ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދުމަށް އެޓާނީ ޖެނެރަލް އޮފީހުން ދެ ކޮމިޓީއެއް އުފައްދައިފިއެވެ.
އޭޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކަމާ ބެހޭ ގާނޫނުތައް އެކުލަވާލުމުގެ އިތުރުން ދިވެހި ދައުލަތް ދަރަނިވެރިވާ ގޮތަށް ނުވަތަ ސިޔާދަތަށް ގެއްލުންވެފައިވާ ލޯނުތަކާއި ކޮންޓްރެކްޓްތައް މުރާޖައާކޮށް، އަލުން ރީ ނެގޯޝިއޭޓް ކުރެވޭނެ ތަނެއް އޮތްތޯ ބެލުމަކީ ވެސް ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ މުހިންމު މަސައްކަތެއް ކަމުގައިވާ އިރު، އެ މަސައްކަތް ކަމާބެހޭ އެހެން ވުޒާރާތަކުގެ ބައިވެރިވުމާއެކު ކުރުމަށްޓަކައި ކަމާބެހޭ ކޮމިޓީއެއް އެކުލަވާލައ، އެ މަސައްކަތް ކޮމިޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
"ކަމާގުޅޭ އެއްބަސްވުންތައް މުރާޖައާ ކުރުމަށް ފަހު، އެ އެއްބަސްވުންތަކަށް ވާސިލުވުމުގައި ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އިޖުރާއަތްތައް ފުރިހަމަކޮށްފައިވޭތޯ ބެލުމަށް ނިންމާފައިވާނެއެވެ. އަދި އޭގެ ތެރެއިން ގައުމުގެ ސިޔާދަތަށް ގެއްލުންވާގޮތަށް އެކުލަވާލައި ސޮއިކޮށްފައިވާ އެއްބަސްވުންތަކެއްވާނަމަ އަލުން އެ އެއްބަސްވުންތައް ރީ-ނެގޯޝިއޭޓްކުރުމުގެ ފުރުސަތު އޮތް މިންވަރެއް ދެނެގަނެ، އެ ފުރުސަތު އޮތް އެއްބަސްވުންތައް އިސްލާހު ކުރެވޭނެއެވެ..،" އޭޖީ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ކޮމިޓީން އެ މަސައްކަތް ކުރުމުގައި މުރާޖައާކުރަންޖެހޭ ކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ލޯނުގެ އެއްބަސްވުންތަކާއި، ސޮވްރިން ގެރެންޓީގެ އެއްބަސްވުންތަކާއި، ހައުސިން އަދި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތަކާ ގުޅޭ އެއްބަސްވުންތަކާއި، އާންމު ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅޭ އެއްބަސްވުންތަކާއި، ޓޫރިޒަމް ދާއިރާގެ އިންވެސްޓްމަންޓްތަކާ ގުޅޭ އެގްރީމެންޓްތައް ހިމެނެއެވެ.
އޭގެ އިތުރުން އޭޖީ އޮފީހުން ދެން އުފައްދާފައިވާ ކޮމިޓީއަކީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމަށް ފާސްކޮށްފައިވާ ގާނޫނުތައް ބަލައި މުއާޖައާކުރުމަށް އުފެއްދި ކޮމިޝަނެވެ.
އެ ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ގާނޫނުތައް މުރާޖައާކުރުމުގެ އިތުރުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތައް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާ އެއްގޮތް ކުރުމަށްޓަކައި އެ ގާނޫނުތައް މުރާޖައާކޮށް، އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ފާހަގަކޮށް، ކަމާގުޅޭ ބިލުތައް އެކުލަވާލުން ވެސް ހިމެނެއެވެ.