ރާއްޖެ އައުމުގެ ކުރިން ރާއްޖޭގެ ރިސޯޓުތަކާއި، ފަތުރުވެރިކަމުގެ ރަށްތައް އޮންލައިންކޮށް ބަލައިލެވޭނެ ވާޗުއަލް ރިއަލިޓީ (ވީއާރު) ޕްލެޓްފޯމެއް ގާއިމުކުރުމުގެ މަސައްކަތް ރާއްޖޭގައި ފުރަތަމަ ޓޫރިޒަމް ފެއާއެއް ބޭއްވި ކުންފުނި ކަމަށްވާ ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް)އިން ފަށައިފިއެވެ.
"ވާޗުއަލް މޯލްޑިވްސް"ގެ ނަމުގައި ލޯންޗުކުރަން މަސައްކަތްކުރާ އެ ޕްލެޓުފޯމަކީ ފަތުރުވެރިކަމުގެ ސިނާއަތް އާ ހަރުފަތަކަށް ގެންގޮސްދޭނެ ޕްލެޓުފޯމެއް ކަމަށް ޓީޓީއެމުން ބުނެއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން އޯކާ މީޑިއާ ގްރޫޕުގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކާއި، ލޯކަލް ޓޫރިޒަމް ފައްކާވަމުން އަންނަ ރަށްރަށުގެ މައުލޫމާތު އެއްތަނަކުން ލިބެން ހުރުމަކީ ފަތުރުވެރިން ރާއްޖެއާ މެދު ޝައުގުވެރިކުރުމަށް މުހިންމު ކަމެއް ކަމަށެވެ.
މީގެ އިތުރުން ސަނީ ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓިފައިވާ އިރު، ކޮވިޑުގެ ހާލަތުން އަރައިގަނެވި، ފަތުރުވެރިކަމުގެ ދޮރުތައް ހުޅުވާލެވޭއިރު އެފަދަ ޕްލެޓްފޯމެއް ގާއިމުކުރެވިފައި އޮތުމުން އެތަކެއް ފައިދާއެއްވާނެ ކަމަށެވެ.
"ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރުވެސް އެބަހުރި އެފަދަ ޕްލެޓްފޯމުތައް. ހަގީގަތުގައި ފަތުރުވެރިންނަށް އެކަމުގެ ސަބަބުން ވަރަށް ފަސޭހަވެގެންދާނެ. އެއީ ރާއްޖެއަށް އައުމުގެ ކުރިން އެމީހުންނަށް ރާއްޖެ ވާޗުއަލްކޮށް ބަލާލެވޭނެތީ،" ސަނީ ވިދާޅުވިއެވެ.
ސަނީ ވިދާޅުވީ، އެ ޕްލެޓްފޯމަށް ވީޑިއޯއާއި ފޮޓޯލުމަށް ބޭނުންވާ ފަރާތްތަކުގެ އަތުން ފީއެއް ނަގާނެ ކަމަށާއި ނަމަވެސް އެއީ އެކަށޭނެ އަގެއް ކަމަށެވެ. އަދި ބޭނުންނަމަ ޓީޓީއެމުން އެތަންތަނަށް ގޮސް ފޮޓޯއާއި ވީޑިއޯ ނެގުމަށް ފަހު ޕްލެޓްފޯމަށް ލާނެ ކަމަށާއި އެކަމަށްވެސް އަގެއް ނަގާނެ ކަމަށް ވިދާޅުވިއެވެ.
އެގޮތުން އޮންލައިންކޮށް ރާއްޖެ ފެންނަ ގޮތަށް ޓީޓީއެމުން ދޭ މި ވާޗުއަލް ޓުއާގައި މިހާރު ވެސް ގިނަ އަދަދެއްގެ ރިސޯޓުތައް ބައިވެރިވެފައިވާ ކަމަށް ސަނީ ވިދާޅުވިއެވެ. މިކަން ކުރާނީ އެ ކުންފުނިން ރިސޯޓުތަކާއި ގެސްޓްހައުސް ހުންނަ ރަށްރަށުގެ ހާއްސަ ފޮޓޯ އާއި ވީޑިއޯތައް ނަގައި، ޕެނެރޮމިކްކޮށް ފެންނަ ގޮތަކަށެވެ. މި މަންޒަރުތައް ވީއާރާއި ފޯނު އަދި ލެޕްޓޮޕާއި ކޮމްޕިއުޓަރުން ވެސް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުންނަ މީހަކަށް ބަލައިލެވޭނެއެވެ.
ސަނީ ވިދާޅުވީ، ޓީޓީއެމުން މަސައްކަތް ކުރަނީ މިއަހަރު ނިމުމުގެ ކުރިން އެ ޕްލެޓްފޯމު ލޯންޗު ކުރުމަށް ކަމަށެވެ.
ޓީޓީއެމްއަކީ ރާއްޖޭގައި ފަތުރުވެރިކަން ފުޅާކޮށް، އިސްތިހާރުކުރުމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ އެއް ކުންފުންޏެވެ. އެގޮތުން އެ ކުންފުނިން އަންނަނީ ފަތުރުވެރިކަމާ ބެހޭ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ.
ރާއްޖޭގެ ޓޫރިޒަމަށް 48 އަހަރު ވެފައިވާ އިރު، މިހާތަނަށް ރާއްޖެ މާކެޓު ކުރަމުން ގޮސްފައިވަނީ ޓޫރިޒަމް ފެއާތަކަށް ގޮސްގެންނެވެ. ނަމަވެސް ފަތުރުވެރިކަން އިސްތިހާރުކުރުމަށް ވާޗުއަލް ޓުއާ ފަދަ ޒަމާނީ ވަސީލަތްތައް މިހާރުވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި ބޭނުން ކުރެއެވެ.
"ވާޗުއަލް މޯލްޑިވްސް" އާ ބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް 7918872 ނަންބަރު ފޯނަށް ގުޅުމުން ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ސަނީ ވިދާޅުވެއެވެ.