ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އަމުރުކުރެވޭނެ މީހަކު ނުހުންނާނެ ކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވުމާއެކު ދިޔާނާގެ ފިރިކަލުން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު މިއަދު ކުރެއްވި ގިނަ ޓުވީޓުތަކެއް ޑިލީޓްކޮށްފިއެވެ.
ދިޔާނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކީ ސަރުކާރުގެ އަދި ދައުލަތުގެ އެންމެ އިސްވެރިޔާ ކަމަށާއި ކެބިނެޓާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ކިބައިގައި އަހުލާގާއި ކެތްތެރިކަން ހުންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އޭގެ ކުރިން މިއަދު ޖާބިރު ވަނީ ޓުވީޓުތަކެއް ކުރައްވައިފައެވެ. އެގޮތުން ޖާބިރު ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވައި އޭނާ މަގާމުން ވަކި ކުރުމަށް ގޮވާލައްވައިފައެވެ. ޖާބިރު ކުރެއްވި އެ ޓުވީޓުގައި ވިދާޅުވީ މިހާރުން މިހާރަށް ފައްޔާޒް މަގާމުން ދުރުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަންގައި އަމުރުކުރާ ކަމަށެވެ.
އެ ޓުވީޓަށް ފަހު ޖާބިރު ކުރެއްވި ޓުވީޓެއްގައި ރައީސް ސޯލިހު ވެރިކަމަށް ގެނައީ ޖާބިރުގެ ފައިސާ އިން ކަމަށް ވެސް ވިދާޅުވެފައެވެ.