ފީޗާރޑް

ކުޑަކުދިން ގޮވައިގެން ކޮވިޑާއެކު ދިރިއުޅުން، ކުދިންނަށް ނަފްސާނީ ބަލިތައް ޖެހުމުގެ ބިރު އަދި ނުރައްކާ

މުހައްމަދު ސިމާއު

ރޭގަނޑު ދަންވަރު ސިއްސައިގެން ހޭލެވެނީއެވެ. ރޮވެނީއެވެ. ހަލަނިކޮށް މަޖާކޮށް އުޅުނަސް ހުރެވެނީ މައިތިރިވެފައެވެ. އުމުރުން ހަ އަހަރުގެ އެކުއްޖާއަށް މިކަހަލަ ގޮތްތަކެއް ވާން ފެށީ މިފަހަކުންނެވެ. ކޮވިޑުގެ ވާހަކަތައް އިވެން ފެށި ފަހުންނެވެ. އެބަލީގައި އެތައް ބަޔަކު މަރުވަމުންދާ މަންޒަރު އަބަދުމެ ފެންނާތީއެވެ. އެވާހަކަ ދައްކާ އަޑު ކެނޑިނޭޅި އިވޭތީއެވެ. ބޭރަށް މީހަކު ނުކުތަސް މަރުވެދާނެ ކަމަށް އެކުއްޖާއަށް އޮތީ ހީވެފައެވެ.

މިއީ ކުދިބޮޑު އެންމެންގެވެސް ހާލެވެ. ހިތްވަރު ހުއްޓަސް އެ ފިކުރު ނުކުރާ މީހަކު ނެތެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ހަލުވިކަމާއެކު ބަލި ފެތުރޭތީ، މުޅި ރާއްޖޭގައި މިއޮތީ ބޮޑު ފުރަބަންދެއްގައެވެ. ސަރުކާރުގެ އޮފީސްތައް ބަންދުވެ މުވައްޒަފުން ގޭގައި ބަންދުވެއްޖެއެވެ. ސުކޫލްތައް ބަންދުވެ އެތައް ދަރިވަރުންނެއް ފޫހިވެއްޖެއެވެ. ވަޒީފާތައް ގެއްލި އެތައް ބަޔަކު ބިކަވެއްޖެއެވެ. މުޅި އިގްތިސާދު އިނދަޖެހެނީއެވެ.

ނަމަވެސް މި ހާލަތުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ބަޔަކީ ކުޑަކުދިންނެވެ. އެއީ ގަބޫލުވެސް ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް އެކުދިންގެ ހާސްވުމާއި ކަންބޮޑުވުންތައް ފެންނާނީ މުޅިން ތަފާތު ގޮތަކަށެވެ. ކޮވިޑާ ގުޅިގެން އެންއީއޯސީގެ ސޯޝަލް ސަޕޯޓް ކްލަސްޓާގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ އައިޖީއެމްއެޗްގެ ސެންޓަރު ފޮ މެންޓަލް ހެލްތުގެ ކޮންސަލްޓަންޓް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އާފިޔާ އަލީ މިކަމުގެ ކަންބޮޑުވުންތައް ހިއްސާކުރެއްވީ ވަރަށް ވެސް ފުޅާކޮށެވެ.

ބިރުވެރި ހުވެފެން ފެނުމާއި ރުޅި އިސްކޮށް ބޮޑާހޭކުން، ކުދިން ފިކުރުބޮޑުވާކަމުގެ އަލާމާތްތަކެއް

މިވީ ހަތަރު ވަރަކަށް މަސް ދުވަސް ތެރޭގައި މީޑިއާތަކުންނާއި ޓީވީތަކުންނާއި ގޭތެރޭގައި ވެސް އެންމެ ގަދައަށް ދެކެވެމުންދަނީ ކޮވިޑްގެ ވާހަކައެވެ. އެ ބައްޔަށް މީހުން ޕޮޒިޓިވްވާ ވާހަކަ އާއި އެބަލީގެ ބިރުވެރިކަމާއި ފަރުވާއެއް ހޯދިފައި ނެތްކަމުގެ ކަންބޮޑުވުންތަކެވެ. ސައުވީސް ގަޑިއިރު އަބަދުމެ އިވިއިވި ހުންނަނީ އެވާހަކަތަކެވެ. މި ވާހަކަތަކަށް އެންމެ ބޮޑަށް ހުށަހެޅޭނެ އެއް ބަޔަކީ ސުކޫލްތައް ބަންދުވުމާއި ލޮކްޑައުނާއި ގެއިން ބޭރަށް ނުކުތުން މަނާކޮށްފައިވާތީ، ގޭ ބަންދުގައި ތިބި ކުޑަކުދިންނެވެ. އެކުދީންގެ ދުވަހު އުޅުމުގެ މުޅި ވައްޓަފާޅި ބަދަލުވީއެވެ. ބޮޑެތި މީހުން އެކި ކަންކަމުގައި މަސްއޫލުވެ އުޅުނަސް އެކުދީން ތިބީ ގޭތެރޭގައި ކުރާނެ ކަމެއް ނެތިފައެވެ.

ނިއުޒިލެންޑުގައި ވެސް ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އާފިޔާ ވިދާޅުވި ގޮތުގައި މިކަންކަމާ ގުޅިގެން ކުދިން ފިކުރު ބޮޑުވާވަރު އިތުރުވެ، ކުއްޖާގެ އަހުލާގަށާއި ނަފުސާނީ ނިޒާމަށް ބަދަލުތަކެއް އާދެއެވެ. އެގޮތުން މާބޮޑަށް ވިސްނައި ފިކުރުކުރާނަމަ ބޮޑެތި މީހުންނެކޭ އެއްފަދައިން ކުޑަކުދިންނަށް ވެސް ނިދުމުގައި މައްސަލަތައް ކުރިމަތިވެއެވެ. ނިދާފައި އޮންނައިރު ސިއްސައިގެން ގޮސް ހޭލެވުން ނުވަތަ ބައެއް ކުދިންނަށް ކޮވިޑާ ގުޅުންހުރި ބިރުވެރި ހުވަފެން ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ރުޅި އިސްކުރުމާއި ކަންތައްތައް ކުރަން ބުނުމުން އެކަން ނުކުރަން ގަދަ ދެއްކުމާއި ހާސްވުމާއި ކަންބޮޑުވުމުގެ ސަބަބުން ކުރިން ޝައުގުވެރިކަން ހުންނަ ކަންކަން ނުކުރާން އުޅުމަކީ ވެސް މިހާލަތުގައި ކުދިންގެ ފުށުން ފެނިގެން ހިނގައިދާނެ ބައެއް އަމަލުތަކެވެ.

ޑރ. އާފިޔާ ވިދާޅުވީ، ސްކޫލް މާހައުލަކީ އުނގެނުމުގެ އިތުރުން އިޖުތިމާއީ ގޮތުން ވެސް ކުދިންނަށް އެތައް ކަމެއް ދަސްވާ މާހައުލަކަށްވާއިރު މިހާލަތާ ގުޅިގެން ސުކޫލްތައް ބަންދުވުމުން ކުދިން ދަސްކުރުމުގައި ވެސް ފަހަތަށް ޖެހޭ ގޮތްވާނެ ކަމަށެވެ. އަދި ކަމަކަށް ސަމާލުކަންދީގެން މަސައްކަތް ކުރުން ފަދަ ކަންކަމަށް އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ޖިސްމާނީ ނުވަތަ ސިއްހީ އެއްވެސް މައްސަލައެއް ނެތިވެސް ބޮލުގައި ރިއްސުމާއި ހޮޑުލުމާއި ގައިގައި ރިއްސުން ކަހަލަ އެކުދިންނަށް ބުނެދޭން ނޭނގޭ ފަދަ މައްސަލަތަކެއް ދިމާވުމަކީ ވެސް މިފަދަ ކާރިސާތަކާއި ޕެންޑެމިކްތަކުގައި ދިމާވާނެ ކަންތައްތައްތަކެއް ކަމަށް ޑރ. އާފިޔާ ވިދާޅުވިއެވެ. މިދުސްވަކޮޅު އެކަހަލަ ކަންކަމުގެ ޝަކުވާކުރާނަމަ ފަހަރުގައި އެއީ ކޮވިޑާ ގުޅިގެން ހާސްވެ ކަންބޮޑުވެގެންވާ ކަންތައްތަކެއް ކަމަށް ބެލެނިވެރިން ވިސްނަންވާނެ ކަމަށް ވިދާޅުވިއެވެ.

"ކުދިންގެ މެދުގައި ފެންނަ މި ސިމްޓަމްސްތަކަކީ ކޮވިޑްގެ ސަބަބުން، މި ޕެންޑެމިކްސްގެ ސަބަބުން އެކުދިންނަށް ކުރާ އަސަރުތައް އެކި ކުދިންގެ ތަފާތުވާނެ. އެންމެންނަށް އެއް ކަމެއް ނޫން މި ދިމާވަނީ. ޕޭރަންޓްސް ވަރަށް ބޮޑަށް އެވެއާ ވާން ޖެހޭ. ހުރިހާ ކުދިން މިސާލަކަށް މިކަމާ ވޮރީވެގެން އެކަމުގެ ވާހަކަ ނުދައްކަފާނެ. ބައެއް ކުދިން ވަރަށް ޝަޓްޑައުން ކޮށްލަފާނެ. އެހެންވީމަ އެކުދިން ވާހަކަ ނުދެއްކީމަ އޭގެ މާނައަކީ އެކުދިން އެތިބީކީ ވަރަށް ހަމަޖެހިގެނެއް ނޫނޭ،" ކުޑަކުދިންނާއި ބޮޑެތި މީހުންގެ ސައިކޮލޮޖީ ކަންކަމުން ހާއްސަވެފައިވާ ޑރ. އާފިޔާ ވިދާޅުވިއެވެ.

ހާލަތު ދިގުލައިގެންދާނަމަ، ކުޑަކުދިންގެ ތެރޭގައި ނަފްސާނީ ބަލިތައް ގިނަވެދާނެ

ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މުޅި ދުނިޔެ ގޮތްހުސްވެފައިވާ އިރު، ކޮވިޑް 19އާ ގުޅޭ ގިނަ ކަންތައްތަކެއް އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭއެވެ. ވެކްސިނެއް ފަރުވާއެއް ހޯދިފައި ނެތް މި ބަލިމަޑުކަމުގެ ކޮޅެއް މެދެއް ފެންނާކަށް ނެތެވެ. އެކަމާ ގުޅިގެން އެތައް ބަޔަކަށް މިހާރު ވެސް ދަނީ ފައިސާގެ ގޮތުންނާއި އިޖްތިމާއީ، ނަފްސާނީ އަދި ސިއްހީ ގޮތުން ވެސް އަސަރުތަކެއް ކުރަމުންނެވެ.

ޑރ. އާފިޔާ ވިދާޅުވި ގޮތުގައި، މި ހާލަތު ދިގު ދެމިގެންދާނަމަ، ދިގު ދެމިގެންދާ ނަފްސާނީ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ކުރިން ދިމާވެފައި ހުރި ކާރިސާތަކަށް ބަލާއިރު އޭގެ ސަބަބުން ކުދިންނަށް ވެސް އަދި ބޮޑެތި މީހުންނަށް ވެސް ދިގު ދެމިގެންދާ ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައި ހުރިކަން ފެންނަން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއީ ހުރިހާ ކުދިންނަށް ވެދާނެ ކަމެއް ނޫނެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކާރިސާތަކާ ގުޅިގެން ހާއްސަކޮށް ކުޑަކުދިންގެ ފަރާތުން ފެންނަ އަލާމާތްތަކަށް ސަމާލުކަން ދޭންޖެހޭ ކަމެވެ. ވަކީން ހާއްސަކޮށް ނަފުސާނީ ބައްޔެއް ހުންނަ ކުއްޖެއް ނަމަ ބެލެނިވެރިން އިތުރު ސަމާލުކަމެއް ދޭންޖެހޭނެއެވެ.

ޑރ. އާފިޔާ ވިދާޅުވީ، މި ހާލަތު ދިގުލައިގެންދާނަމަ އެފަދަ ބަލިތައް ހުންނަ ކުދިންގެ ބަލި އިތުރަށް ގޯސްވެގެން ދިއުން ނުވަތަ ކުޑަކުދިންގެ ތެރޭގައި އެފަދަ ބަލިތައް އިތުރުވެގެން ގޮސްދާނެ ކަމަށެވެ. މިސާލަކަށް ޕޯސްޓް ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ) ނުވަތަ ކުޑަކުދިންގެ ތެރޭގައި އެންމެ އާންމު ބަލި، އެންޒައިޓީ ޑިސްއޯޑާފަދަ ބަލިތަކެވެ. އެއީ ކަންބޮޑުވުންތަކާ ގުޅިފައި ހުންނަ ނަފްސާނީ ބައްޔެކެވެ.

"ޕެންޑެމިކާ ގުޅިގެން އަންނަ ޝޯޓް ޓައިމްކޮށް ފެންނަ އެންމެންގެ ފަރާތުން ވެސް ކަންބޮޑުވުންތަކާއި ހާސްވުންތަކަށް އެންމެ ރަނގަޅަށް އެޑްރެސް ނުކުރެވިއްޖެ ނަމަ އޭގެ އަސަރު، ނެގެޓިވް އިމްޕެކްޓް ލޯންގްޓައިމްގައި ބޮޑުވާނެ. މިސާލަކަށް މިހާރު މިފެންނަނީ ނޯމަލްކޮށް ފެންނަ ޕެންޑެމިކް ރިލޭޓެޑް ވޮރީސްތަކޭ މިކަންތައް ނިމުނީމަ ރަނގަޅުވާނޭ. އެގޮތަކަށް ނޫން މިއަށް އެޑްރެސް ކުރަން ޖެހޭނީ. ލޯންގު ޓައިމް އެއްޗެހި އެވޮއިޑް ކުރުމަށްޓަކައި ޝޯޓް ޓައިމް އެއްޗިއްސަށް ވެސް އެޑްރެސް ކުރަންޖެހޭ،" ޑރ. އާފިޔާ ވިދާޅުވިއެވެ.

ނަފްސާނީ ބައްޔެއް ހުންނަ މީހަކު އާއިލާގެ ތެރޭގައި ހުންނަނަމަ ކުދިންނަށް ކުރާ އަސަރު ބޮޑު

ދިރާސާތަކުން ދައްކާ ގޮތުގައި މައިންބަފައިން ނުވަތަ އާއިލާގެ މެންބަރެއްގެ ނަފްސާނީ ބައްޔެއް ހުންނަ ނަމަ ކުދީންނަށް ނަފްސާނީ އަސަރު ކުރުމުގެ ނުރައްކާ ބޮޑެވެ. ހާއްސަކޮށް މިފަދަ ހާލަތްތަކުގައި އެފަދަ ރިސްކު ކުއްޖާއަށް ބޮޑެވެ.

ކޮވިޑުގެ ހާލަތު ވިލަރެސް ކުރަން އުފައްދާފައިވާ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މެންޓަލް އެންޑް ސައިކޮލޮޖިކަލް ކުލަސްޓާގައި ވެސް ހިމެނިވަޑައިގަންނަވާ ޑރ. އާފިޔާ ވިދާޅުވި ގޮތުގައި މިފަދަ ކާރިސާތަކުގައި ނަފްސާނީ ބައްޔެއް ހުންނަ މީހަކަށް ކުރާނެ އަސަރުތައް ފެނި އެކަމަށް ކުއްޖާ ހުށަހެޅޭ މިންވަރު އިތުރުވާނެއެވެ. އަދި މަންމަ ނުވަތަ ބައްޕަ އެކަމާ ގުޅިގެން ކުރާ ފިކުރުތަކާއި ހާސްވާ ހާސްވުންތައް ފެނި ކުއްޖާ އެކަންތައް ބަލައިގަންނަ ގޮތް ރަނގަޅު ނުވެދާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ޑިވެލޮޕްމަންޓް ޑިސްއޯޑާ، އޯޓިޒަމް، އިންޓެލެކްޓިޗުއަލް ޑިސްއެބިލިޓީ، އޭޑީއެޗްޑީ ފަދަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ލޮކްޑައުންގައި ލިބެން ޖެހޭ ހާއްސަ ތެރެޕީތަކާއި އެޑިއުކޭޝަން ޕްރޮގްރާމްތައް ހުއްޓި، އެކުދިންނަށް ލިބެންޖެހޭ ހާއްސަ ތެރަޕީތަކާއި ފަރުވާތަކުން މަހްރޫމުވެފައި ތިބުމުން، އެކުދިންނަށް ކުރާނެ އަސަރު ބޮޑުވަމުންދާނެ ކަމަށް ވެސް ޑރ. އާފިޔާ ވިދާޅުވިއެވެ.

ބެލެނިވެރިންނަށް އޮތް ނަސޭހަތް: ކުދިންނާ ވާހަކަދައްކައި ބައިވެރިކުރުވާ!

ޑރ. އާފިޔާ ވިދާޅުވި ގޮތުގައި މި ހާލަތުގައި ކުދިންގެ ފިކުރުބޮޑުވުމާއި ހާސްވުމަށް ލިބޭނެ އެންމެ ރަނގަޅު ފަރުވާއަކީ މައިންބަފައިންނާއި އާއިލާއިން އެކުދިންގެ ކަންބޮޑުވުންތައް އަޑުހައި، އެކުދިންގެ އުމުރާ ގުޅޭގޮތުން ޖަވާބު ދިނުމެވެ. އެކުދިންނާ ވާހަކަދައްކައި ކަންކަން ވަމުންދާ ގޮތް ކިޔައިދިނުމެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިން ވީހާވެސް ގިނަ ކަންކަމުގައި މަސްއޫލު ކުރުވުމެވެ. ކުދިކުދި ތަންތަނުކޮޅުގައި އުޅެން ޖެހުނަސް، ވީވަރަކުން އެކުދިންނާއެކު ހަރަކާތްތައް ހިންގުމެވެ.

މިސާލަކަށް ސްޕީޗް ޑިލޭއެއް ހުންނަ ކުއްޖަކަށް އެކުއްޖާގެ ލެވެލަށް ވިސްނާފައި ވާހަކަދެއްކުމާއި އާބަސްތައް ދަސްކުރަން މަސައްކަތް ކުރުވުން މުހިންމެވެ. ޖިސްމާނީ ހަރަކާތްތައް އިތުރުކުރަން މުހިންމެވެ. ސްޓިމިއުލޭޝަން ރަނގަޅު ކުރުމަށްޓަކައި ގޭގައި ހުރި އެއްޗެއް ބޭނުން ކޮށްގެން ނުވަތަ ގޭތެރޭގެ މާހައުލަށް ވެސް ބަދަލުތަކެއް ގެނެވިދާނެއެވެ. އެންމެ ކުޑަމިނުން ފުއްމޮޑޭއިރު އެކުއްޖާއަށް ވެސް ފުއްކޮޅެއް ދީގެން ބައިވެރިކުރެވިދާނެ އެވެ.

މި ކަންކަމުގެ އިތުރުން ފުރަބަންދާއެކު ހުއްޓިފައި އޮތް އިޖުތިމާއީ ގުޅުންތައް ވެސް އޮންލައިންކޮށްނާއި ފޯން ކޯލް މެދުވެރިކޮށް ބަދަހިކުރުން މުހިންމު ކަމަށް ޑރ. އާފިޔާ ވިދާޅުވިއެވެ. ސްކޫލް ބަންދުވެފައި އޮތުމުން، ސުކޫލް ރައްޓެހިންނަށް ވެސް ވީޑިއޯ ކޯލްކޮށް ވާހަކަދެއްކުމާއި ގޭތެރޭގައި ވެސް އާއިލާ މެންބަރުންގެ ތެރޭގައި ބަލި ފެތުރުމުގެ ނުރައްކަލެއް ނެތްނަނަމަ އެކުގައި ކަންކަން ކުރުން މުހިންމު ކަމަށް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.