ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އީސްޓޯގައި މަސައްކަތްކުރާ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވުމުން އެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފައި އޮތުމަށް ފަހު އަނެއްކާވެސް އެ ހިދުމަތް ފަށައިފިއެވެ.
އެސްޓީއޯއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކުންފުނީގެ އީސްޓޯގައި މަސައްކަތްކުރާ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވެ އެހިދުމަތުގައި ހަރަކާތްތެރިވާ ގިނަ މުވައްޒަފުންތަކެއް ހޯމް އައިސޮލޭޓް ކުރަން ޖެހުމާ ގުޅިގެން އީސްޓޯގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލި ކަމަށެވެ. ނަމަވެސް އެސްޓީއޯއިން ވިއްކާ މުދަލުގެ ބާވަތްތައް މެދުކެނޑުމެއްނެތި ވީހާވެސް ގިނަ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، އީސްޓޯ މެދުވެރިކޮށް ރީޓެއިލް ފިހާރަތަކަށް ހޯލްސޭލްކޮށް މުދާ ވިއްކުމަށް ހުޅުވާލައިފައިވާ ކަމަށެވެ.
އެގޮތުން ކޮންމެ ރެއެއްގެ 9:00 އިން ފެށިގެން އޯޑަރު ނެގުމަށް ހަމަޖެހިފައި ވާއިރު މިވަގުތަށް އީސްޓޯގައި ހިމެނިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓްގެ ހޮވާލެވިފައިވާ ވަކި ބާވަތްތަކެއް ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ކޮންމެ ފަރާތަކަށްވެސް ފަހަރަކު ގަނެވޭނީ މަދުވެގެން ފަހެއް އަދި ގިނަވެގެން 30 ބާވަތުގެ މުދަލެވެ.
މީގެ އިތުރުން އެސްޓީއޯއިން ބުނީ މުދަލަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކަމަށެވެ.
މުދާ ޑެލިވަރީ ކުރުމަށް 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދުގެ ވަގުތެއް ނަގާއިރު ޑެލިވަރީ ފީއެއްގެ ގޮތުގައި ކުރިން ނަގަމުން އައި 70 ރުފިޔާ މިހާރު ވަނީ 50 ރުފިޔާއަށް ހެޔޮކޮށްދީފައެވެ. އެސްޓީއޯއީން މުދާ ފޯރުކޮށްދޭނީ ފިހާރަ ހިމެނޭ އިމާރާތުގެ ބޭރަށެވެ.