މިންހާ ފާއިޒް ރަޝާދު
ކޮރޯނާވައިރަހުން އުފެދިފައިވާ ބަލި ކޮވިޑް19ގެ ދިރާސާތައް ކޮންމެ ދުވަހަކުވެސް އެތައް ގައުމަކުން އަންނަނީ ކުރަމުންނެވެ. މުޅިން އާ ބައްޔެއް ކަމުން މިބަލީގެ އެކި ކަންކަން ބަދަލުވަނީވެސް ވަރަށް އަވަހަށެވެ.
ގޮތްނޭނގޭ، ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހެއްގެ ސަބަބުން މުޅި ދުނިޔެ މި ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެންމެންގެ ދިރިއުޅުން މިވަނީ ހިސޯރުކޮށްފައެވެ. ބޭހެއް ފަރުވާއެއް އަދި ހޯދިފައިނުވާއިރު ވެކްސިންތައް އުފެއްދުމުގެ ޓެސްޓުތައް އެކިގައުމުތަކުން އަންނަނީ ކުރަމުންނެވެ.
ބަލީގެ އެންމެ އާންމު އަލާމާތަކުގެ ތެރޭގައި ހުންއައުމާއި ހިކި ކެއްސުމާއި، ކަރުގައި ރިއްސުން އަދި ނޭވާލާން އުނދަގޫވުން ހިމެނެއެވެ. ބައެއް މީހުން ވަރުދެރަވެ ގައިގައި ރިއްސާއިރު ވަސް ނުދުވުމާއި ރަހަނުލުންވެސް އަލާމާތުގެ ގޮތުގައި ވަނީ ފާހަގަވެގެންގޮސްފައެވެ.
އިނގިރޭސިވިލާތުގެ ދިރާސާ ކުރާ ފަރާތްތަކުން ބުދަ ދުވަހު ވަނީ އަނެއްކާވެސް ތަފާތު އަލާމާތްތަކެއް، އަށް ކުޑަ ކުއްޖެއްގެ ފުށުން ފެނިފައިވާކަމަށް ބުނެފައެވެ. އެކުދިންގެ ފުށުން ފެންނަ އަލާމާތްތަކަކީ "ކަވަސަކީ" ބަލީގެ އަލާމާތްތަކެވެ. މި ބައްޔަކީ ލޭނާރުތަކުގެ ފަށަލަ ދުޅަވެ، ހިތަށް ލޭދިއުން މަދުކޮށްލާ ބައްޔެކެވެ.
ހަމަ މީގެ ކޭސްތަކެއް އެމެރިކާގެ ނިއު ޔޯކުގެ ސްޓޭޓް ޑިޕާޓްމަންޓް އޮފް ހެލްތުންވެސް ވަނީ ރިޕޯޓުކޮށްފައެވެ. ނިއު ޔޯކުން ވަނީ މީގެ 64 ކޭހެއް ފެނިފައެވެ. މިއަށް އެމީހުން ދިން ނަމަކީ "ޕީޑިއާޓްރިކް މަލްޓި-ސިސްޓަމް އިންފްލިމޭޓަރީ ސިންޑްރޯމް އެސޯޝިއޭޓެޑް ވިތު ކޮވިޑް 19" އެވެ.
އިނގިރޭސިވިލާތުގެ ކުޑަކުދިންގެ ހޮސްޕިޓަލުތަކުން ބުނި ގޮތުގައި މިގޮތަށް މިފެންނަ ކުދިންނަކީ ކުރިން "ފިޓް އެންޑް ވެލް" (ދުޅަހެޔޮ ހަށިހެޔޮ) ކުދިން ކަމުގައެވެ. މި ކޭސްތަކުން ފެނިފައިވާ އެއްކުއްޖަކު ސްޓްރޯކު ޖެހި މަރުވެފައިވާ ކަމަށްވެސް އެ ގައުމުން ވަނީ ރިޕޯޓުކޮށްފައެވެ.
މިކަމާ ގުޅިގެން އިނގިރޭސިވިލާތުން ވަނީ މިއީ ކޮވިޑް19ގެ އާ ކްލަސްޓަރެއްގެ ގޮތުގައި ފާހަގަކޮށް ގައުމީ ފެންވަރުގައި އެލާޓްވެސް ނެރެފައެވެ. މިދިޔަ މަހުގެ ފަހުކޮޅު ބްރިޓެންގެ ނެޝަނަލް ހެލްތު ސާވިސްއިން ވަނީ "ކަވަސަކީ" ބަލީގެ ކުދިން ފެނުން އިތުރުވާނެ ކަމަށާއި އެކުދިން ކޮވިޑް19އާއި ލިންކުވެދާނެ ކަމަށް ބުނެ ހުރިހާ ޑޮކްޓަރުންނަށް އެލާޓު ފޮނުވާފައެވެ.
ޑޮކްޓަރުން އެއްކުރި މައުލޫމާތުން އެ އަލާމާތްތައް ހުރި 20 ކުދިންނަށް ފަރުވާ ދީފައިވާކަން އެގައުމުން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރެއިން 10 ކުދިން ބައްޔަށް ޕޮޒިޓިވްކަން އެނގުނީވެސް އެންޓިބޮޑީ ޓެސްޓު ހެދުމުންކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އޭގެ މާނައަކީ އެކުއްޖާއަށް ކޮވިޑް ޖެހި ރަނގަޅުވެފައިވުން ނުވަތަ ކުރިން ބައްޔަށް ހުށަހެޅިފައިވުމެވެ. ކޮވިޑް ހުރިތޯ ބެލުމަށް އާންމުކޮށް ހަދާ ޓެސްޓުން ކުއްޖާ ނެގެޓިވްކަމުގައި ދެއްކިނަމަވެސް، ކުރިން ބަލިޖެހި ރަނގަޅުވެފައިހުރިކަން އެންޓިބޮޑީ ޓެސްޓުން ދެނެގަނެވެއެވެ.
އިނގިރޭސިވިލާތުގެ ބްރައިޓޮން އެންޑް ސުޒެކްސް މެޑިކަލް ސްކޫލުގެ ޕްރޮފެސަރ އޮފް އިންފެކްޝިއަސް ޑިޒީޒް ޑރ، ޖޮން ކޮހޭން ވިދާޅުވި ގޮތުގައި އެކުދިންގެ ފުށުން ފެންނަ އަލާމާތްތަކަކީ ކޮވިޑް19އާ ގުޅުން ހުރި ކަމެއް ނޫންކަމަށްވެސް ވެދާނެ ކަމަށެވެ.
އެމެރިކާއިންވެސް މީގެ ކޭސްތައް ރިޕޯޓްކޮށްފައިވާއިރު ހޯމަ ދުވަހު އެކަނިވެސް 15 ކުދިން ކޮވިޑް19 އާ ގުޅުންހުރި "އިންފްލިމޭޓަރީ ސިންޑްރޯމް" ހުރެގެން އެޑްމިޓްކޮށްފައިވާ ކަމަށް ނިއު ޔޯކު ސިޓީގެ ހެލްތު ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.
"ނަސީބަކުން ކޮވިޑްގެ ސަބަބުން ކުޑަކުދިންނަށް ބޮޑުވަރެއް ނުވޭ. އެކުދިންގެ ކިބައިން ފެންނަނީ ވަރަށް ކުދި އަލާމާތްތަކެއް. ނަމަވެސް ބައެއް ހާލަތްތަކުގައި ބިރުވެރި އިންފްލިމޭޓަރީ ސިންޑްރޯމް އެބަ އުފެދޭ" ނިއު ޔޯކު ސްޓޭޓް ޑިޕާޓްމަންޓް އޮފް ހެލްތުގެ ކޮމިޝަނަރު ޑރ. ހޮވާޑް ޒުކާ ނެރުއްވި ބަޔާނުގައި ވެއެވެ.
މި ސިންޑްރޯމުގައި، ހުންއައުން، ރޭޝް އުފެދުން އަދި ހިތުގެ އެކި މައްސަލަތައް ދިމާވެ ހާލުބޮޑުވާގޮތް ދިމާވެދާނެކަމަށް އެބަޔާނުގައި ވެއެވެ. ނިއު ޔޯކުން ފެނުނު 64 ކުދިންގެ ތެރެއިން ފަސް ކުއްޖަކު ވެންޓިލޭޓަރަށް ލާން ޖެހުނު އިރު، އޭގެ ތެރޭން ދެބައިކުޅަ އެއްބައި ކުދީންނަށް ބްލަޑް ޕްރެޝަރު ސަޕޯޓު ދޭން ޖެހުނުކަމަށް ވެއެވެ.
މިދިޔަ މަހު ސްޓޭންފޯޑް ޗިލްޑްރަންސް ހޮސްޕިޓަލުން ވަނީ ހަމަހުގެ ކުއްޖެއްގެ ގައިން "ކަވަސަކީ" ބަލި ފެނިގެން އެޑްމިޓްކޮށް ހެދި ޓެސްޓުން އެކުއްޖާ ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ބުނެފައެވެ. އެކުއްޖާ މިހާރު ފަސޭހަވެފައިވީ ނަމަވެސް އެއީ ޑޮކްޓަރުންނަށްވެސް މުޅިން ތަފާތު ތަޖުރިބާއެއް ކަަމަށް އެހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް "ވަން" އަށް ވިދާޅުވީ ރާއްޖޭގައި ކޮވިޑް ޖެހުނު ކުދިންގެ ކަވަސާކީގެ އެއްވެސް އަލާމާތެއް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ. އަދި ކޮވިޑު ޖެހިފައި ރާއްޖޭގައި ތިބި ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިންވެސް ރާއްޖޭގައި ކަވަސާކީ ބަލި ފެނިފައިވާ ކަމަށާއި އެއީ ކޮންމެހެން ކޮވިޑާއި ގުޅިގެން ފެނިގެން އުޅޭ ބައްޔެއް ނޫންކަމަށްވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.
"ކަވަސާކީ ބަލި ޖެހެން ވަކި ކަމެއް ނޯވޭ. އެއީ އިންފެކްޝަނުން އުފެދޭ ބައްޔެއްކަމުން އިންފެކްޝަން ގިނަ ވީމަ މިހާރު ބަލި އެއުޅެނީ. އެކަމު ރާއްޖޭގައި މިވަގުތު ކޮވިޑު ޖެހުނު ކުދިންގެ ކިބައިން މިބަލި ނުފެނޭ. އަޅުގަނޑުމެންގެ ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅު." ޑރ ފައިސަލް ވިދާޅުވިއެވެ.
ޑރ ފައިސަލް އިތުރަށް ވިދާޅުވީ މި ބަލި މިހާތަނަށް ފެނިފައިވަނީ އިޓަލީ، އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމު ތަކުންކަމަށެވެ.