އަބްދުﷲ ޖާބިރު

މައުމޫނުގެ ހާޒިރުގައި 29 މިލިއަން ހަވާލުކުރީ ފާރިޝްއަށް، އެކަން ސާބިތުކުރެވޭނެ: ޖާބިރު

2

މިހާރުގެ ސަރުކާރު ގެނައުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެ ރައީސް މައުމޫނަށް ކުރެއްވި އިތުބާރާ އެކު 29 މިލިއަން ރުފިޔާ ރައީސް މައުމޫނު ވިދާޅުވެގެން އެމަނިކުފާނުގެ ހާޒިރުގައި ހަވާލު ކުރެއްވީ ދަރިކަލުން ފާރިޝް މައުމޫނާ ކަމަށް ރައީސް ސޯލިހުގެ ސްޕެޝިއަލް އެންވޯއީ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު މިހެން ވިދާޅުވީ އިއްޔެގެ ތާރީޚުގައި ރައީސް މައުމޫނަށް އެޑްރެސްކުރައްވައި ލިޔުއްވާފައިވާ ސިޓީއެއްގަ އެވެ. އެ ސިޓީ އޭނާ ރައީސް މައުމޫނަށް ފޮނުއްވި ކަމެއް ޔަގީނެއްް ނުވެ އެވެ.

ޖާބިރުގެ ސިޓީގައި ވަނީ އެ 29 މިލިއަން ރުފިޔާ ހަތް ދުވަސް ތެރޭގައި އަނބުރައި ދިނުމަށާއި އެ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ އެ މައްސަލ ކަމާބެހޭ އިދާރާ ތަކަށް ހުށަހަޅައިގެން ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

""މަނިކުފާނު އަޅުގަނޑު ގާތު ދެއްކި ވާހަކަ ތަކާއި އެއްގޮތަށް އަދި ދެފަރާތުން އެއްބަސްވި ކަންތައްތަކަށް އިހުތިރާމުކުރައްވާނެ ކަމަށް ގަބޫލުކޮށް މަނިކުފާނުގެ އެވާހަކަތަކުގެ މައްޗަށް އިތުބާރުކޮށް، މަނިކުފާނު ވިދާޅުވެގެން 29 މިލިއަން ރުފިޔާ މަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫނާ ހަވާލުކުރީ ދެފަރާތުން އެއްބަސްވިގޮތަށް ކަންތައްތައް ނުދާ ކަމުގައި ވާނީ ނަމަ އެ ދަރަންޏަށް މަނިކުފާނު ޒިންމާވާ ގޮތަށްކަން އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ ވެސް ހަމަ މަނިކުފާނަށެވެ." ޖާބިރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ސިޓީގައި އިތުރަށް ޖާބިރު ވިދާޅުވީ އެ ފައިސާގެ ބޭނުންކުރައްވައިގެން ރައީސް މައުމޫނު ކުރެއްވި މަސައްކަތަކީ ހަމަ އެކަނި އެމަނިކުފާނުގެ ސިޔާސީ ކެރިއަރު ކުރިއެރުވުން ކަމަށާއި 29 މިލިއަން ރުފިޔާ ހޯދުމަށް ޓަކައި ދެއްކެވި ވާހަކަތަކަށް އެއްގޮތަކަށް ވެސް އިހުތިރާމެއް ނުކުރެއްވި އެވެ.

"އަދި އަޅުގަނޑު ހަދަނީ ދޮގު ކަމަށް ވިދާޅުވެ ޓީމް މައުމޫނުގެ ނަމުގައި ޓުވީޓު ކުރައްވައި މުޅި ގައުމުގެ އެންމެހައި ރައްޔިތުންގެ ކުރިފުޅުމަތީގައި މަނިކުފާނުގެ ތެދުވެރިކަން ނުވަތަ އަމާނާތްތެރިކަން ދެއްކުމަށް ޓަކައި މަސައްކަތްޕުޅު ކުރައްވާއިރު، އަޅުގަނޑު އަތުން 29 މިލިއަން ރުފިޔާ ފާރިޝް މައުމޫނާ ހަވާލުކުރީ މަނިކުފާނު އެހާޒިރުގައި އިންނަވައިގެން އަދި މަނިކުފާނު ވިދާޅުވެގެންކަން ސާބިތުކޮށްދެވެން އޮތް ކަމުގައި ދެންނެވީމެވެ." ޖާބިރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މިސިޓީއާ ގުޅޭ ގޮތުން ރައީސް މައުމޫން އަދި ފާރިޝް އަށް މެސެޖަކުން ދެންނެވުމުން ޚަބަރު ޝާއިއުކުރުމާ ހަމަޔަށް ޖަވާބެއް ދެއްވައިފައެއް ނުވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟