ބެއިރޫތުގައެވެ. އެހަނގުރާމަ ތެރޭގައި ރަނާ ވަރަށް ކުޑައިރު އޭނާގެ ބައްފަ ވަނީ މަރުވެފައެވެ.
ނޫސްވެރިކަމުގެ 20 އަހަރު އަހަރެންގެ ހަޔާތުން ކަޑައްތު ކުރާއިރު އެކި ކަހަލަ ގުދުރަތީ ކާރިސާތަކާއި ސިޔާސީ ހައިޖާނާއި ހަނގުރާމަތައް ވަނީ ކަވަރު ކުރެވިފައެވެ.
ނަމަވެސް މުޅި ދުނިޔެއަށް ދިމާވެފައިވާ މިކަހަލަ "މޮޑާން-ޑޭ" ވަބާއެއް ދެމީހުނާވެސް މި ބައްދަލު ކުރީ އަލަށެވެ.
އަހަރުމެންނަށް ހުވަފެނީ ދުނިޔެއިން ހޭލެވުނީ ޖެނުއަރީ ފަހުކޮޅު ހޮންކޮންގުގެ ސްކޫލުތަކާއި ޕަބްލިކް ހުރިހާ ތަންތަން ބަންދުކޮށް ސިވިލް ސާވަންޓުންނަށް ގޭގައި މަސައްކަތް ކުރުމަށް އެންގި ހިސާބުންނެވެ. ވުހާންގައި ފެތުރެން ފެށި ކޮވިޑް19 މުޅި ޗައިނާއަށް ފެތުރި ހޮންކޮންގްގެ މަކާއުއާ ހަަމައަށް އައީއެވެ.
މިގައުމުގެ މީހުންނަކީ އެއަށްވުރެ ހޭލުންތެރި ބައެކެވެ. ވަގުތުން އެންމެން މާސްކު އަޅައިފިއެވެ.
އަހަރުމެންވެސް މާސްކު އެޅީމެވެ. ބާރތްސް، ޑެތްސް އެންޑް މެރިއޭޖް ރެޖިސްޓްރޭޝަންގެ އޮފީހަށް ދިޔައީ ފެބްރުއަރީ ކުރީ ކޮޅު ކައިވެނިކުރާނެ ދުވަހަކަށް އެޕްލައި ކުރުމަށެވެ.
އާއިލާ އާއި ރައްޓެހިން އަހަރުމެންގެ ހާލާމެދު ކަންބޮޑުވެގެން ގުޅިއެވެ. ނަމަވެސް އެމީހުން ވާހަކަ ދެއްކީ އެއީ އާދައިގެ ބައްޔެއްގެ ގޮތުގައެވެ. އަދި އެއީ "އޭޝިއަން" މައްސަލައެއް ކަމަށާއި އެމީހުނާ ހަމައަށް ނުދާނެ ކަމަށް އެމީހުންގެ ވާހަކަތަކުން ދޭހަ ވިއެވެ.
ރަނާ ވަރަށް ކަންބޮޑުވިއެވެ. ނަމަވެސް އަހަރެން ހުރީ ހަމަޖެހިފައެވެ. އެހެން ހުއްޓާ ސައުތުކޮރެއާއަށް އެސައިންމަންޓެއްގައި ފެބްރުއަރީ ފަހުކޮޅު ފުރަން ޖެހުނެވެ.
އޭރު ޗައިނާ ފިޔަވައި އެންމެ ގިނައިން ބަލި ފެނިފައިވަނީ ވެސް ސައުތު ކޮރެއާއިންނެވެ. މާޗް ކުރީކޮޅު އެތައް ހާސް ބަޔަކު ދުވާލެއްގެ މައްޗަށް އެގައުމުން ކޮވިޑަށް ޕޮޒިޓިވް ވަމުން ދިޔައެވެ. އެގައުމުގެ ސަރުކާރުން ބައިނަލް އަގުވާމީ އުދުހުންތައް ހުއްޓައިލަން ފެށުމާއެކު އަހަރެން ސޯލްގައި ހުރި ހޮޓާވެސް މަޑުމަޑުން ހުސްވެއްޖެއެވެ.
މާޗު ދިހައެއްގައި ހޮންކޮންގަށް ދެވޭތޯ ބެލި އިރު ދެވެން އޮތް ހަމައެކަނި ގޮތަކީ ލަންޑަން މަގެވެ. އަހަންނާއި ސީއެންއެންގެ ކެމެރާމަން ޓޮމް ބޫތާއި ދެމީހުން ތިބީ ބްރިޓިޝް އެއާވޭސް ކްރޫއިން ކަންކަން އެހާ ސީރިއަސްކޮށް ނުނަގާތީ ހައިރާން ވެފައެވެ. އެމީހުން އެއްވެސް ޕްރޮޓެކްޝަނެއް ބޭނުން ނުކުރާއިރު ލަންޑަންގެ ހީތުރޫ އެއާޕޯޓުން އަހަރުމެންގެ ހޫނުމިންވެސް ޗެކެއް ނުކުރެއެވެ. ބްރިޓިޝް މީހުން އުޅުނު ގޮތުން ހީވީ ކޮވިޑް ކަހަލަ ބައްޔެއް އުޅޭކަން އެމީހުނަށް ނުވެސް އެނގޭހެންނެވެ.
ހޮންކޮންގަށް ދެވުމާއެކު އަހަރެން ޖެހުނީ ދެހަފުތާ ވަންދެން ގޭގައި މެޑިކަލް ސާވައިލަންސުގެ ދަށުން މަޑުކުރާށެވެ. ދުވާލަކު ދެފަހަރު ހޫނުމިން ބަލައި އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ރިޕޯޓުކުރަން އަހަރެންނަށް އެންގިއެވެ. އޮތޯރިޓީން ރެކޮމެންޑް ނުކުރި ނަމަވެސް ރަނާ ބޭނުންވީ އެ14 ދުވަސް އަހަރެންނާއެކު ހުރުމަށެވެ. ނަސީބަކުން ދެމީހުންވެސް ބައްޔެއް ނުވެއެވެ.
މާޗުގައި ކޮވިޑް19 މިޑިލް އީސްޓާއި ޔޫރަޕް އަދި ނޯތު އެމެރިކާ ހިސޯރުކުރިއެވެ. ރަނާ އާއި އަހަރެންވެސް އަހަރުމެންގެ މައިންބަފައިންނާއި އާއިލާއާމެދު ވަރަށް ކަންބޮޑު ވިއެވެ. އެމީހުން ތިބީ އެމެރިކާ އަދި ލެބޮނަންގައެވެ.
އަހަރުމެން ދެމީހުންނަކީވެސް ބޮޑުވުމަށްފަހު އާއިލާއާ ވަކިން އެހެން ގައުމުތަކުގައި އުޅެމުން އައި ދެމީހުނެވެ. ނަމަވެސް މިހާލަތުގައި ވަގުތުން ފްލައިޓަކަށް އަރައި ލޯބިވާ މީހުން ކައިރިއަށް އެންމެ ބޭނުންވާ ވަގުތު ނުދެވޭނެކަން އެނގުން އެއީ އަހަރުމެންނަށް އޮތް އެންމެ ބޮޑު ހިތާމައެވެ.
ކަންބޮޑުވުމާއި ހިތާމައިގެ ވަގުތުގައި ދެމީހުން އެކުގައި ތިބެވުން އެއީ ލިބުނު ހިތްހަމަޖެހުމެކެވެ. ގައުމުތައް ބަންދުވުމާއެކު މަސައްކަތުގައިވެސް ދަތުރުކުރަން ނުޖެހުމުން ގޭގައި ތިބެން މަޖުބޫރު ވީއެވެ. އަހަރުމެންގެ ބުޅަލާއެކު ގޭގައި ނިދައި ހެދުމާއި އޮފީހުގެ މަސައްކަތް ކޮށް ރޭގަނޑު މީރު ކެއުމެއް ހަދާލައިގެން އެކުގައި ކާލައި ވަގުތުތައް ހޭދަކުރެވުނެވެ.
ލިބިފައިހުރި ނިއުމަތްތަކަށް ޝުކުރު ކުރަން ކޮވިޑްގެ ސަބަބުން ދަސްވިއެވެ. ލޮލަށްވެސް ނުފެންނަ އެއްޗެއް މުޅި ދުނިޔެއަށް އައިސް ބޮޑު ފިލާވަޅެއް ދަސްކޮށްދީފިއެވެ. އެއްވެސް ކަމެއް، އެއީ އަހަރުމެންގެ ސިއްހަތުކަމުގައި ވިޔަސް، ގެ ކަމުގައިވިޔަސް، ކާތަކެތިކަމުގައިވިޔަސް މިއިން އެއްވެސް ކަމެއް ގްރާންޓަޑްކޮށް ނުނަގައި ލިބޭ މިންވަރަށް ޝުކުރު ކުރަން ދަސްވިއެވެ.
މިހުރިހާ ކަމަކާއެކުވެސް ދިރިއުޅުން ކުރިއަށް ދާނެތާއެވެ.
"އެހެންތާ ވާނީ، މާމައާއި ކާފަވެސް ކައިވެނި ކުރީ ވޯލްޑް ވޯ ދޭއްގައި" އަހަރެންގެ މަންމަ އަހަރެން ގާތު ބުންޏެވެ.
މަންމަ ބުނީ ރަނގަޅު ވާހަކައެކެވެ. ރަޝިއާގެ ދެ ރެފިއުޖީއަށް އަހަރެންގެ މާމައާއި ކާފަ ވި އިރު އެބޮޑު ބިރުވެރިކަމުގެ ތެރޭގައިވެސް އެމީހުން ވަނީ އާއިލާ ފަށައިފައެވެ.
އެއާ އަޅައި ބަލާއިރު އަހަރެންނާއި ރަނާ ދުވަސްތައް މި ހޭދަކުރީ ގޭގައި އެކީ ފިލްމާއި ސީރީޒް ބެލުމުގައެވެ.
ކައިވެނި ކުރަން ހަފުތާއަކަށް ވީތަނާ ރަނާގެ 84 އަހަރުގެ މާމައަށް ސްޓްރޯކެއް ޖެހުނެވެ. އިންޓެންސިވް ކެއާއަށް ގެންގޮސް ސިކުނޑީގެ އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އަހަރުމެންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ލެބޮނަންއަށް ދެވޭނެ ގޮތެއް އޮތްނަމަވެސް ފްލައިޓުގައި ދަތުރުކޮށްފައި އާއިލާއަށް ކޮވިޑްގެ ވައިރަސް ގެންދިއުމުގެ ރިސްކް ނަގަން ރަނާ ބޭނުމެއް ނުވިއެވެ.
ނަސީބަކުން މާމަގެ އޮޕަރޭޝަނަށްފަހު ހާލު ރަނގަޅުވާން ފެށިއެވެ. އެއީ ވަރަށް ހިތްވަރުގަދަ ބޭފުޅެކެވެ.
އެންމެފަހުން މެއި މަހު އަހަރުމެންގެ ކައިވެނީގެ ދުވަސް އައީއެވެ. މާސްކު އަޅައިގެން ކައިވެނީގެ އޮފީހަށް އަހަރުމެން ދިޔައީ އަމިއްލައަށް މާސްކުގައި "ބްރައިޑް" އެންޑް "ގްރޫމް" މާކަރަކުން ލިޔެގެންނެވެ.
އަހަރުމެންގެ ސިޓީގެ ގަވައިދުގައިވާގޮތުން 20 މީހުނަށް ކައިވެނި ހަފުލާއެއްގައި ބައިވެރި ވެވެއެވެ. އަހަރެމެންގެ ކައިވެނީގައި ބައިވެރިވީ އަށް މީހުނެވެ.
15 މިނެޓުގެ ކުޑަ އެހަފުލާގައި ވައުދުތައްވާނެ ވަގުތެއް ނުވިއެވެ. އަސްލު އެ ބޭނުމެއްވެސް ނުވެއެވެ.
ކޮވިޑް19 ގެ އެންގޭޖްމަންޓަށްފަހު އަހަރެމެންނަށް ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް އެކުގައި ތިބެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮތެވެ.