ވޯލްޑް ބޭންކު

ވޯލްޑްބޭންކުން ރާއްޖެއަށް 16.5 މިލިއަން ޑޮލަރު ދޭން ނިންމައިފި

އިބްރާހިމް ޒަކީ

ވޯލްޑް ބޭންކުން ދިވެހި ރާއްޖެއަށް 16.5 މިލިއަން ޑޮލަރުގެ މާލީ އެހީ ދޭން ނިންމައިފި އެވެ. ވޯލްޑް ބޭންކުން ދޭން ނިންމާފައިވާ މި އެހީގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ހިލޭ އެހީ އެވެ. އަނެއް ބަޔަކީ ލޯނު އެހީ އެވެ.

ވޯލްޑް ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއެހީއަކީ، ކުރިމަތިވާ ކާރިސާތަކާއި އެހެނިހެން ހާދިސާތަކުން އަރައިގަތުމުގެ ގާބިލްކަން އިތުރުކުރެވޭ ފަދަ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރުމަށާއި، ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށްޓަކައި ދޭ އެހީއެއް ކަމަށެވެ.

މި އެހީގެ އެއްބަސްވުމުގައި މިދިޔަ ހަފުތާގައި ޑިޖިޓަލްކޮށް ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ފައިނޭންސް އިބްރާހިމް އަމީރެވެ. ވޯލްޑް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ޑރ. އައިޑާ ސްވަރާއީ-ރިޑިހޯ އެވެ.

ވޯލްޑް ބޭންކުގެ ނޫސްބަޔާނުގައި ބުނެފައިވަނީ، "މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓް" ގެ ދަށުން، އެތައް ޒަމާނެއްވެފައިވާ ވެރިރަށް މާލޭގެ ފެން ހިންދުމުގެ ނިޒާމްގެ ފެންވަރު މަތިކުރެވިގެންދާނެ ކަމަށެވެ.

"މި ނިޒާމަކީ، 40 އަހަރުދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ އަދި ބޭނުން ނުހިފޭ ހާލަތުގައިވާ ނިޒާމެއް. ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވެހޭ ވާރޭގެ ނިސްބަތް އިތުރުވަމުން ގޮސްފައިވާއިރު، ފެންހިންދާ ހޮޅިތައް ހަލާކުވެފައިވުމާއި ބެދިފައިވުމުގެ ސަބަބުން މާލޭގައި ފެންބޮޑުވުމުގެ އެތައް ހާދިސާތަކަކާ ކުރިމަތިލާންޖެހިފައިވޭ. މި ހާދިސާތަކުގެ ސަބަބުން، ވިޔަފާރިތަކަށާއި މަގުމަތީގެ ޓްރެފިކަށް އަސަރުކޮށް، ގިނަ އަދަދެއްގެ މުދަލަށް ގެއްލުން ލިބިފައިވޭ،" ބަޔާނުގައި ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، ނަރުދަމާގެ ނިޒާމް މެދުވެރިކޮށް ހިންދޭ ފެން ރައްކާތެރި ގޮތުގައި ނައްތާލުމަށްޓަކައި ބޭނުންވާ ސުރޭވޭޖް ޓްރީޓްމަންޓް ޕްލާންޓެއް، ހުޅުމާލޭގައި ގާއިމްކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

"ތޮއްޖެހިފައިވާ ސިޓީތަކުގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެއް. ސަރަހައްދީ ހަބްތައް ގާއިމްކޮށް، ތޮއްޖެހުން ކުޑަކުރުމަށް އަމާޒުކުރެވޭ ގެދޮރުވެރިކުރުމުގެ ސިޔާސަތުތައް ވެގެންދާނީ ގުދުރަތީ ކާރިސާތަކާއި ބަލިމަޑުކަން ފަދަ ކަންކަމުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުތަކަށް،" ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ އައިޑާ ސްވަރާއީ ރިޑިހޯ މި ބަޔާނުގައި ވިދާޅުވެފައި އެވެ.

މި މަޝްރޫއުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކާ ދެކޮޅަށް މިހާރަށް ވުރެ ރަނގަޅަށް މަސައްކަތްކުރުމަށްޓަކައި ރާއްޖެއަށް އެހީތެރިވެދިނުމުގެ ގޮތުން، ދުރާލައި އިންޒާރުދޭ ޒަމާނީ ނިޒާމެއް ފޯރުކޮށްދިނުމާއި، ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ވަރުގަދަކުރުމަށްޓަކައިވެސް މަސައްކަތްކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

އަލަށް ހިންގާ 'އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓް' ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މާލެ އަދި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗާ އިން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި މަޝްރޫއަށް ޖުމުލަ ހޭދަކުރެވޭނީ 16.5 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ފޯރުކޮށްދޭ 8.25 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 8.25 މިލިއަން ޑޮލަރުގެ ލޯނު އެހީ ކަމަށްވެސް ބަޔާނުގައި ވެއެވެ.