އިސްލާމިކް މިނިސްޓްރީ

ޙިޖާޒުގެ ޤާފިލާ 60

އަބްދުﷲ ފާރޫގް ހަސަން

3

(4 މެއި ގެ އަދަދާ ގުޅޭ)

އިރުކޮޅެއްގެފަހުން مثــنّـى ހުންނެވީ ފަރުބަދައެއްގެ މަތީގައި އަސް މަޑުކުރައްވައިގެންނެވެ. خــالــد ގެ ލަޝްކަރު ސަމާވާގެ ބިޔަ ސަހަރާގެ ތެރެޔަށް އޮބައިލާ މަންޒަރު ބައްލަވާށެވެ. އެ ލަޝްކަރު ފަރުބަދަތަކާ އެޅި ނިވައިވުމާއެކު مثــنّـى ގެ ލޯފުޅުން ކަރުނަފޮދު އަތުވެއްޖެއެވެ. އެ ލޯފުޅަކީ މަރުގެ ސަކަރާތުގެ ބިރުވެރި މައިދާނުގައިވެސް މޫނުފުޅުމަތީގައި ހިނިފުޅުވެޑުވުމުގެ ނިގާބު އަޅުއްވަން އާދަވެފައިވާ ދެލޯފުޅެވެ. އެއީ އިންސާނީ މަތިވެރިކަމުގެ ނަމޫނާއަކަށް އަދާކުރެއްވި އެންމެފަހުގެ ވެދުމެވެ. އެއީ ޢަޒުމާއި، ހިންމަތާއި ޤުރްބާނީއާއި އިޚްލާޞްތެރިކަމުގެ މުޖައްސިމެއްގެ ލޯފުޅުން އިންސާނީ ތާރީޚުގެ މިސާލެއް ނުވާފަދަ ޖަނަރަލަކަށް އަދި އެހައިމެ މަތިވެރި ފާތިހަކަށް އަދާކުރެއްވި ލޯތްބާއި ކަމޭހިއްތެވުމުގެ އެންމެފަހުގެ ވެދުމެވެ. އެފަދަ މަތިވެރި ލޯތްބަކާއި ކަމޭހިއްތެވުމެއް އުފެދޭނީވެސް އެފަދަ ފުރިހަމަ ދެއިންސާނެއްގެ އެކުވެރިކަމުގެ ތެރެއިންނެވެ. މިއީ އެދެބޭކަލުންގެ އެންމެފަހުގެ ބައްދަލުވެވަޑައިގެންނެވުމެވެ. އެއަށްފަހު އެދެބޭކަލުންގެ ޙަޔާތްޕުޅުގެ މަގުވަނީ އަބަދަށްޓަކައި ދެކަފިވެފައެވެ.

ޝާމްކަރައިގައި ރޫމީންނާއި މުސްލިމުންނާ ދެމެދު ރަސްމީ ސިފައެއްގައި ހަނގުރާމަ ފެށުނު ޚަބަރަކީ އީރާނީންނަށް ވަރަށް މުހިންމު ޚަބަރަކަށްވިއެވެ. ދެވަނަޔަށް އެބައިމީހުންނަށް އިވުނު ހަމައެފަދަ މުހިންމު އަނެއް ޚަބަރަކީ خــالــد بــن الـوليـد رضـى اللّـه عنـــه ޢިރާޤުގެ މައިދާނުން ޝާމްކަރައިގެ މައިދާނަށް ބަދަލުކުރެވުނު ޚަބަރެވެ. ޢިރާޤުގައި އޮތް އިސްލާމީ ލަޝްކަރުގެ ދެބައިކުޅައެއްބައި އެކަލޭގެފާނުގެ އަރިހުގައި ގެންދެވި ވާހަކަޔާއި އިންތިހާދަރަޖައިގެ ތަޖުރިބާކާރު ޖަނަރަލުންންކުރެވެސް ގިނަ ޢަދަދެއްގެ ބޭކަލުން خــالــد ގެ އަރިހުގައި ގެންދެވި ވާހަކައެވެ. خــالــد ގެފާނުގެ ޤާއިމްމަޤާމުގެ އަރިހުގައި ތިބީ އެންމެ ނުވަހާސް ސިފައިންކަމުގެ ވާހަކައެވެ.

އީރާނީންގެ ޔަޤީނަކަށްވީ އިރުމައްޗާއި ހުޅަނގުގެ އެންމެ ވަރުގަދަ ދެބާރާ މުސްލިމުންނަށް މާގިނަދުވަހަކު އެއްފަހަރާ ހަނގުރާމަ ނުކުރެވޭނެކަމެވެ. މަދު ހަފްތާތަކެއްގެ ތެރޭގައި މުސްލިމުންނަށް ހަނގުރާމަ ހުއްޓައިލަން މަޖުބޫރު ވެދާނެކަމެވެ. އަންބާރާއި އުއްލައިސާއި ފިރާޟުގެ މައިދާނުގައި ޢިބްރަތްތެރިގޮތަކަށް ބަލިވުމުގެ ސަބަބުން މާޔޫސްވެފައިތިބި އީރާނީ ފުރަދާނައިންނާއި، ސިފައިންގެ ވެރީން އެބޭފުޅުންނަށް ފަތަޙަ ލިބިވަޑައިގަތުމުގެ ވަގުތު ޖެހިއްޖެކަމުގައި ޔަޤީންކުރެއްވިއެވެ. އެބޭފުޅުން ޝެހެންޝާހަށް މަޝްވަރާ އެރުއްވީ ކުޑަކޮށްވެސް ލަސްނުކުރައްވައި މުސްލިމުންނާ ޙަމަލަ ދެއްވުމަށެވެ. އަނެއްކޮޅުން ޢިރާޤުގެ ޢަރަބި ޤަބީލާތަކުގެ ތެރެއިން މުސްލިމުންނާ އެބައިމީހުންގެ މުސްތަޤްބަލު ގުޅައިލައިފައިވާ ބައެއް ޤަބީލާތަކުންވެސް ވައިގެ މިސުރާބު ބަދަލުވެއްޖެކަމުގައި ދެކޭންފަށައިފިއެވެ. އީރާނުގެ ސަރުކާރުން ކުޑަކޮށްވެސް ފަރުވާތެރިކަމެއް ބަހައްޓައިފިނަމަ މުސްލިމުންނަށް ހަތިޔާރު ބަހައްޓަން ނުވަތަ ސަހަރާގެ ތެރެއަށް ފިލައިގެންދާން މަޖުބޫރުވެދާނެ ކަމުގައި ދެކޭންފަށައިފިއެވެ. އެހެންކަމުން ވަރަށްގިނަ ޤަބީލާތަކުން އީރާނުގެ ދަރުބާރާ ގުޅޭންފަށައިފިއެވެ.

ޝެހެރިޔާރުގެ ނަޒަރުގައިވެސް މިއީ ރައްޔިތުންގެ ހިތްތައް މުށްޕުޅުދަށު ލެއްވުމަށާއި ދައުލަތުގެ ފުރަދާނައިންނާއި ސިފައިންގެ ވެރީން ތާއީދު ހޯއްދެވުމަށާއި ދީނީ ބޮޑުންގެ ލޯބި އޭނާއާ ގުޅައިލެއްވުމަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުޞަތެކެވެ. ޖާސޫސުންގެ ފަރާތުން ކިސްރާއަށް މަޢުލޫމާތު ލިބިވަޑައިގެންނެވިގޮތުގައި މުސްލިމުން ގެންދަނީ އެމީހުންގެ އަނބިދަރީން ޢަރަބިކަރަޔަށް ފޮނުވަމުންނެވެ. ރޫމީންނާ ހަނގުރާމަ ފަށައިގެން އުޅޭތީ މަދީނާގެ ސަރުކާރަކަށް މުސްލިމުންނަށް އެއްވެސް މަދަދެއް ނުފޯރުވޭނެއެވެ. އެހެންކަމުން ޝެހެރިޔާރު އޭނާގެ ވަރަށް ތަޖުރިބާކާރު ޖެނެރަލެއް ކަމުގައިވާ ހުރުމުޒަށް މުސްލިމުން ހަނގުރާމަޔަށްދާން އަންގަވައިފިއެވެ. (ޢިރާޤުގެ އިސްލާމީ ފަތޫހާތުގެ ތާރީޚުގައި ހުރުމުޒެވެ ކިޔުނު ދެ ވެރިޔެއްގެ ވާހަކަ އާދެއެވެ. އެކަކީ ޢިރާޤުގެ ސަރަޙައްދީ އަވަށްއަވަށުގެ ގަވަރުނަރެވެ. އޭނާ ވަނީ خــالــد ގެ އެންމެފުރަތަމަ ޙަމަލައިގައި ކާޡިމާގެ ހަނގުރާމައިގައި ޤަތުލުވެފައެވެ.)

مثــنّـى بــن حــارثـــة رضى اللّـه عنــه އަށް ހުރުމުޒު މުސްލިމުންނާ ހަނގުރާމަޔަށް އަންނަ ޚަބަރު ލިބިވަޑައިގެންނެވުމާއެކު ހީރަތުން ނުކުމެވަޑައިގެން ބާބިލުގެ ކައިރީގައި މުޢަސްކަރު ހައްދަވައިފިއެވެ. އެތަނަކީ ނުރައްކަލެއް ދިމާވެއްޖެނަމަ ހީރަތަށްވުރެ މުސްލިމުންނަށް ފަހިވާނެ ވެއްޓެކެވެ. އެހެނީ އެތަނަކީ ސަހަރާއާވީ ފަރާތުން ނުރައްކަލެއް އަންނާނެތަނެއް ނޫނެވެ.

އީރާނުގެ ލަޝްކަރު ބާބިލަށް މިސްރާބުޖެހިއިރު އެމީހުން ޔަޤީންކޮށްގެންތިބީ مثــنّـى بــن حــارثـــة رضى اللّـه عنــه އެމައިދާނުގައި ފައިތިލަފުޅު ސާބިތުކުރައްވަން މަސައްކަތްޕުޅު ނުކުރައްވާނެ ކަމުގައެވެ. އެހެންކަމުން މަދާއިނުގެ މީހުން ގެންދިޔައީ ފަތަޙައިގެ އުފާފާޅުކުރާން ތައްޔާރުވަމުންނެވެ. ނަމަވެސް އެއްދުވަހަކު ކިސްރާގެ ދަރުބާރަށް ހާޒިރުވި ޤާސިދަކު ގެނެސްދިން ޚަބަރަކީ މުސްލިމުން ޢިރާޤުން ބޭރުކޮށް ސަހަރާގެ ތެރެޔަށް ފައްސައިލުމުގެ މަސްއޫލިއްޔަތާ ޙަވާލުކުރައްވައިފައި ބާބިލަށް ފޮނުއްވި ލަޝްކަރު ނުހަނު ލަދުވެތިގޮތަކަށް ބަލިވި ޚަބަރެވެ. ބާބިލުގެ މައިދާން އީރާނު ސިފައިންގެ މުޅަމަސްތަކުން ފުރިފައިއޮތް ވާހަކައެވެ.

ޝަހެންޝާހާއި ދަރުބާރުގެ ބޮޑުން އިރުކޮޅެއްވަންދެން ޙައިރާންފުޅުކަމާއެކު ޤާސިދާ ދިމާޔަށް ބައްލަވާން ތިއްބެވީ ކުޑަވެސް އަލިކަމެއްނެތް ލޯފުޅުތަކަކުންނެވެ. ކިސްރާ ޝެހެރިޔާރު ކުއްލިޔަކަށް ތަޚުތުން ތެދުވެވަޑައިގެން ފަރުދާގެ ފަހަތުގައިހުރި ކޮޓަރިކޮޅަކަށް ވެދެވަޑައިގެންފިއެވެ. ދަރުބާރުގައި ތިއްބެވި ބޮޑުން ހާސްވެފައިހުރި ޤާސިދާ ދިމާއަށް ސުމާރެއްނެތްހައި ގިނަ ސުވާލުތައް އޮއްސަވާން ފައްޓަވައިފިއެވެ. ނަމަވެސް އޭނާ އަރުވާ އެއްވެސް ޖަވާބަކުން އެބޭފުޅުންގެ ހިތްޕުޅު ހަމަޖެހިވަޑައެއް ނުގަންނަވައެވެ. އިރުކޮޅެއްގެ ފަހުން އެހުރިހައި ބޭފުޅުން ކިސްރާގެ ކޮއިލުން ނުކުމެވަޑައިގެން އެބޭފުޅުންގެ ގެކޮޅުތަކަށް މިސްރާބު ޖައްސަވައިފިއެވެ. ހަވީރުވީއިރު މަދާއިނުގައި އެންމެ މަޝްހޫރު ވާހަކައަކަށްއޮތީ ބާބިލަށްދިޔަ އީރާނީ ލަޝްކަރު ބަލިވި ވާހަކައެވެ. މަދާއިނުގައިތިބި ސިފައިންގެ ނަޒަރުގައި މިހެންވާންޖެހުނީ ހުރުމުޒުގެ އަވަސްއަރައިވަޑައިގަތުމުގެ ސަބަބުންނެވެ. އަމީރުންނާއި ވަޒީރުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ އެބޭފުޅުންގެ ޝަހެންޝާހުގެ ދޯދިޔާ ސިޔާސަތުގެ ނަތީޖާއެވެ. ރޭއްވެވުންތެރިކަމެއް ނެތުމުން ލިބުނު ދެރައެކެވެ. ފިކުރުބޮޑުވެ ހާސްވެފައިތިބި ޢާއްމުންނަށް މަޖޫސީ ކާހިނުން ދެމުންގެންދިޔަ ޚަބަރަކީ އީރާނުގެ ނަސީބުގެ ތަރި މިވަގުތު ހުރީ ސުންޕާ ބުރުޖެއްގައިކަމުގެ ޚަބަރެވެ.

خــالــد بــن الـوليـد رضـى اللّـه عنـــه އިސްލާމީ ލަޝްކަރުގެ ބަޔަކާއިގެން ޝާމްކަރަޔަށް ބަދަލުވެވަޑައިގެންނެވުމުގެ ސަބަބުން ފަތަޙައިގެ އުންމީދުގައި އީރާނުގެ ބޮޑުންގެ ތެރޭގައި އުފެދުނު އެކުވެރިކަން އަނެއްކާވެސް ފުނޑުފުނޑުވެއްޖެއެވެ. ޝަހެންޝާހަށް ލިބިވަޑައިގެންނެވި ފުން ހިތާމަފުޅުގެ ސަބަބުން ހިތްޕުޅު ކުދިކުދިވެ ދުވަސްކޮޅަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު ފުރާނަފުޅު ދޫކޮށްލައްވައިފިއެވެ. މަދާއިނުގެ ބޮޑުން ޤައުމުގެ ލަގަން ޙަވާލުކުރެއްވީ ސާސާނީ ޚާންދާނުގެ ޝެހެޒާދީއެއްކަމުގައިވާ ދުޚުތެޒިނާން އާއެވެ. އެކަމަނާގެ އިސްތަށިފުޅުގައި ތާޖުކުރުވުމާއެކު ކާހިނުން އިޢުލާނުކުރީ އީރާނުގެ ތަރި މިހާރު ސުންޕާކަމުގެ ބުރުޖުން ނުކުމެއްޖެކަމުގައެވެ. ނަމަވެސް އީރާނުގެ ފުރަދާނައިންނަށް ދާދިއަވަހަށް ޤަބޫލުކުރެއްވުނީ އެ ބަލިކަށިފުޅު ޝެހެޒާދީއަށް ކިސްރާގެ ތާޖުގެ ބުރަ ނުއުފުއްލެވޭނެކަމެވެ. އެހެންކަމުން ދުޚުތެޒިނާން ރަސްކަމުން ޢަޒުލުކޮށްފިއެވެ. ތާޖާއި ތަޚުތުގެ އާ އުމީދާރުން މައިދާނަށް ނުކުމެވަޑައިގަތުމާއެކު އީރާނުގެ ކޮއިލުތެރެ އަނެއްކާވެސް ފިނި ހަނގުރާމައިގެ މައިދާނަކަށް ވެއްޖެއެވެ. ގަނޑުވަރުތެރޭގެ ސިއްރު ރޭވުންތަކުގެ ޝިކާރައަކަށް ވެއްޖެއެވެ. ރަސްކަން ހޯދުމުގެ ވާދަވެރިކަމުގައި ގުޅަމަތިހިފާ މައިދާނަކަށް ވެއްޖެއެވެ.

+ + + + +

ދުޚުތެޒިނާން ޢަޒުލުކުރެވުމަށްފަހު ކިސްރާގެ ތާޖާއި ތަޚުތަށް ދަޢުވާކުރައްވާން ފެއްޓެވި އުމީދާރުންގެ ތެރެއިން އެއްބޭފުޅަކީ ޝެހެޒާދީ އާޒަރުމީދުޚުތެވެ. އެކަމަނާގެ ނިސްވާނީ ރީތިފުޅުކަމާއި، ބޮޑާފުޅުކަމާއި، އަމިއްލަފުޅަށް ފެނިވަޑައިގެންފައި ހުންނަވާލެއް ބޮޑުކަމުގެ ވާހަކައަކީ މުޅި އީރާނުގެ އެންމެން ދަންނަ ވާހަކައެކެވެ. އެންމެންގެ މެދުގައި މަޝްހޫރު ވާހަކައެކެވެ. އެކަމަނާގެ ޝަޚްޞިއްޔަތު ރަނގަޅަށް ދަންނަ މީހުން ބުނާގޮތުގައި އީރާނުގެ ޝާހީ ގަނޑުވަރުތަކުގެ ތެރޭގައި ގިނަ ފިތުނަތައް ވިހައި ބޮޑުވަނީ އެކަމަނާގެ ފަރި ހިނިފުޅުވެޑުވުންތަކުގެ ސަބަބުންނެވެ. ދުޚުތެޒިނާން ޢަޒުލުކުރެވުމަށްފަހު އީރާނުގެ ބޮޑުންގެ ތެރެޔަކު އެބޭފުޅެއްގެ ވިސްނުންފުޅު އެހެންބޭފުޅުންނަށް އެއްބަސްވެވަޑައިގެންނެވޭފަދަ ނިޔާއަކަށް ހެއްދެވޭވަރުގެ ޝަޚްޞިއްޔަތެއް ނެތެވެ. ރަސްކަލަކު ޢައްޔަންކުރުމަށްޓަކައި ބޭއްވުނު ފުރަދާނައިންގެ ބައްދަލުވުން ނިމުނީ އެއްވެސްކަހަލަ އެއްބަސްވުމަކަށް ވަޑައިނުގެންނެވިއެވެ. އެހެންކަމުން އެހެން ދުވަހަކަށް ވަނީ ބައްދަލުވުން ލަސްކޮށްލެވިފައެވެ.

ވިދިގެންއައި ދުވަހު ކިސްރާގެ ކޮއިލުގައި ބައްދަލުވުން ފެށުމާއެކު މަދާއިނުގެ އަމީރުންކުރެ އުމުރުފުޅުން ދުވަސްފުޅުވީ ވަޒީރެއް ހުށަހެޅުއްވުމެއް ހުށަހެޅުއްވިއެވެ. "ރަސްކަމުގެ ތަޚުތަށް އެންމެ ބޮޑަށް ވާދަކުރައްވާ ދެ އުމީދާރުން ކަމުގައިވާ ޝާހުޕޫރާއި އާޒަރުމީދުޚުތާ ދެބޭފުޅުންކުރެ ބޭފުޅަކާމެދު މިއަދު އަޅުގަނޑުމެންނަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އަޅުގަނޑަށް ފެންނަނީ ރަސްކަމާމެދު ގޮތެއް ނިންމުން ކޮންމެވެސް ތިންވަނަ ފަރާތަކާ ޙަވާލުކުރުމެވެ. އެތެރޭގެ ބައިބައިވުމާއި ފިތުނަފަސާދައިން ޤައުމު ސަލާމަތްކުރުމަށްޓަކައެވެ." ކޮންމެވެސް ބޭފުޅެއް އެހުށަހެޅުމަށް ތާއީދު ކުރެއްވިއެވެ. ހަމައެއާއެކު ޝާހީ ޢާއިލާގެ އެހެން ޝެހެޒާދީއެއް ކަމުގައިވާ ޕޫރާންދުޚުތު ރަސްކަމަށް އިސްކުރަން ހުށަހެޅުއްވިއެވެ. ޝެހެޒާދީޕޫރާން ޝާހުޕޫރާއި އާޒަރުމީދުޚުތަށްވުރެ ތަންކޮޅެއް ދޮށިފުޅެވެ. ގަނޑުވަރުތެރޭގައްޔާއި ރައްޔިތުންގެ ތެރޭގައި އެކަމަނާގެ ނަންފުޅު ފާހަގަކުރެވެނީ ތަފާތެއްނެތި އިޙްތިރާމާ އެކުގައެވެ. ނަމަވެސް އެކަމަނާގެ ނަންފުޅު ހުށަހެޅުނުއިރު ދައުލަތުގެ ބޮޑުންކުރެ ބައެއްބޭފުޅުން ފާޅުގައި ޝާހުޕޫރަށް އަނެއްބައި ބޭފުޅުން އާޒަރުމީދުޚުތަށް ތާއީދުކުރައްވަމުން މައިދާނަށް ނުކުމެވަޑައިގެންފިއެވެ. އެހެންކަމުން ޕޫރާނަށް ތާއީދުކުރައްވާ ޖަމާޢަތަކަށް މާބޮޑު ފޯރިޔެއް ނުދެއްކެވުނެވެ. ވަރަށް ދިގުކޮށް ބަޙުޘް ކުރެވި އެންމެފަހުން އަރައިރުމަކަށްދާން ތައްޔާރުވުމުން ޕޫރާނުގެ ފަރާތުގެ ބޭފުޅަކު އެހެން ހުށަހެޅުއްވުމެއް ހުށަހެޅުއްވިއެވެ. އޭނާ ހުށަހެޅުއްވީ ޝެހެޒާދީ ޕޫރާން އަނެއް ދެބޭފުޅުންގެ މެދުގައި ޙަކަމަކަށް ހެއްދެވުމަށެވެ. މިހުށަހެޅުމާމެދު ބަޙުޘު ކުރެވެމުންދަނިކޮށް އީރާނުގެ ލަޝްކަރުތަކުގެ ކޮމާންޑަރ އިން ޗީފް ބަހުމަން ދަރުބާރަށް ވެދެވަޑައިގެންފިއެވެ. އޭނާ އެއްވެސް ތަމްހީދަކާ ނުލައި ބާރު އަޑުފުޅުން ވިދާޅުވިއެވެ.

"ޢިއްޒަތްތެރީންނެވެ! އަޅުގަނޑު މި ބަޙުޘުގައި ބައިވެރިވާކަށެއް ބޭނުމެއް ނޫނެވެ. އަޅުގަނޑު ދަންނަވަން ބޭނުމެވެ. މިވަގުތު ޙާލަތު ނިޔާކުރާގޮތުން އީރާނަށް ބޭނުންވަނީ ހަމައެކަނި ރަސްކަލަކު އިސްކޮށްލުމެއް ނޫނެވެ. މިވަގުތު އީރާނަށް ބޭނުންވަނީ ތިޔަހުރިހައި ޢިއްޒަތްތެރީންގެ ތާއީދާއި ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ރަސްކަލެކެވެ. އަޅުގަނޑަށް ދާދި ދެންމެޔަކު ޚަބަރުލިބުނު ގޮތުގައި ޚުރާސާނުގެ ގަވަރުނަރު ފަރަޚުޒާދު މަދާއިނަށް އެބަވަޑައިގަންނަވައެވެ. އިރުއޮއްސޭންވާއިރަށް އޭނާޔަށް ވަޑައިގެންނެވޭނެއެވެ. އޭނާ ވަޑައިގަންނަވާންވާއިރަށް ތިޔަބޭފުޅުންނަށް ވަކިބޭފުޅަކާމެދު އިއްތިފާޤުވެވަޑައިނުގެންނެވިއްޖެނަމަ އަޅުގަނޑުގެ މަޝްވަރާއަކީ ފަރަޚުޒާދު ޙަކަމަކަށް ހެއްދެވުމެވެ."

ދަރުބާރުގެ ތަނަވަސް ހޯލަށް އިރުކޮޅެއްގެ ހަނުހިމޭންކަމެއް ވެރިވެއްޖެއެވެ. ހޯލުގެ ބިއްދޮށުގައިހުރި ކޮޓަރިކޮޅެއްގެ ދޮރުކޮޅުގެ ތުނި ފަރުދާ ކުއްލިޔަކަށް ކަހައިލެވިއްޖެއެވެ. އާޒަރުމީދުޚުތު އެކަމަނާގެ ރީތި ލޯފުޅުންނާއި ފަރި ހިނިފުޅުވެޑުވުމުން މީހުންގެ ހިތްތަކަށް ހޮނުއަޅުއްވަމުން އެކޮޓަރިކޮޅުން ނިކުމެވަޑައިގެންފިއެވެ. އެކަމަނާ ޝާހީ މަސަންދުގެ ކައިރިޔަށް ވަޑައިގެން ވިދާޅުވިއެވެ. "ކޮމާންޑަރ އިން ޗީފްގެ ހުށަހެޅުއްވުން އަހަރެން ޤަބޫލުކޮށްފީމެވެ."

ޝެހެޒާދާ ޝާހުޕޫރު ވަޒީރުންގެ ބައެއް ބޭފުޅުންނާއެކު ޝާހީ މަސަންދުގެ ބިއްދޮށުގައި އިންނެވިއެވެ. އޭނާ ހައިރާންފުޅުކަމާއި ކޯފާގެ ލޯފުޅަކުން އާޒަރުމީދުޚުތާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ ތެދުވެވަޑައިގެން އިޢުލާން ކުރެއްވިއެވެ. "އަހަރެންވެސް އެހުށަހެޅުއްވުމާ ޤަބޫލެވެ. އަހަރެން އެދެނީ މިބައްދަލުވުން މާދަމާގެ ހެނދުނަށް ލަސްކޮށްލުމެވެ."

ހާޒިރުވެވަޑައިގެން ތިއްބެވި ބޮޑުން އިރުކޮޅެއްގެފަހުން އެބޭފުޅުންގެ ގެކޮޅުތަކަށް މިސްރާބު ޖައްސަވައިފިއެވެ. ބަހުމަންގެ ބުއްދިވެރިކަމާއި ދަނޑިވަޅުގެ ބޭނުން ކުރައްވަން ދެނެވަޑައިގަންނަވާ ފުރިހަމަކަމާމެދު ތާރީފު ކުރައްވަމުންނެވެ.

+ + + + +

އިރުއޮއްސުނު ވަގުތެވެ. ޝެހެޒާދީ އާޒަރުމީދުޚުތު ހުންނެވީ އެކަމަނާގެ ގަނޑުވަރުގެ މަތީބުރީގެ ކުޑަދޮރުކޮޅެއްގެ ކައިރީގައެވެ. އެކަމަނާ ހުންނެވީ ކޯރުގެ ރީތި މަންޒަރުތައް ބައްލަވާށެވެ. ކަރުގައި ޗޭނުޖަހައިފައިއޮތް ޅަސިންގާއެއް އެކޮޓަރިކޮޅުގެ އޮޅިކޮޅުމަތީގައި ބޯއަޅައިލައިގެން އެކަމަނާއާ ދިމާޔަށް ބަލަހައްޓައިގެން އޮތެވެ. ނިސްވާނީ ރީތިކަމުގެ އެ މުޖައްސިމާގެ ރީތި ލޯފުޅުން އޮހެމުންދިޔައީ ކޯފާއާއި ނަފްރަތުގެ އަލިފާނެވެ. ޚާދިމާއެއް ދުވެފައި އައިސް އެކޮޓަރިކޮޅަށް ވަދެއްޖެއެވެ. އޭނާ ދެންނެވިއެވެ. "ޝެހެޒާދީއެވެ. ސިޔާދުޚަޝް އަތުވެއްޖެއެވެ."

"އޭނާ ގޮވައިގެން އަންނާށެވެ!" އާޒަރުމީދުޚުތު އެހެންވިދާޅުވެފައި ކަންބޮޑުވެވަޑައިގެން ހުންނަވައި ކޮޓަރިކޮޅުގެ ތެރޭގައި ބުރެއް ޖައްސަވައިލެއްވިއެވެ. އެއަށްފަހު އަނެއްކާވެސް ކުޑަދޮރުކޮޅުގެ ކައިރިޔަށް ވަޑައިގެން އެތާނހުރި ސޯފާގޮނޑިކޮޅެއްގައި އިށީނދެވަޑައިގެންފިއެވެ.

އިރުކޮޅެއްގެފަހުން ވަރަށް ވަރުގަދަ ހަށިގަނޑެއްގެ ވެރިޔެއް އެކޮޓަރިކޮޅަށް ވަދެއްޖެއެވެ. އޭނާގެ ކަންފަތުގައިވަނީ މުތީގެ ކަންފަތު މުދިލައިފައެވެ. ބޮލުގައިއޮތީ ޖަވާހިރުން ޖަރީކޮށްފައިވާ ތާކިހަލެކެވެ. އޭނާ އަދަބުވެރިކަމާއެކު ސަލާންކޮށްފައި އިޙުތިރާމާއެކު ހުއްޓިއްޖެއެވެ.

އާޒަރުމީދުޚުތު ވިދާޅުވިއެވެ. "ކަލޭ ބުނަން ތިޔައުޅެނީ ފަރަހުޒާދަކީ ޙަކަމެއްކަމަށް އަހަރެން ޤަބޫލުކުރި ކުރުމަކީ ގޯހެއްކަމަށް ހެއްޔެވެ؟"

"ނޫނެކެވެ. ކަމަނާފާނު ގޯހެއް ނުހައްދަވަމުއެވެ. މިވަގުތު ކަންހުރިގޮތުން ކަމަނާގެ ކުރިފުޅުމަތީގައި އެނޫންގޮތެއް ނުވެސްނެތެވެ. އެކަމަކު...."

ޝެހެޒާދީ އޭނާގެ ވާހަކަ މެދުކަނޑުއްވައިލައްވަމުން ވިދާޅުވިއެވެ. "ފަރަޚުޒާދު އަހަންނަށް ތާއީދު ނުކުރައްވައިފާނެތީ ކަލޭ ބިރުގަތީދޯއެވެ؟"

"އާދޭހެވެ. މީހުން ބުނާގޮތުގައި މިވަގުތު ޙާލަތު ހުރިގޮތުން އީރާނުގެ މުސްތަޤްބަލު އަންހެނަކާ ޙަވާލުކުރާކަށެއް ފަރަޚުޒާދު ޤަބޫލުފުޅެއް ނުކުރައްވާނެއެވެ. އަޅުގަނޑަށް ޚަބަރު ލިބިފައިވާގޮތުގައި ޕޫރާންދުޚުތު ޝާހުޕޫރަށް އެކަމަނާގެ ޙައްޤު ދޫކޮށްލައްވައިފިއެވެ."

އާޒަރުމީދުޚުތު ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނަވައި ޖަވާބުދެއްވިއެވެ. "ތިޔައީ އަހަންނަށް ވިސްނިފައިނެތް ކަމެއް ނޫނެވެ. އަހަންނަށް ފަރަޚުޒާދު އަހަންނާ އެއްބައިކުރެވިއްޖެނަމަ ޕޫރާން އަހަންނާ ދެކޮޅުހެއްދެވިކަމުގައިވިޔަސް އަހަރެންގެ ފަރުވާލެއްނެތެވެ. އަހަރެމެންގެ މައްސަލަ އަންހެނެއްގެ އަތްމައްޗަށް ނުގޮސް ފިރިހެނެއްގެ ކުރިމައްޗަށް ހުށަހެޅޭކަމީ ޝާހުޕުރުގެ ނަސީބުފުޅު ދެރަކަމެވެ."

"ކަމަނާފާނު ފަރަޚުޒާދާމެދު މާބޮޑަށް އުންމީދު ނުކުރައްވާށެވެ. އޭނާގެ އުމުރުފުޅު މިހާރު ވަނީ ފަންސާހަށްވުރެ މައްޗަށް ގޮސްފައެވެ."

"ޚުރާސާނުގެ ޙާކިމުގެ ދެލޯފުޅާއި ކަންފަތްޕުޅު ސަލާމަތުން ހުރެފައި އޭނާ ކާސިކުރެވިފައިނުވާނަމަ އޭނާގެ އުމުރުފުޅާމެދު ކަލޭ ފިކުރު ބޮޑުކުރުމުގެ ބޭނުމެއްނެތެވެ."

ސިޔާދުޚަޝް ޖެހިލުންވެހުރެ ދެންނެވިއެވެ. ސާހިބު ކަމަނާގެ މަޠުލަބަކީ.... ކަމަނާ....."

ޝެހެޒާދީ ނުގަބޫލުފުޅުވެފައި ވިދާޅުވިއެވެ. "އަހަރެންގެ މަޠުލަބަކީ ފަރަޚުޒާދު ވަކިގޮތަކަށް ނިޔާކަނޑައެޅުއްވުމުގެ ކުރީން އޭނާ އެންމެފަހަރަކު އަހަރެން ދެކެވަޑައިގަތުން ފިޔަވައި އެހެންކަމެއް ނޫނެވެ."

(ނުނިމޭ)