ރައްޔިތުންގެ މަޖިލިސް

ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި، ދިވެހިފައިސާއިން ގަނެވޭގޮތް ހަމަޖެހޭތޯ މަޝްވަރާކުރަން ހުށަހަޅައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19 ރޯގާއާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަޑިގަޑުން އަރައިގަތުމަށާއި ގައުމުގެ އިގްތިސާދު ނެގެހެއްޓުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަކަށްވާތީ، ރާއްޖެއާ ރަހުމަތްތެރި، އެކުވެރި ގައުމުތަކުން ޒަރޫރީ ބޭހާއި ކާބޯތަކެއްޗާއި އަދިވެސް އެހެނިހެން ޒަރޫރީ ތަކެތި، ދިވެހި ފައިސާއިން ރާއްޖެއަށް ގަނެވޭނެފަދަ އިންތިޒާމެއް ހަމަޖެހޭތޯ އެފަރާތްތަކާއެކު މަޝްވަރާކުރުމަށް ސަރުކާރަށް ހުށަހެޅުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މަޖިލީހަށް ހުށަހަޅައި ފާސްކޮށްފިއެވެ.

އެ ކޮމިޓީން މަޖިލީހަށް ހުށަޅައި ފާސްކޮށްފައިވަނީ، ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމުގެ މަސައްކަތުގެ ތެރެއިން އެ ކޮމިޓީން ދިރާސާކޮ ހުށަހެޅި ރިޕޯޓްގައި ހިމަނައިގެންނެވެ.

ކޮމިޓީގެ މެއިންޑޭޓްގައި ހިމެނޭ މުއައްސަސާތަކާއި އޮފީސްތަކުން މައުލޫމާތު ހޯދައި ދިރާސާކުރުމަށް ފަހު ހަކަމެއް ކުރުމަށް ރިޕޯޓްގައި ސަރުކާރަށް ހުށަހަޅާފައި ވެއެވެ.

އެގޮތުން ބޭރުގެ ގައުމުތަކުންނާއި، ބޭރުގެ އަމިއްލަ ޖަމާއަތްތަކާއި، ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ރާއްޖެއަށް ލިބެން ހަމަޖެހިފައިވާ ލޯނާއި، ހިލޭ އެހީ އާއި އަދިވެސް އެހެނިހެން އެހީތެރިކަން، ހޯދުމަށް ކުރަމުން އަންނަ މަސައަކަތް އަވަސް ކުރުމަށް ވަނީ ހުށަހަޅައިފައެވެ.

ރާއްޖޭގެ އިގްތިސާދު ރަނގަޅުކޮށް، ސިއްހީ ކާރިސާއިން ސަލާމަތްވުމަށާއި، އިޖުތިމާއީ ހަމަޖެހުމާއި ރައްކާތެރިކަމަށްޓަކައި ރާއްޖެއިން ބޭރުން ނަގާފައިވާ ލޯނުތައް ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުވަންދެން ފަސްކޮށްދިނުމަށް މަޝްވަރާ ކުރުމާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އެމީހުންގެ އެގައުމަކަށް ފޮނުވާލުމުގެ ކަންކަން އަވަހަށް ކުރުމަށްވެސް ވަނީ ހުށަހަޅައިފައެވެ.