ޗައިނާ

ޗައިނާއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ކަރަންޓީން ފެސިލިޓީ މި މަހު 18 ގައި ނިމޭނެ

އައިދާ އަބްދުލް ހަކީމް

ޗައިނާއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ 800 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީ މި މަހުގެ 18 ގައި ނިމޭނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ލިޖޮންގް މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން އުޅޭ ބިދޭސީން ބައިތިއްބަން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަ ބްލޮކަކަށް ހަދާ އެފެސިލިޓީ އަކީ ޗައިނާ ސަރުކާރުން ހަތަރު މިލިއަން ރުފިޔާގެ ހަރަދުކޮށްގެން ހަދާ ތަނެކެވެ. އެ ތަނުގައި 175 މީހުންގެ ޖާގައިގެ ކާ ކޮޓަރިއަކާއި 84 މީހުންގެ ޖާގައިގެ ފާހަނާ ބްލޮކެއް ވެސް އަންނަނީ ހަދަމުންނެވެ.

ދިވެހި ސަރުކާރުގެ އެދުމަކަށް، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނީގެ މުވައްޒަފުންނާއި މަސައްކަތް ކުރުމަށް ބޭނުންވާނެ ސާމާނު ޗައިނާ އިން ވަނީ ދީފަ އެވެ. މިދިޔަ މަހުގެ ފަހުކޮޅު ހަދަން ފެށި ފެސިލިޓީގެ މަސައްކަތުގެ 68 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ.

ޗައިނާގެ ސަފީރު ޖާން ލިޖޯން ކުރެއްވި ޓްވީޓް

ސަފީރު ޒަންގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނީގެ 200 މުވައްޒަފުން ފެސިލިޓީ ހެދުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މުވައްޒަފުންނާއި ވަސީލަތާއި ސާމާނާ އެކު، އެ ކަމަށް 280،000 ޑޮލަރު (4.3 މިލިއަން ރުފިޔާ) ގެ އެހީތެރިކަން މިހާރު ވެސް ފޯރުކޮށްދީފައިވާނެ ކަމަށް އަންޒާދާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޗައިނާއިން ވަނީ، ކޮވިޑް 19 ކޮންޓްރޯލް ކުރަން ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެހީވާން 10 ވެންޓިލޭޓަރާއި 30،000 ސާޖިކަލް މާސްކާއި އިމަޖެންސީ ސާމާނު ވެސް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.